ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖަށް ކޮވިޑަށް ޓެސްޓް ކުރެވޭ 11 މެޝިނާ އެކު ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ހަދިޔާ ކުރި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވެފައިވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. އަދި ޑަބްލިއުއެޗްއޯގެ ފަރާތުން އެތަކެތި ހަދިޔާ ކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ނާޒްނީން އަންވަރުއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ހަދިޔާކޮށްފައިވަނީ، 11 ޖީން އެކްސްޕާޓް މެޝިންގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ބައެއް ބޭސްތަކާއި 10 އޮޓޯކްލޭވްއާއި ކޮވިޑް-19 އާ ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމްތައް ބޭނުންކުރުމަށް ހަ މޮޓޯސައިކަލް އަދި ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓެވެ.
މިއަދު ހަވާލުކުރި ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިނާއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ހިދުމަތްދިނުމަށް ބޭނުންކުރެވޭ ތަކެތި ރައްކާތެރިކޮށް ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމްތަކުގެ މަސައްކަތް އަވަސްވެ، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިނާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް އިމަޖެންސީ ސިއްހީ ހިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު