ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލާފައިވަނިކޮށް އޭގެ ތެރެއިން ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ދެ މީހުން މިއަދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ ދެ މީހުން އަލުން ހައްޔަރު ކޮށްފައިވާ އިރު، އެމީހުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ވަނީ ނިންމައިފައެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް އިއްޔެ ވިދާޅުވީ ކޯޓުން ދޫކޮށްލާފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން މީހުންނެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.
އެ ތިން މީހުން ކޯޓުން ދޫކޮށްލާފައިވަނީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުންނެވެ. ސަބަބެއް ކަމަށް އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވިދާޅުވީ، އެ މީހުން ބަންދުގައި ހުންނަތާ 40 ދުވަސް ވެފައިވީ ނަމަވެސް އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވުމުން އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު