ޚަބަރު

''ހުނަވަރު'' ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި، މަހަކު 5000 ރުފިޔާގެ އެލަވަންސެއް ލިބޭނެ

މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021 "އަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ، ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މަސައްކަތްތެރި މުވައްޒަފުން އެކުންފުނީގެ އެކި ވަޒީފާތަކަށް ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން މިފަހަރު ތަމްރީން ކުރާނީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުންނާއި ވެލްޑިންގްގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ.

ތިން މަސް ދުވަހަށް ހިންގާ އެ ޕްރޮގްރާމް އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރު 3:00 އަކަށެވެ.

އެމްޓީސީސީން ބުނީ، މިފަހަރުގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން 50 ފަރާތެއް ތަމްރީން ކުރާނެ ކަމަށެވެ. އެއީ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންގެ މަގާމަށް 30 ފުރުސަތާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ މަގާމުތަކަށް 10 ފުރުސަތު އަދި ވެލްޑިންގްގެ ދާއިރާތަކަށް 10 ފުރުސަތެވެ.

ޕްރޮގްރާމުގެ ބައިވެރިންނަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ދިރިއުޅޭ ރަށް ނޫން ރަށެއްގައި ޕްރޮގުރާމް ކުރިއަށް ގެންދާނަމަ ހުރުމާއި ކެއުމުގެ ހަރަދުވެސް ހަމަޖައްސައިދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ކުށުގެ ރެކޯޑް ނެތް ދިވެހިންނަށް ހުޅުވާލާފައިވާ މި ޕްރޮގުރާމަށް ކުރިމަތިލެވޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 14 ވަނަ ދުވަހެވެ. އަދި އިންޓަވިއު މަރުހަލާއަށްފަހު ހޮވޭ ބައިވެރިންނާ އެކު މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.