ޚަބަރު

ރައީސް ނަޝީދަށް މި ސަރުކާރަކުން އިންސާފު ހޯދައެއް ނުދެވޭނެ: ޝިޔާމް

އިބްރާހިމް ޒަކީ

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމުގައި މިހާރު މިއޮތް ސަރުކާރު ފެއިލްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެެއް މަސައްކަތްތައް ކައުންސިލްތަކަށް ދިނުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާތާ ދެ މަސް ދުވަސްވީ އިރުވެސް އެކަމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ.

އަދި ތަހުގީގާބެހޭ ފުރިހަމަ މައުލޫމާތު ރައީސް ނަޝީދަށް ލިބިވަޑައިނުގަންނަވާ ކަމަށް ރޭ އެމަނިކުފާނު ވިދާޅުވުމުން ވަރަށް ދެރަވި ކަމަށާއި އަންނަ 2023 ވަނަ އަހަރުގެ އެމްޑީޕީގެ ކެނޑިޑޭޓަށް ދިން ހަމަލާގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް އެކަމުގައި ރައީސް ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަށް ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދެވުނަސް 2023 ވަނަ އަހަރު ރައީސް ޔާމީނާ އެެކު އެކުލަވާލައި ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.