9 އަހަރުގެ އަމަލް އަކީ ސީރިއާގެ ރެފިއުޖީ ކުއްޖެއް ރަމްޒު ކޮށްދޭ 3.5 މީޓަރުގެ ބޮޑު ޕަޕެޓެކެވެ. މި ބުދު ތައްޔާރުކުރި މީހުންގެ މަގުސަދަކީ ރެފިއުޖީންނާއި ރެފިއުޖީ ކުދިންނާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ވޯ ހޯސް އަދި ދަ ޖަންގަލް އުފެއްދި ފަރާތްތައް ގުޅިގެން ގެނެސްދޭ މިއުފެއްދުމަކީ 9 އަހަރުގެ އަމަލްގެ ވާހަކައެވެ.

ޖުލައި 27 ވަނަ ދުވަހު ތުރުކީ-ސީރިޔާ ބޯޑަރުން ފެށިގެން 8000 ކިލޯމީޓަރަށް އިންގްލެންޑުގެ މެންޗެސްޓާ ސިޓީއާ ހަމައަށް އަމަލްގެ ހިނގާލުން ކުރިއަށްދާނެއެވެ.

އެ ރާސްތާއަކީ މިދިޔަ އަހަރުގެ މެދެއްހައި ހިސާބަށް 6200 ރެފިއުޖީ ކުދިން އެކަނި ކަޑައްތުކުރި މިސްރާބެކެވެ. އޭގެ ތެރޭގައި ހިމެނޭ 2300 ކުދިންނަކީ އާއިލާ ވަކިވެ އެކަނި ދަތުރުކުރި ކުދިންކަމުގައި ޔުނިސެފްގެ ރެކޯޑުތަކުން ދައްކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

''އޭގެ ތެރެއިން ގިނަ ކުދީންގެ ވާހަކައެއް މީހުންނަކަށް ނޭނގޭ، ލޮލުގައި އަޅައެއް ނުގަނޭ'' އަމަލްގެ ޑައިރެކްޓަރު ނިޒާރު ބުނެފައިވެ އެވެ. ނަމަވެސް އަމަލް މި މިސްރާބު ކަޑައްތުކުރާއިރު މީހުންނަށް ނުފެނި ނުދާނެކަން އޭނާ ފާހަގަކުރިއެވެ.

''އަހަރެމެންގެ މަސައްކަތުގެ ބޭނުމަކީ، މިރާސްތާގައި ހިނގާފައިވާ އެތައްހާސް ރެފިއުޖީން ބަލައިގަނެ އެކަން ފާހަގަކުރުން'' އޭނާ އިތުރަށް ބުނެފައިވެއެވެ.

މި ޕަޕެޓު ފަރުމާ ކުރުމުގައި ވޯ ހޯސްގެ މަސައްކަތް ވަރުގަދަ ވެފައި ފުރިހަމަ ކަމަށް ފެނެއެވެ. އަދި މަސައްކަތުގެ މަގުސަދު ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނައެވެ. ލަންޑަނުގައި އަމަލްގެ ރިހާސަލްތައް ފުރިހަމަ ކުރުމަށްފަހު މި ހަފުތާ ބަންދުގައި ވަނީ ތުރުކީއަށް ދަތުރުކުރުމަށް ހަމަޖެހިފައެވެ.

ޕަޕެޓުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ރެޗެލް ލިއަނާޑު ބުނެފައިވާގޮތުގައި އަމަލް އަކީ ހިޔާލީ ކެރެކްޓާއަކަށް ވެފައި ޕަޕެޓެކަށްވީ ނަމަވެސް، އޭނާއާއި ޓީމު އަމަލްދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި އަމަލް އާއްމުންގެ ލޯބިވެސް އެފަދައިން ހާސިލުކުރާނެ ކަމަށް އުއްމީދުކުރާކަމުގައި ވަނީ ބުނެފައެވެ.

އަމަލްގެ ހިނގާލުމުން ދުނިޔެއިން ރެފިއުޖީންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލާނެ ކަމާ މެދު އެ ޓީމުން ވަރަށް ބޮޑަށް އުއްމީދުކުރެއެވެ. ހިޔާލީ ކުއްޖެއް ނަކަލުކޮށް މިގެނެސްދޭ ހަގީގީ ވާހަކައިން ގިނަ ބަޔަކަށް ރެފިއުޖީންގެ ހާލަތު ވިސްނަން ފަސޭހަ ވާނެ ކަމުގައި އެފަރާތުން ދެކެއެވެ.

އަމަލްގެ ކެރެކްޓާ އަކީ މިޓީމުން ކުރިން ހުށަހަޅައިދީފައިވާ ދަ ޖަންގަލް ގައި ހިމެނޭ ކެރެކްޓާއެކެވެ. ކަލައިސް ރެފިއުޖީ ކޭމްޕުގައި ހުށަހަޅައިދިން ދަ ޖަންގަލް އަށް ވަނީ މީގެ ކުރިން ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ހޭމްސްޓްރިންގް ޕަޕެޓް ކުންފުނި ވޯ ހޯސް ފޭމް އިން ވަނީ އަމަލްގެ ޕަޕެޓު އުފެއްދުމަށް ބައިވެރިވެފައެވެ.

އަމަލްގެ ހިނގާލުމުގެ ހަރަކާތް ''ދަ ވޯކް'' ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވަނަ ދުވަހު ތުރުކީންނެވެ. އަދި ގްރީސް، އިޓަލީ، ޖަރުމަނު، ފްރާންސުން ފެށިގެން ފަހު މަންޒިލަކަށް މެންޗެސްޓާއަށް ނޮވެމްބަރު 3 ގައި ގޮސް ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.