މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ދިއްގަރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2020ގަ އެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ.
ޖުމުލަ 121.84 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓިސީސީއާ ހަވާލު ކޮށްފައިވަނީ 15 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.