ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ދެ ލައްކަ އިން މައްޗަށް އަރައިފިއެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފާމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. ނަމަވެސް ފައިޒާ ވެކްސިން ދެނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް ރާއްޖޭގައި 206،245 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. މިއަދު 6،461 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހިއެވެ. އަދި ރާއްޖޭގައި މިހާތަނަށް 317،762 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާ އިސްލާމިކް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލާއި ސެނަހިޔާގައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މިހާރު އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މިދިޔަ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަނި ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ނަމަވެސް ކޮވިޝީލްޑުގެ އިތުރު ޝިޕްމެންޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އަނެއްކާވެސް ވަނީ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފައެވެ. 60،000 ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ހެޔޮ އެދޭ ފަރާތަކުންނެވެ. ކޮވިޝީލްޑުގެ ދެ ވަނަ ޑޯޒް ޖަހައިދެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

ކޮވިޝީލްޑްގެ އިތުރު ވެކްސިން ލިބިފައިވާ އިރު، މި މަހުގެ 20ގެ ކުރިން އެސްޓްރާޒެނެކާގެ އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.