ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމްކޮށް މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ ވާދޫގައި ގާއިމްކުރި ޕާކުގައި ސްކޭޓްކުރާނެ ސަރަހައްދަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމަނާފައިވާނެ ކަމަށެވެ.

މި ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ ވާދޫ އަކީ ރާޅާއެޅުމަށް މަޝްހޫރު ރަށަކަށްވެފައި އެ ރަށުގެ ކުދި ބޮޑު އެންމެންނަށްވެސް މި ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެެ ކަމަށެވެ. އެއީ ސްކޭޓްކުރުމާއި ރާޅާއެޅުމުގައި އެއް ހުނަރު ތަކާއި ވިސްނުން ބަހައްޓަންޖެހޭ ކަންކަން އެއްގޮތްވުމުން ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. އަދި މިއާ އެކު ހުވަދު އޮތޮޅުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ހިނދު ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވިގެންދާނެެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް) ގެ ރައީސް އަހުމަދު ތާރިޕް މުހައްމަދު ވިދާޅުވީ މި ސްކޭޓް ޕާކުގެ ސަބަބުން ކުދިންނަށް އިތުރު ހުނަރެއް ދަސްވުން އެއީ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ.

"މި ޕާކާއެކު މުނިފޫހިފިލުވުމާއި ކުޅިވަރުގެ ތެރެއިން ޒުވާނުންގެ މެދުގައި ގުޅުން ބަދަހިވެ އެކަތިގަނޑަކަށް ވުމުގެ ފުރުސަތު ހުޅުވިގެންދާނެ. މި ފުރުސަތުގައި މި މުޖުތަމައަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓަކަށް އެހީތެރިވެދެއްވި ކަމަށްޓަކައި ބީއެމްއެލް އަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވި އެވެ.

ތާރިފް އިތުރަށް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ފަރާތްތަކާއި ގުޅިގެން ސްކޭޓްކުރުމުގެ ތަމްރީންތައް ދިނުމުގެ އިތުރުން ރައްކާތެރި މާހައުލެއްގައި ތަފާތު ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.