ޔޫރޯގެ ކުރިން އެންމެ ވަރުގަދައަށް ދެކެވުނު އެއް ވާހަކައަކަށްވީ ފްރާންސްގެ އޭޖެންއަށް އުފަން އެމްރިކް ލަޕޯޓް، ސްޕެއިންގެ ރަށްވެހިކަން ހޯދައި ގައުމީ ޓީމު ބަދަލުކުރި ވާހަކައެވެ. ރަށްވެހިކަން ކުއްލައަކަށް ބަދަލުކޮށް، ލަޕޯޓް ސްޕެއިން ޖާޒީގައި ޔޫރޯއަށް ނުކުންނަން ނިންމި އިރު، އޭނާ އޮތީ ފްރާންސްގެ ޒުވާން ޓީމުތަކަށްވެސް ކުޅެފައެވެ. ޔޫރޯގައި ސްޕެއިންއިން ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ އިތުރުން، ގަދަ 16 އާއި ކުއާޓާގައިވެސް ލަޕޯޓްގެ ކުޅުން ފާހަގަވެގެން ދިޔައެވެ. އެހެންކަމުން އޭނާ ސްޕެއިންއަށް ބަދަލުވެ، ފްރާންސަށް ނޫނެކޭ ބުނިބުނުން މިއަދު ޝައުގުވެރިވާނެކަން ޔަގީނެވެ.

ސްޕެއިންގެ އެންމެ ވަރުގަދަ އެއް ކްލަބު އެތުލެޓިކޯ ބިލްބާއޯގެ ޒަމާންވީ ރެކްރޫޓުމަންޓް ޕޮލިސީއަކީ ސްޕެއިންއަށް ނިސްބަތްވާ، ސްޕެއިންގެ ދަރިކޮޅުގެ ފެށުމަކަށް ނިސްބަތްވާ ކުޅުންތެރިން ހޯދައި ކްލަބަށް ގެންދިއުމެވެ. އެއީ ސްޕެއިންގެ ފުޓުބޯޅައިގެ ކުރިމަގަށް އެ ކްލަބުގެ ރެކްރޫޓިން އަމާޒުކޮށްފައިވާ ގޮތެވެ. ހާއްސަކޮށް ސްޕެނިޝްއާއި ފްރާންސަށްވެސް ކޮންމެވެސް ވަރަކަށް ނިސްބަތްވާ ބަސްގޭ ދަރިކޮޅުގެ ކުޅުންތެރިންނަކީ އެތުލެޓިކޯ ބިލްބާއޯއަށް ޝަރުތު ހަމަވާ ކުޅުންތެރިންނެވެ.

އެ ރެކްރޫޓްމަންޓްގެ ވާހަކަ ގެންނަން ޖެހުނީ ސްޕެއިން ފުޓުބޯޅައިގެ ތެރެއަށް ލަޕޯޓް ފުރަތަމަ އައީ އެތުލެޓިކޯ ބިލްބާއޯގެ ތެރެއިން ކަމަށް ވާތީއެވެ. ބިލަބާއޯގެ ރާޑަރަށް ފުރަތަމަ ލަޕޯޓް އެރީ އުމުރުން 15 އަހަރުއެވެ. އޭރު އޭނާ ކުޅެމުން ދިޔައީ ހޯމް ޓައުން، އާޖެންގެ ކްލަބަކަށެވެ. އޭރު ލަޕޯޓް ދިޔައީ ފުޓުބޯޅައާ އެއްވަރަށް ރަގްބީވެސް ކުޅެމުންނެވެ. އުމުރުން ހަގު ކަމުން ސްޕެއިންއަށް ގެންދަން އުނދަގޫތަކެއް ކުރިމަތިވުމުން، ބިލްބާއޯއިން ލަޕޯޓްލީ ފްރާންސްގައި އޮންނަ ބިލްބާއޯގެ ސިސްޓާ ކްލަބެއް ކަމަށްވާ ބަޔޯނޭއަށެވެ. އެ ކްލަބުތަކުގެ ގުޅުމަކީ ބަސްގޭ ނަސްލުގެ ތެރެއިން އަންނަ ގުޅުމަކެވެ.

