ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ނިމުމާ ގާތްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ތަހުގީގަކީ ފުލުހުންގެ ފުލް ކެޕޭސިޓީގައި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނުފޫޒެއް ނެތި ކުރަމުން އަންނަ ތަހުގީގެއް ކަމަށެވެ.
"އެއީ ނުފޫޒެއް ނުވަދެ ފުރިހަމަ އިހްތިޔާރާއި މިނިވަންކަމުގައި ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން، ވަސީލަތްތައް ބޭކާރުނުކޮށް، އެންމެ ރަނގަޅަށް އިންތިޒާމު ކުރެވިގެން އަދި އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުން ހޯދަން ޖެހޭ އެހީތެރިކަން ހޯދައިގެން ސަރުކާރުގެ ފަރާތުން ޕޮލިސީ ލެވެލްގައި ލިބިދެންޖެހޭ ގައިޑެންސް ލިބިގެން އެންމެން ރަނގަޅަށް ކުރެވޭ މިކަހަލަ އެންމެ ބޮޑު އެއް ތަހުގީގު" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ހަމަލާގެ ތަހުގީގާއި ބެހޭ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ބަރާބަރަށް ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ބޭރުގެ އެކްސްޕާޓުުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ތަހުގީގު ނިމުމާ ގާތްވެފައިވާ ކަމަށެވެ.
"ތަހުގީގު މިހާރު އެދަނީ ނިމެމުން، އެދަނީ ތަހުގީގު ނިންމާ ޕްރޮސެކިއުޓް ކުރުމަށް ތައްޔާރުވަމުން" އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަނަ ވަރު ހާމަކޮށްފައިވާ މީހުންނަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު