ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅުންހުރި އެއްވެސް މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައިނުވާ ކަމަށެވެ.
ނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުންވެސް ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހެއް ދޫކޮށްލި ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ތިން މީހުންނެއް ކަމެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.
ކްރިމިނަލް ކޯޓުން ބުނީ ފުލުހުން އެ މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމެވީ 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ، އެ މީހުން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން ދޫކޮށްލާފައިވަނީ ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އަނެއް ތިން މީހުންނަކީ މިއަދު ކޯޓުން ދޫކޮށްލި ތިން މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށް، ވަނަ ވަރު ހާމަކޮށްފައިވާ މީހުންނަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، އަދި ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު