އިޓަލީއާއި ސްޕެއިންގެ ވަރުގަދަ ކުރިމަތިލުމަށް ސަޕޯޓަރުން ކެތް މަދުވެފައި ތިބޭނެކަން ޔަގީނެވެ. ސަބަބަކަށް ވެފައިވާނީ އިޓަލީއާއި ސްޕެއިންއަކީ ޒަމާނުއްސުރެ ފުޓުބޯޅައިގެ ގަދަ ދެބާރަށް ވާތީއެވެ. އެ ދެގައުމުގެ ފުޓުބޯޅަ ވާދަވެރިކަން ޔޫރޯ ތާރީހުގައިވެސް ފެންނަން އޮތްއިރު، މިރޭގެ ސެމީ ފައިނަލް މެޗު ވެގެންދާނީ ޔަގީނުންވެސް ފޯރިގަދަ މެޗަކަށެވެ. ޔަގީންކަމާއެކު މޮޅުވާނީ މިވެނި ޓީމެކޭ، ބަލިވާނީ މިވެނި ޓީމެކޭ ބުނެލަންވެސް އުނދަގޫ މެޗަކަށް މެޗު ވާނެއެވެ.
ސްޕެއިންއަށް މި މުބާރާތް ފެށުން އުނދަގޫކޮށް ދިޔަ ނަމަވެސް އެޓީމުން މިހާރު އަންނަނީ ސްޕެއިންގެ ސްޓައިލުގައި ރީތި ފުޓުބޯޅައެއް ކުޅުމުންނެވެ. ދެން އޮތީ އިޓަލީއެވެ. ބަލިނުވެ 32 މެޗު ހަމަކޮށް، ސެމީއަށް ނުކުންނާނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮވެގެންނެވެ. އިޓަލީން މުބާރާތުގެ ސެމީއަށް ހަމައަށް ދެއްކި ޝައުގުވެރިކުރުވަނިވި، އެޓޭކިން ވަރުގަދަ ފުޓުބޯޅައިން ޔޫރޯގައި އެންމެ ވިދުން ގަދަވި ތަރިއަކީ ޔަގީނުންވެސް އަރިމަތިން ފަހަތަށް ކުޅުނު ލިއެނާޑޯ ސްޕިނަޒޯލާއެވެ. މުބާރާތުގައި އިޓަލީ މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ސްޕިނަޒޯލާއެވެ. މުޅި ފުޓުބޯޅަ ދުނިޔޭގެ ކަޅި ސްޕިނަޒޯލާއަށް ހުއްޓިފައި ވަނިކޮށް، ބެލްޖިއަމްއާ ދެކޮޅަށް އިޓަލީން ކުޅުނު ކުއާޓާ ފައިނަލް މެޗުވީ މުޅި ޓީމާއި އޭނާއަށް މަޔޫސީ މެޗަކަށެވެ.
ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުކޮޅާ ޖެހެންދެން އެމެޗުގައިވެސް މުޅި ދަނޑުމަތީގައި އެންމެ ބުރަކޮށް މަސައްކަތްކުރީ ސްޕިނަޒޯލާއެވެ. އެއްކޮޅުން ގޯލު ލައިން މަތިން ހަމަލާއެއް ބްލޮކްކޮށް، އަނެއްކޮޅުން އެޓޭކްވެސް ކުރަމުން ދަނިކޮށް ދެވަނަ ހާފުގެ ފަހުކޮޅުގައި އޭނާއަށް އަނިޔާވެ ބާލަން ޖެހުނެވެ. މެޗަށްފަހު އެނގުނީ އަނިޔާގެ ސީރިއަސް ކަމެވެ. އާޗިލީސް އިންޖަރީއެއްގެ ސަބަބުން ސްޕިނަޒޯލާއަށް މުބާރާތް ގެއްލުނުކަން އިޓަލީން އެރޭ ޔަގީން ކޮށްދީފައިވާ އިރު، މިހާރު ވަނީ ފިންލޭންޑްގައި ސާޖަރީއެއްވެސް ހަދައިފައެވެ. ސުވާލަކީ އިޓަލީން އެޓީމުގެ ތަރި ނެތްތަން ފޫބައްދަން ބޭނުންކުރާނެ ޓެކްޓިކްސްއަކީ ކޮބާތޯ ކުރެވޭ ސުވާލެވެ. އޭގެ ކުރިން ސްޕިނަޒޯލާ ގައުމީ ޓީމާއެކު ޔޫރޯއަށް ކުރި ދަތުރާއި، އޭނާގެ އަނިޔާގެ މައްސަލަތަކުގެ ތާރީހަށްވެސް ބަލައިލަމާ ހިނގާށެވެ.
