ނަފުރަތުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކޮށްފިނަމަ ނަފްރަތު އުފެއްދުމުގެ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ބުނެ އެބިލް ފާސް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދިހަ މެންބަރަކު ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިހަ މެންބަރުން ސޮއިކޮށް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެމަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނުލް އުގޫބާތު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ބިލެއް ކަމަށެވެ.
އެ ބަޔާނުގައި ސޮއިކުރައްވާފައި ވަނީ، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުސާމާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
އެ މެންބަރުން ވިދާޅުވީ، ރައްޔިތުންގެ މެދުގައި ބައެއް ފަރާތްތަކުން އުފައްދަމުންދާ ނަފުރަތުގެ އަމަލުތަކަކީ ހުއްޓުވަންޖެހޭ އަމަލުތަކެއްކަން ގަބޫލުކުރާ ކަމަށާއި ނަފުރަތުގެ އަމަލުތަކުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް ލިބިފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. އަދި އެ މައްސަލައަކީ ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންނަމަވެސް، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރު ކުރުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިކަމުގެ ހައްލުކަމަކަށް ނުވަތަ މިފަދަ ގާނޫނެއް ފާސްކުރުމުގެ މަގުސަދު ހާސިލްވާނެ ބިލެއްކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވެއެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ގެނެސްފައިވާ އިސްލާހްތަކަށް ބަލާއިރު، މިއީ ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް އޮތް ހައްލަކަށްވުމުގެ ބަދަލުގައި މިބިލުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއެވެ." ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ މެމްބަރުން ވިދާޅުވީ، ނަފްރަތުގެ ބިލުގެ ސަބަބުން ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލިގޮސް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލު ކުރެވޭ ކަމަށާއި އިސްލާމްދީނުގެ އަސްލުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅޭ މިފަދަ ބިލުތަކަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ދީނީ އިލްމުވެރިންނާ އަދި ކަމާގުޅުން ހުރި އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއި ލަފައާއެކު ޑްރާފްޓް ކުރެވި، ފާސްކުރަންޖެހޭ ބިލުތަކެއް ކަމަށެވެ.
އެހެންނަމަވެސް މިފަދަ މުހިންމު ބިލެއް އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން މި ބިލުގެ މަސައްކަތް ކުރިއިރު ކަމާގުޅުންހުރި ގިނަ ފަރާތްތަކުގެ މަޝްވަރާ އެކަށީގެންވާ މިންވަރަށް ހޯދާފައި ނުވާކަމަށްވެސް މެންބަރުންގެ ބަޔާނުގައި ފާހަގަކުރިއެވެ.
"މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން ކުރަމުންދިޔައިރު، މިބިލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްފަދަ އިދާރާތަކުން ހުށަހަޅާފައިވާ ގިނަ އިސްލާހްތަކަށް ރިއާޔަތްނުކޮށް ކޮމިޓީން މިބިލް ފާސްކޮށްފައިވާކަމީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން، ނަފްރަތުގެ އަމަލުތައް ހުއްޓުވައި، މި މައްސަލައާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށްޓަކައި މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ގާނޫނުތައް އިސްލާހުކުރުމަކީ މުހިންމުކަމެއް ކަމަށް ދެކެމެވެ" ބަޔާނުގައިވެ އެވެ.
މެމްބަރުންގެ ބަޔާނުގައި ބުނީ، މިހާރު ހުށަހަޅާފައިވާ ގޮތަށް ނަފްރަތުގެ ބިލު ފާސްކުރުމަކީ ދިވެހި ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި، ދިވެހި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތްކަމެއްކަމަށް ގަބޫލުކުރެވޭތީ، މިހާރު ހުށަހަޅާފައިވާ ގޮތަށް މި ބިލުފާސްކުރުމަށް ތާއީދު ނުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު