ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 71 މައްސަލައެއް މިދިޔަ މެއި މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހު 152 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެއީ 21 މައްސަލައެކެވެ. އަދި ކުޑަކުދިންނަށް އިހުމާލުވެފައިވާ 16 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައެއް ހިމެނެއެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅޭ ހަތަރު މައްސަލައެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ ދެ މައްސަލައެއް ވެސް ހިމެނެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 34 މައްސަލައެއްވެސް މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިން ހައްގުތަކުން މަހުރޫމްވި ފަސް މައްސަލައަކާއި ކުށްކުރާ ކުދިންގެ ތިން މައްސަލައަކާއި އާއިލީ 12 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅޭ އަށް މައްސަލަ އެއް ވެސް ޖެންޑާ މިނިސްޓްރީން ބަލާފައިވެއެވެ.
މީގެ އިތުރުން ނަފްސާނީ އަނިޔާ ނުވަތަ އަނގަ ބަހުން އަނިޔާކުރުމުގެ 14 މައްސަލައެއް، ބިރުދެއްކުމުގެ ދެ މައްސަލައެއް، ޖިންސީ ހާނިއްކަކުރުމުގެ އެއް މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ އެއް މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ އެއް މައްސަލަ ވަނީ މެއި މަހު މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން މިދިޔަ މަހު 15 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ނުވަ މައްސަލަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ނުވަ މައްސަލަކެވެ.