އިންގްލެންޑުން ރޭ ޑެންމާކާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކީ ރަނގަޅު ޕެނަލްޓީއެއް ކަމުގެ ޔަގީންކަން ދޭ ކަމަށް ރަހީމް ސްޓާލިން ބުނެފިއެވެ.

ރޭ އިންގްލެންޑްގެ ހޯމް، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. އެގައުމުން ބޮޑު މުބާރާތެއްގެ ފައިނަލަށް 55 އަހަރު ފަހުން ދަތުރު ކޮށްފައިވާ އިރު، މެޗުގެ އިތުރުން ވަގުތުގައި އިންގްލެންޑުން ދެވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއެއްގައެވެ. އެ ޕެނަލްޓީއާ ދޭތެރޭ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

ޑެންމާކު އޭރިއާ ތެރެއިން މިކެލް މޭލާ، ރަހީމް ސްޓާލިންނަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއާ މެދު ޑެންމާކުން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް ވީއޭއާރު ބަލައި، ރެފްރީ އެ ނިންމުމުގައި ދެމި ހުރިއެވެ. އޭރިއާ ތެރެއިން ރަހީމް ސްޓާލިން ގައިގައި ނުޖެހެނީސް ބިންމައްޗަށް ވެއްޓި ޑައިވް ކުރި ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިރު، ރިޕްލައި އިން ފެންނަ ގޮތުގައިވެސް ސްޓާލިން ވެއްޓިފައި ވަނީ މާ ބޮޑު ކޮންޓެކްޓެއް ނުވެއެވެ.

އެ ފައުލުން ލިބުނު ޕެނަލްޓީ ކޭން ޖެހުމުން ފުރަތަމަ ޝޫމައިކަލް މަތަކުރި ނަމަވެސް ރީބައުންސްގައި ކޭން އޭނާ މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ވެމްބްލީގެ ސަޕޯޓަރުން ހެއްވާލިއެވެ. މެޗަށްފަހު ވާހަކަދައްކަމުން ސްޓާލިން ބުނެފައި ވަނީ އެއީ ޔަގީނުންވެސް ޕެނަލްޓީއެއް ކަމަށެވެ.

"އޭރިއާ ތެރެއަށް ވަދެގެން ދިޔުމުން އޭނާ އަހަރެން ފައިގައި އަޅުވައި ވައްޓާލީ. ޔަގީނުންވެސް ފައިގައި ޖެހުމުން އަހަރެން ވެއްޓުނީ. އެއީ ޔަގީން ޕެނަލްޓީއެއް. މެޗުގައި ރޭ އިންގްލެންޑުން ކުޅުނީ ވަރަށް ރަނގަޅު ތަފާތު މެޗެއް. ކޮޅަށް ގޯލަށް ވަންނަމަވެސް ޓީމުން އަލުން އަނބުރައި މެޗަށް ވަން ގޮތަށް ތައުރީފު ހައްގު،" ސްޓާލިން ބުންޏެވެ.

މިއީ 1966 ވަނަ އަހަރަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އަދި އިންގްލެންޑުން ޔޫރޯގެ ފައިނަލުގައި ކުޅޭ ފުރަތަމަ މެޗުވެސް މެއެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ކުޅެ އިންގްލެންޑުން ތަށި ހޯދި ފަހުން އެޓީމަށް އަދި ބޮޑު މުބާރާތެއްގައި ފައިނަލުން ޖާގަ ލިބިފައެއް ނުވެއެވެ. އިންގްލެންޑުން ޔޫރޯ ފައިނަލުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.