ކަން ދިމާކުރިގޮތުން ބަޔޯނޭއަކީ ފްރާންސްގެ މިހާރު ކޯޗު، ޑީޑިއޭ ޑިޝޭމްޕްސްގެ ކްލަބެވެ. އެ ކްލަބުގެ އެންމެ ތާރީހީ ޝަހުސިއްޔަތަކީވެސް ޑިޝޭމްޕްސްއެވެ. އެހެންކަމުން ލަޕޯޓް އޭރު ލީގު މެޗުތައް ކުޅެފައި ވަނީ ޑިޝޭމްޕްސްގެ ނަމުން ނަން ދީފައިވާ ސްޓޭޑިއަމްއެއްގައެވެ. މިހާރު ލަޕޯޓްގެ ގައުމިއްޔަތު ބަދަލުކޮށް، ސްޕެއިންއަށް ބަދަލުވާން ޖެހުނު އެންމެ ބޮޑު ސަބަބަކަށް ވެފައި އޮތީވެސް ޑިޝޭމްޕްސްއެވެ.

ލަޕޯޓް އުމުރުން 16 އަހަރުގައި އެތުލެޓިކޯ ބިލްބާއޯއަށް ސޮއިކުރި އިރު، އޭނާއަކީ ކްލަބުގެ ތާރީހުގައިވެސް ސްޕެއިންއިން ބޭރުން އެ ކްލަބަށް ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. ބަސްގޭ ދަރިކޮޅަށް ނިސްބަތްވީ ނަމަވެސް އޭނާ ގެންދިޔުމަށް ބިލްބާއޯގައި ވަނީ ބަހުސްތައް ކޮށްފައެވެ. ސަބަބަކީ ލަޕޯޓްގެ ގައުމީ ޓީމަކަށް ފްރާންސް ވާނެތީއެވެ. ފުރަތަމަ ބިލްބާއޯގެ ޒުވާން ޓީމުގައި ލަޕޯޓް މަސައްކަތްކުރީ މިހާރު ލީޑްސްގެ ކޯޗުކަމުގައި ހުރި މާސެލޯ ބިއެލްސާއާ އެކުގައެވެ. އާނަސްޓޯ ވަލްވާޑޭ ކޯޗުކަންކޮށްދިން ބިލްބާއޯއަށް ފުރަތަމަ ލަލީގާ މެޗު ލަޕޯޓް ކުޅުނީ 2012 ވަނަ އަހަރު ޑިސެންބަރު މަހުގައެވެ.

ޖެހިގެން އައި ސީޒަންގައި ވިދާލައި ލަޕޯޓް ވަނީ ލަލީގާގެ ޓީމް އޮފް ދަ ސީޒަންގައިވެސް ހިމެނިފައެވެ.

ބަސްގޭ ދަރިކޮޅަށް ނިސްބަތްވި ނަމަވެސް އޭނާއަށް ސްޕެއިން ގައުމީ ޓީމުތަކުން ފުރަތަމަ ޖާގަ ދީފައެއް ނުވެއެވެ. އެކަމާ ލަޕޯޓް އެއްވެސް ވަރަކަށް މާޔޫސްވެފައެއްވެސް ނުވެއެވެ. އޭނާ އައީ ހިތްހަމަޖެހުމާއެކު ފްރާންސްގެ 17 އަހަރުން ދަށުގެ ޓީމާއި، 21 އަހަރުން ދަށުގެ ޓީމަށްވެސް ކުޅެމުންނެވެ. އެޓީމުތަކުގެ ކެޕްޓަން ކަންވެސް ލަޕޯޓް ކޮށްފައިވެއެވެ. އެ ފޯމުގައި ލަޕޯޓް ތައްޔާރުވީވެސް "ހީރޯ" ޑިޝޭމްޕްސް ކޯޗުކަން ކޮށްދިން ފްރާންސް ސީނިއާ ސްކޮޑުން ޖާގަ ހޯދުމަށެވެ. 2016 ވަނަ އަހަރު ޔޫރޯއަށް ފްރާންސުން ނަގަން ތައްޔާރުވި ސްކޮޑަށް ލަޕޯޓް ދޮންކޮށްގެން ހުރި ނަމަވެސް އޭނާއަށް ދިމާވީ ވަރަށް ބަދު ނަސީބު ގޮތަކަށެވެ.

