"އަހަރެމެން ކުޅޭނީ އެރިކްސަންގެ ހިތާއެކު. އެރިކްސަންއަކީ އަދިވެސް ޓީމުގެ ހިތް. އެ ހިތާއެކު ކޮންމެ މެޗަކަށްވެސް ޓީމު ނުކުންނާނީ ބިރެއް ނެތި،" ޗެކު ރިޕަބްލިކާ ދެކޮޅަށް ޑެންމާކުން ކުޅެން އޮތް ކުއާޓާ ފައިނަލް މެޗުގެ ކުރިން ޑެންމާކު ކޯޗު ކެސްޕާ ޖުލްމާންޑް ބުނެފައިވެއެވެ.

ޑެންމާކުގެ ހިތްވަރު އަނެއްކާވެސް ސާބިތު ކޮށްދީފިއެވެ. ކުއާޓާގައި ރޭ ޗެކު ރިޕަބްލިކް ބަލިކޮށް ޑެންމާކު ސެމީއަށް ދިޔައީ 29 އަހަރަށްފަހުއެވެ. މިއީ 1992 ވަނަ އަހަރަށްފަހު އެޓީމުން ކުއާޓާ ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރު މުބާރާތް ޑެންމާކުން ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެ ކާމިޔާބީ ތަކުރާރު ކުރުމަށް ޑެންމާކުގެ ހިތްވަރު ހުރިކަން އެ ޓީމުން އަންނަނީ ސާބިތު ކޮށްދެމުންނެވެ. ޑެންމާކުގެ ހިތްވަރަކީ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއެވެ.

ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވިއެވެ. ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ކުރި އަސަރުތަކާއެކު ޑެންމާކަށް ދިމާވީ އަންދާޒާ ކޮށްލަންވެސް އުނދަގޫ ހާލަތެކެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެމެޗުން ބަލިވެ އެޓީމަށް ހިތާމައިގެ މައްޗަށް ހިތާމަ ކުރިމަތިވިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު ބޮޑު ތަފާތަކުން މޮޅުވުން ނޫން ގޮތެއް ޑެންމާކަކަށް ނެތެވެ. އެ މެޗުގެ ކުރިން ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ހޮސްޕިޓަލުގައި އޮތުމަށްފަހު އެރިކްސަން ގެއަށް ދިޔުމުގެ ކުރިން ޓީމާ ބައްދަލުވެލުމެވެ. ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި ސާޖަރީއަކަށްފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ ހެލްސިންގޯ އަށް ގޮސް، ޑެންމާކު ޓީމާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމަށްފަހު ޑެންމާކުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރަޝިއާއާ ދެކޮޅަށް ނުކުތީ އެރިކްސަންއަށް ޓަކައި މޮޅަކަށެވެ. އެ މެޗަށް ނުކުމެ ޑެންމާކުން ލިޔެލީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައިގެ އެންމެ ރީތި ޖާދުވީ ވާހަކައެވެ. ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އެޓީމަށް ދިމާވި އުނދަގޫ ހާލަތު ބަދަލުކޮށް، އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހޯދި މޮޅާއެކު ގަދަ 16 ޔަގީން ކުރި މަންޒަރު ބަލަން ތިބި ހުރިހާ އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ގްރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޑެންމާކު، ތިންވަނަ މެޗަށް ނުކުމެ، 4-1 އިން ރަޝިއާ ބަލިކޮށް، ގަދަ 16 އަށް ދިޔައީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. އެ ޖޯޝު، އެ ހިތްވަރު ހުރިހާ ކުޅުންތެރިން ހާއްސަ ކުރަނީ ހަމަ އެންމެ ކުޅުންތެރިޔަކަށެވެ. ކްރިސްޓިއަން އެރިކްސަންއަށެވެ. އެއީ ޓީމަށް ލިބުނު ޖާދުލުގެ ހިތްވަރެވެ.

