ހއ. އުލިގަމުގައި ހަދަން ނިންމާފައިވާ ހޮޓާ މަޝްރޫއު މިމަހުގެ ތެރޭގައި އަލުން ބިޑަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ އަދި ގުދުރަތީ ރީތިކަންވެސް އޮތް އުލިގަމުގައި ފުރަތަމަ ހަދަން ނިންމީ 100 އެނދުގެ ހޮޓަލެކެވެ. ޖުމުލަ 36 ހެކްޓަރުގެ ބިމެއްގައި ތަރައްގީ ކުރަން ނިންމި އެ ހޮޓަލަށް 16.5 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އޭރު ލަފާކުރިއެވެ.
އެ ހޮޓާ ތަރައްގީ ކުރުމަށް ސަރުކާރުން އޭރު ހަވާލުކުރީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެވެ. އެއީ ފެބްރުއަރީ 27, 2007 ގަ އެވެ. ނަމަވެސް އެކި ފަހަރު އެކި ގޮތަށް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދަން އުޅެގެންވެސް މުޅި މަޝްރޫއު ނާކާމިޔާބުވުމުން އެންމެ ފަހުން ޖުލައި 21, 2015 ގައި އެއްބަސްވުން އުވާލިއެވެ. އެއްބަސްވުން އުވާލި އިރު, ރަށުގައި ބައެއް މަސައްކަތްތައްވެސް ހުރީ ކޮށްފައެވެ.
އޭގެ ފަސް އަހަރު ފަހުން, މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުލިގަމުގައި ހޮޓަލަކާއި ޔޮޓް މެރީނާއެއް ހަދަން މި ސަރުކާރުން ބިޑަށް ހުޅުވާލިއެވެ. އެއީ އދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހިންގަން ސަރުކާރުން އިއުލާން ކުރި ފުރަތަމަ މަޝްރޫއެވެ.
ނަމަވެސް އެދުވަސްކޮޅަކީ ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށި ދުވަސްކޮޅު ކަމުން, އެކަމަށް އެފަހަރު ލިބުނީ ފިނި ތަރުހީބެކެވެ. އެކަމަށް އެއްވެސް ފަރާތަކުން ކުރިމައްޗެއް ނުލިއެވެ.
"ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމު ވިދާޅުވީ, މި ސަރުކާރުން ކުރަން ބޭނުންވި ނަމަވެސް ކޮޅަކު ނުޖެހި އޮތް އެއް ކަމަކީ އުލިގަމުގެ ހޮޓެލް ހެދުން ކަމަށެވެ. އަދި އެއީ ވަރަށް އަވަހަށް ހާސިލުކުރަން ބޭނުންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އުލިގަމަށް އަލަށް އިންތިހާބުވި ކައުންސިލާއެކު މަޝްވަރާކޮށް, އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމަށްފަހު އެ ޕްރޮޖެކްޓް އަލުން ބިޑަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރާނީ ކުރިން އަމަލުކުރާ އުސޫލާ ތަފާތުކޮށް, އެތަން ތަރައްގީ ކުރާ ބަޔަކު ކޮންސެޕްޓް ހަދާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަށް ލިބިއްޖެ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއްގައި އުލިގަމުގެ މަސައްކަތް ގެންދެވޭ ގޮތަށް ކޮންސެޕްޓް ހެދުމުގެ ފުރުސަތު. އުލިގަމުގެ ހޮޓާ ހެދުމަށް މި ޒަމާނަށް ފެތޭ ގޮތަށް, މިއަދުގެ މާކެޓަށް އިންވެސްޓަރުން ދަހިވާ ގޮތަށް އެތަން ޑިޒައިންކޮށްފަ އިއުލާން ކޮށްލާނަން," މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ކޮންސެޕްޓާ ގުޅޭ އިތުރު ތަފުސީލު ނުދެއްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ, މިމަހުގެ ފަހުކޮޅު އެ ޕްރޮޖެކްޓް އަލުން ބިޑަށް ލެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ލަގްޒަރީ ޕްރޮޑަކްޓުތައްވެސް ހުރި އިރު, ބޭނުންވަނީ ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ރުކުރުވާލާ އިރު, މުޅި ދުނިޔޭގައި ވާދަކޮށްލަން ކަމަށް ވިދާޅުވިއެވެ.