ޔޫރޯ 2020 ގެ ފައިނަލް މެޗުގައި ބައިވެރިވުމަށް ކްރިސްޓިއަން އެރިކްސަނާއި އޭނާގެ އަންހެނުން ސަބްރީނާގެ އިތުރުން މެޗުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުގެ ބައެއް އޮފިޝަލުންނަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިންގެ ހާއްސަ ދައުވަތެއް ދީފިއެވެ.

ފިންލޭންޑާ ދެކޮޅަށް ކުޅުނު ޔޫރޯ 2020ގެ ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓަކާއެކު ދަނޑު މައްޗަށް ވެއްޓުނު އެރިކްސަންއަށް ފަރުވާ ދީފައިވަނީ ކޯޕަންހޭގަންގެ ރިގްސް ހޮސްޕިޓަލުގައެވެ. އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު ވީ އެންމެ އަވަހަށް މެޑިކަލް އޮފިސަރުންނަށް ގޮވައި ރެފްރީ މެޗު ހުއްޓުވައިލީ މެޑިކަލް އިމަޖެންސީއެއްގައެވެ. މެޗުގެ ބާކީބައި ގާތްގަނޑަކަށް ގަޑިއިރެއްހާއިރު ފަހުން ކުޅެން ނިންމީ އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް، އޭނާގެ ހާލު ސްޓޭބަލް ވުމުންނެވެ.

ހިތަށް އައިސީޑީއަށް ލައްވައި، 29 އަހަރުގެ އެރިކްސަން މިހާރު ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފައެވެ. ގޭގައި އެރިކްސަން ރިކަވާ ވަމުން އަންނަ އިރު، ޔޫރޯގެ ފައިނަލް މެޗަށް އެރިކްސަން އަދި ދާނެ ކަމެއް ނޭނގެއެވެ. ހާއްސަ މެހެމާނެއްގެ ގޮތުން ފައިނަލް މެޗަށް އެރިކްސަނާއި މެޑިކަލް ޓީމުގެ ހަ ފަރާތަކަށް ޔޫއެފާއިން ދައުވަތު ދީފައިވާ އިރު، މެޑިކަލް ޓީމުން ވަނީ މިހާރު އެ އޮފާ ގަބޫލުވެސް ކޮށްފައެވެ.

"އެރިކްސަނާއި އޭނާގެ ޕާޓްނަރު ސްބަރީނާއަށް ވަނީ ރަސްމީކޮށް ފައިނަލް މެޗަށް ދައުވަތު ދީފައި. އަދި ނޭނގެ އެރިކްސަން އަންނާނެ ކަމެއް. އެރިކްސަން ރެސްޓް ކުރަން ނިންމިޔަސް އެކަމަށް އިހުތިރާމް ކުރަން ވާނެ،" ޔޫއެފާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކާޑިއެކް އެރެސްޓެއްގައި އެރިކްސަން ދަނޑު މައްޗަށް ވެއްޓުނު ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވިއެވެ. ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ކުރި އަސަރުތަކާއެކު ޑެންމާކަށް ދިމާވީ އަންދާޒާ ކޮށްލަންވެސް އުނދަގޫ ހާލަތެކެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން ބަލިވެ އެޓީމަށް ހިތާމައިގެ މައްޗަށް ހިތާމަ ކުރިމަތިވިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު ބޮޑު ތަފާތަކުން މޮޅުވުން ނޫން ގޮތެއް ޑެންމާކަކަށް ނެތެވެ. އެ މެޗުގެ ކުރިން ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ހޮސްޕިޓަލުގައި އޮތުމަށްފަހު އެރިކްސަން ގެއަށް ދިޔުމުގެ ކުރިން ޓީމާ ބައްދަލުވެލުމެވެ. ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި ސާޖަރީއަކަށްފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ ހެލްސިންގޯއަށް ގޮސް، ޑެންމާކު ޓީމާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމަށްފަހު ޑެންމާކުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރަޝިއާއާ ދެކޮޅަށް ނުކުތީ އެރިކްސަންއަށް ޓަކައި މޮޅަކަށެވެ. އެ މެޗަށް ނުކުމެ ޑެންމާކުން ލިޔެލީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައިގެ އެންމެ ރީތި ޖާދުވީ ވާހަކައެވެ. ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އެޓީމަށް ދިމާވި އުނދަގޫ ހާލަތު ބަދަލުކޮށް، އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހޯދި މޮޅާއެކު ގަދަ 16 ޔަގީން ކުރި މަންޒަރު ބަލަން ތިބި ހުރިހާ އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ގްރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޑެންމާކު، ތިންވަނަ މެޗަށް ނުކުމެ، 4-1 އިން ރަޝިއާ ބަލިކޮށް، ގަދަ 16 އަށް ދިޔައީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. އެ ޖޯޝު، އެ ހިތްވަރު ހުރިހާ ކުޅުންތެރިން ހާއްސަ ކުރަނީ ހަމަ އެންމެ ކުޅުންތެރިޔަކަށެވެ. ކްރިސްޓިއަން އެރިކްސަންއަށެވެ. އެއީ ޓީމަށް ލިބުނު ޖާދުލުގެ ހިތްވަރެވެ.

ތަފާތު ރޫހެއްގައި ޑެންމާކު މިވަގުތު އޮތް އިރު، އެޓީމުން 1992 ވަނަ އަހަރަށްފަހު މިރޭ ފުރަތަމަ ސެމީ ފައިނަލަށް ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.