އުމުރުން އެންމެ 18 އަހަރުގެ ސްޕެއިންގެ "ގޯލްޑަން ބޯއީ"، ޕެޑްރީއަށް ޔޫރޯ 2020 ގައި އަދި ލަނޑެއް ނުޖެހެއެވެ. އެސިސްޓެއް ނެހެދެއެވެ. އިދިކޮޅު ޓީމު ގޯލަށް ޝޮޓެއް ފޮނުވައިލެވިފައެއް ނުވެއެވެ. ސްޕެއިންގެ މެޗުތައް ރަނގަޅަށް ބަލާފައި ނުވާ މީހަކު ނަމަ، ޕެޑްރީއަށް މިއީ ގޯސް މުބާރާތެއްގެ ގޮތުގައި ސިފަކޮށްފާނެއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. މިއީ އޭނާއަށް ވަރަށް ކާމިޔާބު މުބާރާތެކެވެ.

ޔޫރޯގައި ސްޕެއިން ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޕެޑްރީއެވެ. މުބާރާތުގައި ސްޕެއިނާއެކު އެންމެ ގިނަ ވަގުތު ދަނޑުމަތީގައި ހޭދަކުރި އެއް ކުޅުންތެރިޔަކީ ޕެޑްރީއެވެ. އޭނާ ވަނީ ގަދަ 16އާ ހަމައަށް ސްޕެއިން މެޗުތަކުގެ ކޮންމެ މިނެޓެއްގައި ކުޅެފައެވެ. ކުއާޓާ ފައިނަލުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބަދަލުކޮށްފައިވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ދިއުމުގެ ކުރިން އިތުރު ވަގުތުގެ ދެވަނަ ހާފުގައެވެ.

ޕެޑްރީ ކުޅޭ ސެންޓްރަލް މިޑްފީލްޑް މަގާމަށް ކުޅޭ ކުޅުންތެރިންނަށް އާންމުކޮށް ދަނޑުމަތީގައި ގިނަ ވަގުތު ކުޅުމަށް ފުރުސަތެއް ނުލިބޭނެއެވެ. ހާއްސަކޮށް އެހާ ޒުވާން މިޑްފީލްޑާރުންނަށް ސްޕެއިން ފަދަ ބޮޑެތި ޓީމުތަކުން އެފަދަ ފުރުސަތު ވަރަށް ނުލިބޭނެއެވެ. އޭނާއަށް އެ ފުރުސަތު ލިބޭނީ ކޯޗު ލުއިސް އެންރީކޭއަށް އޭނާއަކީ ވަރަށް މުހިންމު މިޑްފީލްޑަރެއްގެ ގޮތުގައި ގަބޫލުކުރެވޭތީއެވެ.

ޕެޑްރީ ހަމައެކަނި ދަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރީކީ ނޫނެވެ. އޭނާ ވަނީ ދަނޑުގެ 46.9 ކިލޯމީޓަރަށް ދުވެ، ވަރަށް ބުރަށް މަސައްކަތް ވެސް ކޮށްފައެވެ. އޭނާ ވަނީ ދަނޑުގެ ބޮޑު ބައެއް ކަވަރުކޮށްފައެވެ. އެއީ ސްޕެއިންގެ އެހެން އެއްވެސް ކުޅުންތެރިޔަކު ކަވަރުކުރި ވަރަށްވުރެ ބޮޑު ސަރަހައްދެކެވެ. އަދި އެހެން އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ވެސް ދަނޑުގެ އެހާ ބޮޑު ސަރަހައްދެއް ކަވަރުކުރެވިފައެއް ނުވެއެވެ.

ޕެޑްރީގެ ފަރާތުން ފެނިގެންދަނީ ސްޕެއިންގެ ލެޖެންޑުން ކަމަށްވާ ޒަވީ ހެނާންޑޭޒާއި އަންދްރޭސް އިނިއެސްޓާގެ ފަރާތުން ފެނުނު ފަދަ ހުނަރުތަކެކެވެ. ޒަވީ އާއި އިނިއެސްޓާއެކޭ އެއްގޮތަށް ޕެޑްރީގެ ފަރާތުން ވެސް އެންމެ ފާހަގަކޮށްލެވެނީ އޭނާ ކުރާ މަސައްކަތެވެ. ތަފާތަކީ ޕެޑްރީގެ އެ މަސައްކަތް ކޮންމެ މެޗެއްގެ، ކޮންމެ މިނެޓެއްގައި ވެސް ފެންނަކަމެވެ.

ޕެޑްރީގެ ކުރިއެރުން ފެނިގެންދާނީ ކުރިއަށްއޮތް ތަނުގައި ވެސް އޭނާ ކުރާ ބުރަ މަސައްކަތުންނެވެ. ޕެޑްރީގެ ކުޅުން ތަންކޮޅެއް ދަށަށް ދިޔަ ނަމަވެސް، އޭނާގެ ބުރަ މަސައްކަތާ ގުޅިގެން ކޯޗުން އޭނާ ލައްވައި ކުޅުވާނެއެވެ. ނަމަވެސް ޕެޑްރީ ހުރިހާ މެޗެއްގެ ކޮންމެ މިނެޓެއްގައި ބޭނުންކުރާ ނަމަ، އޭނާއަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުން ގާތެވެ.