ސިއޭނާގެ ޔޫތު އެކަޑެމީން ކެރިއަރު ފެށި ސްޕިނަޒޯލާ 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ޔުވެންޓަސްގައި ހޭދަކުރި ނަމަވެސް އޭނާ ޔުވެންޓަސް ޖާޒީގައި ކުޅުނީ އެންމެ 12 މެޗެވެ. ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ގިނަ އަހަރުތަކެއްގައި އޭނާ ހޭދަކުރީ ލޯންގެ ދަށުން އެހެން ކްލަބުތަކުގައެވެ. ޔުވެންޓަސްއިން ވަނީ ސްޕިނަޒޯލާ އެޓަލާންޓާއަށް ދެފަހަރު ލޯންކޮށް، ވިސެންޒާއާއި ޕެރަގުއިއަށްވެސް ލޯން ކޮށްފައެވެ. އެހެންކަމުން 2019 ވަނަ އަހަރު ރޯމާއަށް ދިޔުމުގެ ކުރިން ކްލަބު ކެރިއަރުގައި އޭނާއަށް ދިމާވީ ފަސޭހަ އަހަރުތަކެއް ނޫނެވެ.
އޭރުވެސް ސްޕިނަޒޯލާއަށް އަނިޔާގެ މައްސަލަތައް ގިނަކަން ފާހަގަވެފައިވާ އިރު، ރަސްމީކޮށް އޭނާ ވިދާލީ މިދިޔަ ސީޒަންގައެވެ. ރޯމާގެ 1-2-4-3 ފޯމޭޝަންގައި އޭނާ ވިންގް ބެކްގެ ރޯލަށް ކުޅެފައިވާ އިރު، ސްޕިނަޒޯލާ އެންމެ ބޮޑަށް ފިޓްވާ ފޯމޭޝަނަކަށްވީވެސް އެ ފޯމޭޝަނެވެ. ރޯމާގެ އެޓޭކްތަކުގެ 37 ޕަސެންޓް ސްޕިނަލޯގެ ފަޅިއަށް ބަރޯސާވެފައި އޮތް އިރު، އޭނާ ފެނުނީ ހެންރިކް މިކިތާރިއަންއާއެކު ރަނގަޅު ޕާޓްނާޝިޕެއްގައި ކުޅެމުން ދިޔަތަނެވެ. އެހެންނަމަވެސް އޭނާއަށް މިދިޔަ ސީޒަންގައިވެސް އަނިޔާގެ މައްސަލަތައް ކުރިމަތިވެ، 17 މެޗު ގެއްލިފައިވެއެވެ.
ފޯމްގައި ކުޅެމުންދިޔަ ސްޕިނަޒޯލާ ނެތްތަން ކޯޗަށް އިންތިހާއަށް ދައްކާނެކަން ޔަގީނެވެ. ރޮބާޓޯ މަންޗީނީ ވަނީ އެކަމަށް އެއްބަސްވެފައެވެ.
"އަހަންނަށް ހީވާ ގޮތުގައި ސްޕިނަޒޯލާއަކީ މިހާތަނަށް ޔޫރޯގައި ފެނުނު އެންމެ މޮޅު ލެފްޓް ބެކް. އެހެންކަމުން ޔަގީނުންވެސް އޭނާ ނެތްތަން ދަނޑުމަތިން އިޓަލީއަށް ދައްކާނެ. ސްޕިނަޒޯލާއަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނަމަވެސް އޭނާ ނުލައިވެސް ޓީމުން ހިތްވަރު ކުރާނެ އޭނާއަށްޓަކައި،" ކޯޗު މަންޗީނީ ބުންޏެވެ.