އެ ޖާދުލަށް ގަދަ 16ގައިވެސް ނިމުމެއް ނައެވެ. ވޭލްސް ބަލިކުރީ 4-0 އިންނެވެ. ކުއާޓާގައި ރޭ ޗެކު ބަލިކުރީ 2-1 އިންނެވެ. މެޗަށްފަހު މުޅި ޑެންމާކު އުފާފާޅުކުރިއިރު، ކޯޗަށް މަދުވީ އެރިކްސަންއެވެ. ކަރުނައާއެކު ކޯޗު ބުނީ އެރިކްސަން އެ ކާމިޔާބީއާއެކު ޓީމުގައި ހުންނަން ޖެހޭ ކަމަށެވެ.

"އަހަރެން މިހާރުވެސް ކޮންމެ ދުވަހަކު މި ހުންނަނީ އެރިކްސަންގެ ހަނދާނުގައި. އޭނާ މި ކާމިޔާބީއާއެކު މިތާ ހުންނަން ޖެހޭ. އަހަރެމެން އެންމެންވެސް އުފާކުރަން އެރިކްސަން ދިރިހުރި ކަމަށްޓަކައި، އަހަރެމެން އޭނާގެ ހަނދާންތައް ގެންދާނަން ވެމްބްލީއަށްވެސް. އަހަރެން އަބަދުވެސް އޭނާ މަތިން ހަނދާންކުރަން. އަހަރެމެން ގަބޫލުކުރަން އެ ހާދިސާގެ ސަބަބުން ފުޓުބޯޅައިގެ ރީތި ފަޅިއެއް އަހަރެމެންނަށް ދަސްވިކަން. އެކަމަށްޓަކައި ކޮންމެހެންވެސް އުފާކުރަން ޖެހޭ. އަހަރެން ނުބުނި ނަމަވެސް ޓީމުން ދަނީ އެކަން ދައްކަމުން،" ރޭގެ މެޗަށްފަހު ޑެންމާކު ކޯޗު ޖުލްމާންޑް ބުނެފައިވެއެވެ.

ޑެންމާކުން 1992 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރީ ތަފާތު ގޮތަކަށް ކޮލިފައިވެސް ވެގެންނެވެ. ޖުމްލަ އަށް ޓީމަކުން ވާދަކުރި ޔޫރޯއަށް ޑެންމާކު ދިޔައީ ނަސީބަކުންނެވެ. ޔޫގޯސްލާވިއާ ބައިބައިވެގެން ދިޔުމާއެކު، އެ ގައުމު ޑިސްކޮލިފައިކުރުމުން އެތަން ފޫބައްދަން ޑެންމާކު ގެންގޮސްފައިވާ އިރު، ޑެންމާކު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީވެސް ކިރިޔާއެވެ. ފުރަތަމަ މެޗުގައި ޑެންމާކުން އިންގްލެންޑާ އެއްވަރުވެފައިވާ އިރު، ދެވަނަ މެޗުގައި ހޯސްޓް ގައުމު ސްވިޑެން އަތުން ބަލިވިއެވެ. ޑެންމާކު އެ މުބާރާތު ސެމީއަށް ދިޔައީ ފަހު މެޗުގައި ކުޑަ ތަފާތަކުން ފްރާންސް ބަލިކޮށްގެންނެވެ.

ސެމީން ނެދަލޭންޑްސް އަތުން ޑެންމާކު ސަލާމަތްވީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލަށް ގޮސް ވަރުގަދަ ޖަރުމަނު ބަލިކުރީ ހައިރާންކުރުވަނިވި ހިތްވަރަކާ އެކުގައެވެ. މިހާރު މިސްރާބު ހުރީ އެ ކާމިޔާބީގެ ހިތްވަރާވެސް އެކު، އެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. މިއަހަރު ޔޫރޯގައި ޑެންމާކުން ސެމީގައި ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.