މުބާރާތުގެ ސްކޮޑަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފްރާންސްގެ ޒުވާން ޓީމަށް ލަޕޯޓް ކުޅުނު މެޗުގައި އޭނާގެ ފައިގެ ކުޑަ ހުޅުގެ ދެތަނަކުން ބިންދައިގެން ގޮސް ގައުމީ ސީނިއާ ޓީމުން ފުރުސަތު ގެއްލުނެވެ. ޑިޝޭމްޕްސްގެ ނަޒަރު ލަޕޯޓަށް ހުއްޓިފައި ހުއްޓައި ފުރުސަތު ގެއްލުނެވެ. ފްރާންސު ޓީމުން ލަޕޯޓަށް އެ ފުރުސަތު ގެއްލުމާއެކު ސްޕެއިންގެ ކޯޗުކަމުގައި ހުރި ހުލެން ލޮޕެޓީގު ސްޕެއިން ގައުމީ ޓީމަށް ލަޕޯޓް ބޭނުން ކަމަށް އޭނާ ގާތުގައި ބުންޏެވެ.

އެ ހިސާބުން ފްރާންސް ކޯޗު ޑިޝޭމްޕްސް ބެލީ ލަޕޯޓް ގައުމީ ޓީމަށް ކުޅުވުމަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފިކޭޝަން ދެ މެޗަކަށް ލަޕޯޓް ސްކޮޑަށް ނެގި ނަމަވެސް ދެމެޗުގައިވެސް ކުޅުވީ ސެމިއުލް އުމިޓީޓީއާއި ރަފޭލް ވަރާންއެވެ. އެކަމާ ލަޕޯޓްގެ ހިތްހަމަނުޖެހުންތަކެއް ވެސް ހުރިއެވެ.

2018 ވަނަ އަހަރު ލަޕޯޓް، 57 މިލިއަން ޕައުންޑްގެ ޓްރާންސާ ފީއެއްގައި ސިޓީއަށް ބަދަލުވުމާއެކު އޭނާއަށް ކޯޗު ޑިޝޭމްޕްސް ސަމާލުކަން ދިންލެއް ބޮޑުވި ނަމަވެސް ފަހުންވެސް ދެ ފަހަރަކަށް ސްކޮޑުގައި ނުހިމަނައި ދޫކޮށްލިއެވެ. ވޯލްޑް ކަޕަށްވެސް ލަޕޯޓް ނުލައި ފްރާންސުން ދިޔަ އިރު، ފަހުން އަނެއްކާވެސް ޑިޝޭމްޕްސް މަސައްކަތް ކުރީ ޔޫރޯގެ ކޮލިފިކޭޝަން މެޗަކަށް ލަޕޯޓް ނެގުމަށެވެ. އެހެންނަމަވެސް އޭރު ކަކުލުގެ އަނިޔާއެއްގައި ހުރުމުން ލަޕޯޓަށް އަނެއްކާވެސް ފްރާންސް ގައުމީ ޓީމުގެ ފުރުސަތު ގެއްލުނީއެވެ.

ސްޕެއިން ފެޑަރޭޝަންގެ އެދުމަކަށް، ސްޕެއިންގެ ސަރުކާރުން ލަޕޯޓަށް އެގައުމުން ރަށްވެހިކަން ދިނީ ގައުމީ ޓީމު ބަދަލުކުރަން ލަޕޯޓާއެކު ސްޕެއިންއިން އެއްބަސްވެފައެވެ. ޔޫރޯގެ ކުރިން އެކަން އިއުލާންކުރުމުގެ އިތުރުން، ފީފާއިން ލަޕޯޓަށް ސްޕެއިން ގައުމީ ޓީމަށް ކުޅުމަށް ހުއްދަވެސް ދިނެވެ. އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ނަމަވެސް އެކަން ކުރަން ޖެހުނީ ފްރާންސް ކޯޗު ޑިޝޭމްޕްސް ފޯނަށް ޖަވާބު ނުދިނުމުން ކަމަށް ލަޕޯޓް ވަނީ ބުނެފައެވެ. އެހެންނަމަވެސް ބަހުގެ ހަމަލާތަކުގައި ފްރާންސް ކޯޗު ވަނީ އެއީ ދޮގު ކަމަށްވެސް ބުނެފައެވެ.

