ސްޕެއިން އިން ޔޫރޯ 2020 ގެ ސެމީ ފައިނަލާ ހަމައަށް ދިޔަ އިރު، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒްއެވެ. ރޭ އިޓަލީއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައިވެސް ޕެޑްރީގެ ހުނަރިވެރިކަން ވަރަށް ބޮޑަށް ފެނިފައިވެއެވެ. އިޓަލީ މޮޅުވި ނަމަވެސް ޕެޑްރީ ވަނީ މެދުތެރެއިން "ޑޮމިނޭޓް" ކޮށް ކުޅެފައެވެ. ސްޕެއިންއިން ކުޅުނު ޕާސިން ރީތި ފުޓުބޯޅައިގެ މޭސްތެރިޔަކީ ޕެޑްރީއެވެ.
ރޭގެ މެޗުގެ 120 މިނެޓު ތެރޭގައި ޕެޑްރީ ވަނީ 65 ޕާސް ޖަހައިފައެވެ. އޭގެ ތެރެއިންވެސް އޭނާ ވަނީ 97 ޕަސެންޓް ޕާސް ކާމިޔާބުކަމާއެކު ޖަހައިފައެވެ. މެޗުގައި 80 ޓަޗު ޕެޑްރީ ބޯޅައިގައި ޖައްސައިފައިވާ އިރު، އޭނާ ވަނީ ސްޕެއިންއަށް ހުސް ދެ ފުރުސަތެއް ފަހި ކޮށްދީފައެވެ. އަދި ހަތަރު ބޯޅައެއް މެދުތެރެއިން ރިކަވާކޮށްފައިވާ ޕެޑްރީއަކީ މިހާތަނަށް މުބާރާތުގައި އެންމެ ބުރަކޮށްވެސް މަސައްކަތް ކޮށްފައިވާ ކުޅުންތެރިޔާއެވެ. ސެމީއާ ހަމައަށް އައި އިރު، މުޅި މުބާރާތުގައިވެސް އެންމެ ގިނައިން ދަނޑުގެ ސަރަހައްދު ކަވަރު ކުރި ކުޅުންތެރިޔަކީ ޕެޑްރީއެވެ. އޭނާ ވަނީ ދަނޑުގެ 46.9 ކިލޯމީޓަރަށް ދުވެފައެވެ.
ރޭގެ މެޗަށްފަހު ސްޕެއިން ކޯޗު ލުއިސް އެންރީކޭ ވަނީ ޕެޑްރީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
"ޕެޑްރީ މުޅި މުބާރާތުގައި ކުޅުނު ކުޅުން ބަލައިލިންތަ؟ އަހަރެން ހަޔާތުގައިވެސް ނުދެކެން 18 އަހަރުގެ ކުޅުންތެރިޔަކު އެވަރަށް މުބާރާތެއްގައި ކުޅުނު ތަނެއް. އިނިއެސްޓާވެސް އެ އުމުރުގައި އެވަރަށް ކުޅުނު ތަނެއް ނުދެކެން،" އިނިއެސްޓާއާއެކު އެތައް ކާމިޔާބީއެއް ހޯދި އެންރީކޭ ރޭގެ މެޗަށްފަހު ބުނެފައިވެއެވެ.
ކުރިން ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގުވެސް އެންރީކޭ ހޯދާފައިވާ އިރު، އޭރު އެންރީކޭގެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ އިނިއެސްޓާއެވެ. އަދި އިނިއެސްޓާއަކީ ޒަމާނީ ފުޓުބޯޅައިގައި ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ހާއްސަކޮށް ސްޕެއިންގެ ތާރީހުގައިވެސް އުފެދުނު އެންމެ ކާމިޔާބު ފުޓުބޯޅަ ޖެނަރޭޝަންގެ އެންމެ ހުނަރުވެރި ކުޅުންތެރިޔަކީވެސް އިނިއެސްޓާއެވެ. އެންރީކޭގެ އިތުރުން ކުރިން ސްޕެއިންއަށް ކުޅުނު ކުޅުންތެރިންނާއި ނޫސްވެރިންވެސް ވަނީ ޕެޑްރީގެ ހުނަރުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020