ހަބަރުތައް ބުނެފައިވާ ގޮތުން ސްޕިނަޒޯލާ ނެތްތަން ފޫބައްދަން މިރޭގެ މެޗަށް ނުކުންނާނީ ޗެލްސީއަށް ކުޅެމުން އަންނަ އެމަސަން ޕަލްމީރީއެވެ. އިޓަލީއަށް ދިމާވާނެ އެންމެ ބޮޑު ޗެލެންޖަކީ ސީޒަންގައި އެމަސަން ޗެލްސީއަށް ކުޅުނު މެޗު މަދުވުމެވެ. މިހާތަނަށް ޗެލްސީއަށްވެސް އޭނާ ކުޅުނީ ޖުމުލަ 32 މެޗުގައެވެ. އޭގެ ތެރެއިންވެސް މި ސީޒަންގައި ކުޅެފައިވަނީ އެންމެ 15 މެޗެވެ. މެޗު ތަޖުރިބާ ނެތި އިޓަލީއާއި ސްޕެއިން ވާދަކުރާ ސެމީގެ މެޗަކަށް ނުކުތުން ވެގެންދާނީ އެމަސަންއަށްވެސް ހޭންޑަލް ކުރަން އުނދަގޫ މެޗަކަށެވެ.
އެހެންނަމަވެސް އިޓަލީ ޓީމުގެ ރޫހު ހުރީ ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާށެވެ. އަދި އެ މެޗުން މޮޅުވެ ސްޕިނަޒޯލާއަށް މޮޅު ހަދިޔާކުރަން އިޓަލީ ތިބީ ކެތްމަދުވެފައެވެ. އަނިޔާއަށްފަހު ސްޕިނަޒޯލާ ޓީމާ ބައްދަލުކުރަން ދިޔުމާއެކު ޓީމުން އޭނާއަށް ދިން ހިތްވަރާއި ލޯބިންވެސް އިޓަލީގެ ޓީމު ރޫހު ފެނިގެން ދިޔައިރު، ކުޅުންތެރިން ތިބީ ސްޕިނަޒޯލާ އަށްޓަކައި ކުޅުމަށެވެ.
"މުޅި ޓީމުވެސް ސްޕިނަޒޯލާގެ ސާޖަރީއަށްފަހު އޭނާއާ ބައްދަލުކޮށްފި. އޭނާގެ ހިތްވަރުން އަހަރެމެން މެޗުން މޮޅުވާން މަސައްކަތް ކުރާނީ. ސެމީ ފައިނަލަށް ގޮސް، ފައިނަލަށް ދާނީ ސްޕިނަޒޯލާއަށް މެޗު ބަލަން ދެވޭނެތީ އޭނާއަށްޓަކައި،" އިޓަލީގެ ވައިސް ކެޕްޓަން ބޮނޫޗީ ބުންޏެވެ.
އިޓަލީގެ ވިސްނުން ހުރީ ޓީމު ރޫހުގައި ސްޕިނަޒޯލާ ނެތްތަން ފޫބެއްދުމަށެވެ. ވާނީވެސް އެހެންތާއެވެ. މުބާރާތުގައި އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ ކުޅުންތެރިޔާ ނުލައި ސެމީ ފައިނަލަށް ނުކުންނަން ކޮންމެ ޓީމަކަށްވެސް އުނދަގޫވާނެއެވެ. ހާއްސަކޮށް އިޓަލީގެ ޒަމާންވީ ވާދަވެރިން ސްޕެއިންއާ ދެކޮޅަށް ނުކުންނައިރު ސްޕިނަޒޯލާ ނެތްތަން އެޓީމަށް ބޮޑުކޮށް ދައްކާނެއެވެ. މިރޭގެ މެޗު އޮންނާނީ 00:00 ގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020