އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ހޯސްޓްކުރަން ބިޑް ކުރުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް ބަންގްލަދޭޝްއާއި ދިވެހިރާއްޖެއިން މެޗުތައް ކުޅެން ބިޑްކޮށްފިއެވެ.

އޭއެފްސީ ކަޕް ގްރޫޕް ޑީގައި ހިމެނޭ މެޗުތައް ހޯސްޓް ކުރުމަށް ކުރިންވެސް ރާއްޖެއިން ވަނީ ޝައުގުވެރިކަން ފާޅުކޮށް، އެ ބިޑް ކާމިޔާބުވެސް ކޮށްފައެވެ. މެއި މަހު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ފުރަތަމަ ރޭވި އިރު، މެޗުތައް އޭރު ނުކުޅެވި ފަސްކުރަން ޖެހުނީ މެޗުތަކަށް މާލެ އައި ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ, މަގުމައްޗަށް ނުކުތުމުންނެވެ. އެކަމާ ގުޅިގެން އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ, ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބެންގަލޫރު ޓީމު ވަގުތުން އެނބުރި ގައުމަށް ދާން އެންގެވިއެވެ. އޭރު ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން އާންމުންވެސް ދިޔައީ މެޗުތައް ނުކުޅުމަށް އެދެމުންނެވެ.

އެފަހަރު މެޗުތައް މެދުކެނޑިފައި އޮތުމުން އޭއެފްސީން ނިންމީ އަލުން ބިޑަށް ހުޅުވާލުމަށެވެ. ބިޑަށް ހުޅުވާލުމާއެކު ހޯސްޓް ކުރުމަށް ލިބުނީ ފިނި ތަރުހީބެކެވެ. އެހެންކަމުން ގްރޫޕް ޑީގެ މެޗުތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށްވެސް އޭއެފްސީން ވަނީ ނިންމައިފައެވެ. އޭއެފްސީން މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުވެސް ވަކި ހިސާބަކުން ކެންސަލް ކޮށްފައިވާ އިރު، އެކަން އޭއެފްސީން ކުރާނީ ހާއްސަ ހާލަތެއް އައިސްގެން އަމަލުކުރާ ވަކި އުސޫލެއްގެ ތެރެއިންނެވެ.

މެޗުތައް ކެންސަލް ވެދާނެތީ އިއްޔެ ބަންގްލަދޭޝްގެ އިތުރުން ރާއްޖޭން ވެސް ވަނީ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް އަންނަ މަހު ހޯސްޓްކުރަން ބިޑްކޮށްފައެވެ. އިންޑިއާ އިން ބިޑް ނުކުރާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ. ރާއްޖެއާއި ބަންގްލަދޭޝުން މެޗުތައް ހޯސްޓް ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ އިރު، އެ ބިޑު ރާއްޖެއަށް ކާމިޔާބުވާނެ ކަމުގެ އުންމީދު އޮތްވަރެއް އަދި ނޭނގެއެވެ. އޭއެފްސީގެ ނިންމުން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި މިވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. އެ ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ޕްލޭ އޮފް ބުރުގައި އޮތް ރާއްޖޭގެ އީގަލްސް ނުވަތަ އިންޑިއާގެ ބެންގަލޫރު އެފްސީ އަށެވެ.

މިހާރު އޮތްގޮތުން އޭއެފްސީން ނިންމާފައިވާ ތާރީހުތަކަކީ އަންނަ މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 އިން 24 އަށް ކުރިއަށްގެންދާށެވެ.