އެމެރިކާގެ ސިފައިންނަށް އެހީތެރިވެދިން އަފްގާނިސްތާނުގެ ރައްޔިތުންނަށް ތާލިބާނުން އިންޒާރު ދެމުންދޭތީ, އެފަދަ މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މެދުތެރޭ އޭޝިއާގެ ގައުމަކާ ވާހަކަދައްކަވަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިންގެ ފައުޖުތައް ފައިބަމުންދާ އިރު, ތާލިބާނާ ދެކޮޅަށް އެމެރިކާ އިން ކުރި ހަނގުރާމައިގައި ޓްރާންސްލޭޓަރުންނާއި އިންޓަޕްރިޓާސްގެ ގޮތުގައި އުޅުނު އަފްގާންގެ ރައްޔިތުންނަށް އެޖަމާއަތުން ދަނީ ބިރު ދައްކަމުންނެވެ.

އެމެރިކާ އިން މިދިިޔަ ހަފުތާގައި ވަނީ, އެފަދަ މީހުންނަށް އެމެރިކާގެ ވިސާއަށް އެދި ހުށަހެޅުމަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމުގެ ގޮތުން އަފްގާނިސްތާނުން ބޭރުން ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަން އިއުލާންކޮށްފައެވެ. ނަމަވެސް އެމީހުން ގެންދަން ނިންމާފައި ވަނީ ކޮންތަނަކަށް ކަމެއް ނޭނގެއެވެ.

ނަމަވެސް ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާގެ އޮފިޝަލުންތަކަކާ ހަވާލާދީ ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ދަނީ ތާލިބާނުންގެ ނުރައްކަލަށް ހުށަހެޅިފައިވާ އަފްގާނިސްތާނުގެ ރައްޔިތުން މެދު ތެރޭ އޭޝިއާގެ ގައުމަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެގައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ.

އެގައުމުތަކުގެ ތެރޭގައި ކަޒަކަސްތާން, ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެގައުމުތަކާއެކު އަދި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް, ރައްކާތެރިކަން ފޯރުކޮށްދޭ މީހުންގެ އަދަދު 50,000 އަށްވުރެ ގިނަ ވާނެ ކަމަށް ބެލެވެއެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ އިރު, އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއަށް އެހީތެރިވި މީހުން ދޫކޮށް ނުލާނެ ކަމަށް ވިދަޅުވެފައެވެ.

މިފަހުން އަފްގާނިސްތާނުގެ އަސްކަރިއްޔާ އާއި ތާލިބާން ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އަދި ތާލިބާނުން ދަނީ އަފްގާނިސްތާނުގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.