ސްޕެއިންގެ އޮލިމްޕިކް ސްކޮޑުގައި ވެސް ޕެޑްރީ ވަނީ ހިމަނައިފައެވެ. ޔޫރޯއަށް ފަހު އޮލިމްޕިކްސް ފެށިގެންދާ އިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް ވެސް 50 މެޗު ކުޅެދީފައެވެ. އިތުރު ވަގުތަށްދާ ޔޫރޯގެ މެޗުތަކުގައި ޕެޑްރީގެ މޫނުމަތިން ވަރުބަލިކަން ފެނުނު ނަމަވެސް، އޭނާ ބުނާގޮތުގައި އެއްވެސް ވަރުބަލިކަމެއް ނެތެވެ. ބާސާ އިން އޭނާ އޮލްމްޕިކްސްއަށް ދާން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނަމުންދާ އިރު، އެ ކްލަބުގެ ލެޖެންޑް ޒަވީ ދެކޭގޮތުގައި ޕެޑްރީ އޮލްޕިކްސްއަށް ވެސް ދާން ޖެހެއެވެ.

ޒަވީ އާއި އިނިއެސްޓާއަކީ ބާސާގެ އުފެއްދުމެއް ނަމަވެސް، ކެނެރީ އައިލެންޑްސްގެ ޓެގުއެސްޓޭއަށް އުފަން ޕެޑްރީ ތައާރަފުވެގެންދިޔައީ ލަސް ޕަލްމާސްގެ އެކަޑަމީންނެވެ. ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި އެ ކްލަބުގެ ސީނިއާ ޓީމަށް ޕެޑްރީ، ފުރަތަމަ މެޗެއް ކުޅެފައިވަނީ އޮގަސްޓް 2019 ގައި އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. އޭގެ މަހެއް ފަހުން ބާސާ އިން ވަނީ އޭނާ ފަސް މިލިއަން ޔޫރޯގެ އަގަކަށް އެ ކްލަބަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ރަސްމީކޮށް ބާސާއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މުއްދަތުގެ ތެރޭގައި ޕެޑްރީ ވަނީ ލަސް ޕަލްމާސްއަށް ގިނަ މެޗުތަކެއް ކުޅެފައެވެ.

މިދިޔަ ސީޒަނުގައި ބާސާއިން ޕެޑްރީ ފެނިގެންދިޔައީ އެ ކްލަބާއެކު ކާމިޔާބު ކުރިމަގެއް އޮތް ކުޅުންތެރިއެއްގެ ގޮތުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ބާސާގެ ފުރަތަމަ 11 އިން ޖާގަ ހޯދައި، ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވެފައެވެ. ބާސާއިން ޒަވީ އާއި އިނިއެސްޓާ ވަކިވި ފަހުން އެޓީމުގެ ތަރި ލިއޮނެލް މެސީއަށް ވަނީ އެ ފެންވަރުގެ އެހެން މިޑްފީލްޑަރެއް ބޭނުންވެފައެވެ. ޕެޑްރީ ގުޅިފައިވަނީ މެސީއަށް އެފަދަ ޕާޓްނާޝިޕެއް ބޭނުންވެފައިވަނީ ދަނޑިވަޅެއްގައެވެ. ކެރިޔަރުގެ އެންމެ ކުރީކޮޅު މެސީ ފަދަ ކުޅުންތެރިއެއްގެ ފަހަތުން ކުޅުމަކީ ޕެޑްރީއަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.

ޔޫރޯ 2020 ގައި ވެސް ޕެޑްރީ ސާބިތުކޮށްދެމުން އަންނަނީ އޭނާގެ ހުނަރުވެރިކަމެވެ. އާންމުކޮށް ދައްކާ ތަފާސްހިސާބުތަކުން ޕެޑްރީގެ ނަން ނުދެއްކި ނަމަވެސް، އޭނާއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން މެޗުތަކަށް ރަނގަޅަށް ނަޒަރު ހިންގާ މީހުންނަށް އެނގޭނެއެވެ. އެސިސްޓް ކުރާ ކުޅުންތެރިންގެ ލިސްޓުގައި އަދި އޭނާގެ ނަން ނެތް ނަމަވެސް، އެސިސްޓްކުރާ ކުޅުންތެރިޔާގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުޅުންތެރިޔަކީ އޭނާއެވެ.

އެހާ ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ޕެޑްރީ އަންނަނީ އޭނާގެ ކެރެކްޓާ ވަރަށް ރަނގަޅަށް ދައްކަމުންނެވެ. ގަދަ 16ގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެޑްރީ ދިން ބޯޅައަކުން، ސްޕެއިންގެ ކީޕަރު އުނައި ސިމޮން އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، ޕެޑްރީއަށް އެކަމުން އަރައިގަނެވޭނޭކަން އޭނާ ދައްކުވައިދިނެވެ. ބައިކޮޅަށް ލަނޑު ވަންތާ 18 މިނެޓުފަހުން ކްރޮއޭޝިއާގެ ޑިފެންސް ފޫއަޅުވާލި ކުޅުންތެރިޔަކީ ޕެޑްރީއެވެ.

ސްޕެއިންގައި ޕެޑްރީއަކީ ލަނޑުޖެހުމަށް އެސިސްޓްކޮށްދޭ ކުޅުންތެރިޔާއަށް އެ ފުރުސަތު ތަނަވަސްކޮށްދޭ މިޑްފީލްޑަރެވެ. ޕެޑްރީ މިހާރު ދައްކާ ކުޅުމުން އޭނާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ މޮޅު އަދި ހާއްސަ ކުޅުންތެރިޔަކަށް ވާނޭކަން ޔަގީނެވެ. ސްޕެއިންގެ ރީތި ކުޅުމުގެ މޭސްތިރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ޕެޑްރީއެވެ. މިޑްފީލްޑުގައި އޭނާއަކީ މެޝިނެކެވެ. ސްޕެއިންގެ ހިތެވެ. ޓީމުގެ ހުންގާނެވެ.