"އަހަރެން ހިތް ނުތަނަވަސްވާ ކަމަކީ އަހަންނޭ ކިޔައިގެން ލަޕޯޓް ދައްކައިފާނެ ވާހަކައެއްގެ ސަބަބުން. އޭނާ ހަދާނީ ކޮންމެވެސް ދޮގެއް. އަހަންނަށް ލަޕޯޓް ކުރި ހަމައެކަނި މެސެޖަކީ އޮކްޓޯބަރު މަހު ކުރި މެސެޖެއް. އެއީ އަނިޔާގެ މައްސަލައާ ގުޅިގެން. ލަޕޯޓު ސީނިއާ މެޗެއް ނުކުޅުނީ، އެންމެ 10 ސިކުންތަށް މެޗަށް ނެރެވުނު ނަމަވެސް ސްޕެއިންއަށް ނުދިޔައީސް،" ލަޕޯޓް ގައުމު ބަދަލުކުރުމުން ފްރާންސް ކޯޗު ޑިޝޭމްޕްސް ބުނެފައިވެއެވެ.

އޭގެ ރައްދު ޖަވާބު ލަޕޯޓް ދިނެވެ.

"ހަ އަހަރު ކުރިން ފެށިގެން ފްރާންސަށް ޗާންސް ލިބުނު އަހަރެން ގައުމީ ޓީމަށް ނަގަން. އެކަމަކު ނުނެގި. މެސެޖު ކުރިން، ޖަވާބެއް ނުލިބޭ. މިއޮތީ ފޯން، އަހަރެން އަތުގައި އެބަހުރި ކޮށްފައި ހުރި މެސެޖުތައްވެސް. ފަހަރަކު ވެދާނެ ޑިޝޭމްޕްސް ނަންބަރު ބަދަލު ކުރީ ކަމަށްވެސް. އަހަރެން އެކަމަކު ގުޅަންވެސް ގުޅިން. ފްރާންސަށް އަހަރެން އަބަދުވެސް ބުނިން އަހަރެން ލައްވާ ކުޅެން ބޭނުންވާ ޓީމަކަށޭ އަހަރެން ކުޅޭނީ. އަހަރެން ނުބުނަން ފްރާންސުން އަހަރެން ލައްވާ ކުޅުވަން އެއްގޮތަކަށްވެސް ނޫޅޭ ވާހަކައެއް. އެކަމަކު ސްޕެއިން އަހަންނަށް ސާފު މަންޒަރެއް ދެއްކީ،" ލަޕޯޓް ބުނެފައިވެއެވެ.

ސްޕެއިން ފެޑަރޭޝަނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ލަޕޯޓަށް ގައުމީ ޖާޒީ ބަދަލުކުރުން ވީ ފަސޭހަ ކަމަކަށްވެސް ނޫނެވެ. ލަޕޯޓްގެ އާއިލާ މިހާރުވެސް ދިރިއުޅެމުން ދަނީ ފްރާންސްގައެވެ. ގައުމީ ޓީމު ބަދަލުކުރަން އާއިލާއިން ފުރަތަމަ ދެކޮޅު ހެދި ކަމަށްވެސް ލަޕޯޓް ބުނެފައިވެއެވެ. އާއިލާއިން ގައުމީ ޓީމު ބަދަލުކުރަން އެއްބަސްވީ އާއިލާ ތެރޭގައި ގިނަ ވާހަކަތަކެއް ދައްކައި، ގިނަ ގޮތްގޮތުން ވިސްނާފައި ކަމަށްވެސް ލަޕޯޓް ބުނެފައިވެއެވެ.

ލަޕޯޓް ސްޕެއިން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ޔޫރޯ 2020 ގެ ވާމް އަޕަށް ސްޕެއިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. ކުއްލިއަކަށް ގައުމީ ޓީމު ބަދަލުކޮށް ޔޫރޯއަށް ދިޔަ ނަމަވެސް، ލަޕޯޓް ހުރީ ސްޕެއިންއަށް ފައްކާވެފައެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ލަޕޯޓް ގޯލުވެސް ޖަހައިފައިވާ އިރު، ސްޕެއިންއާއެކު އޭނާ އަންނަނީ މުހިއްމު ރޯލެއް އަދާކުރަމުންނެވެ. ސްޕެއިންގެ ކާމިޔާބު ތާރީހު އިޔާދަކުރަން އެގައުމުން ކުރަމުން އަންނަ މަސައްކަތުގައި ލަޕޯޓަކީ މުހިއްމު ކުޅުންތެރިއެކެވެ. ސެމީ ފައިނަލުގައި ސްޕެއިންއިން އިޓަލީއާ ދެކޮޅަށް ނުކުންނައިރުވެސް ލަޕޯޓް މުހިއްމުވާނެއެވެ.