ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށާއި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަދަލަށް ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އިބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓް ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް. އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތް ކުރައްވާނެ ކަމަށް. އަދި ފެންނަ ނުފެންނަ ވޯޓެއް ނަގާއިރެއްގައި އަޅުގަނޑު ދެކެނީ ޕީޕީއެމާއި އެމްޑީޕީއާ އެކުގައި ތިބެގެން ވޯޓަށް އަޅުގަނޑުމެންނަށް ދެވޭނެކަން،" ނަޝީދު ވިދާލުވިއެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމަކަށް ރައީސް ސޯލިހް ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"ރައީސް ސޯލިހު ބަރުލަމާނީ ނިޒާމް ގެންނާކަށް ފާޅުގައި ދެކޮޅެއް ނުހައްދަވާ. އަދި އަޅުގަނޑު ކުރާ އެއްވެސް ކަމަކަށް ރައީސް ސޯލިހް ފާޅުގައި ދެކޮޅެއް ނުވެސް ހައްދަވާނެ. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގައި މާބޮޑު ހުރަހެއްނެތް. އަދި ހާއްސަކޮށް ރައީސް ސޯލިހަކީ އެކަމަށް އޮތް ހުރަހެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.