މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފިއެވެ.
އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ.
ފުލުހުން ބުނީ އެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތްނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.
މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގުމާއި ގޭންގުތަކާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގޭންގާ ގުޅުން ހުރި ދެމީހަކު ކަމަށް ވެސް ބުންޏެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑުރަމަށް މިހާރު ވަނީ ފޮނުވާލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު