ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމަކާ ނުލައި 48 ގަޑިއިރު ބެއި ތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.

ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ފަރާތުން ފޮނުއްވި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ހަކީމެވެ.

މި ބިލު މަޖިލީހަށް ބަލައިގަތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި، 51 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މި އިސްލާހުގައި ބުނެފައި ވަނީ، ގާނޫނުގެ ހަ ވަނަ މާއްދާ އާއި ހަތްވަނަ މާއްދާ އާއި 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައި ބަޔާންކުރާ ކުށްކުރަން އުޅޭކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެދިނުމަކީ އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ ވާހަކައެވެ. ހަތް ވަނަ މާއްދާގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ވާހަކައެވެ. 12 ވަނަ މާއްދާގައި ބުނަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ އެފަދަ ކަމަކަށް މަގުފަހި ކުރުމާބެހޭ ވާހަކައެވެ. އަދި 14 ވަނަ މާއްދާގައި ބުނަނީ ގޭންގު ނުވަތަ ގުރޫޕް ހަދައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވާހަކައެވެ.

މި ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓެރަރިޒަމްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުކޮށްފި ނަމަ އޭނާ ބަންދު ކުރީ ގާނޫނީ ހަމަތަކުންތޯ ކަނޑައެޅުމަށް 24 ގަަޑިއިރުގެ ތެރޭގައި އެ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ.

ނަމަވެސް ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ޓެރަރިޒަމްގެ ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބޭތިއްބުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށެވެ. އެފަދަ ފަރާތްތައް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެފަރާތްތަކުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ބިލުގައި އިތުރަށް ވަނީ ސާފުކޮށްދީފައެވެ.

ބިލުގައި ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ދީފައިވާ ފަރާތެއް އަމިއްލަ ތަނެއްގައި ހުންނަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމާއި އެކަށޭނަ މިިންވަރެއްގެ ވަގުތަކަށް އެތަނުގައި ތިބުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.

އޭގެ އިތުރުން އެކަން ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތްތައްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެކަމަށްޓަަކައި އެފަދަ ސަރަހައްދަކަށް ގޮސް އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށްވެސް ބިލުގައި ވަނީ ކަންތައްތަކެއް ހިމަނައިފައެވެ.

އެގޮތުން އެކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސް ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމާއި އެފަދަ ފަރާތްތަކުން މުޖުތަމައު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބިލުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ކަންކަން މަގުފަހިކުރުމަށް ކުރަންޖެހޭ ކަންތައްތައްވެސް އެ ބިލުގައި ވަނީ ހިމަނައިފައެވެ.