ޓްރާންސްޕޯޓު ހިދުމަތްތަކާ އަލްވަދާއު ކިޔައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަމާޒަކީ އެ ކުންފުނީގެ ދަށުން ހިންގާ ޕޯޓުތައް އިތުރަށް ހަރުދަނާކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ޝާހިދު ވިދާޅުވީ އެތަައް ދުވަހަކަށްފަހު ޓްރާންސްޕޯޓު ހިދުމަތްތަކާ އަލްވަދާއު ކިޔަންޖެހުނީ އެ ކުންފުނީގެ ދަށުން ހިންގާ ޕޯޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ މާލެ އާއި އަތޮޅުތެރޭގައި، އެކުންފުނީގެ ދަށުން ހިންގާ ޕޯޓުތައް ހަރުދަނާކުރުން ކަމަށެވެ. އަދި އެ ކުންފުނީގެ މެންޑޭޓުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކޮށް ފުޅާކުރަންޖެހޭ މަސައްކަތްތައް ކުރުމަކީވެސް ޓްރާންސްޕޯޓު ހިދުމަތްތަކާ އަލްވަދާއު ކިޔަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ކޮމާޝަލް ހާބަރުގައި ދެވޭ ހިދުމަތްތަކާއި، ހުޅުމާލޭ ޓާމިނަލްގައި ދެވޭ ހިދުމަތްތަކާއި، ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ އިންޓަނޭޝަނަލް ޕޯޓުން ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް އެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅު ހަރުދަނާ ހަރުފަތަކަށް ގެންދިޔުމަށް އެ ކުންފުނިން މަސައްކަތްތަކެއް ކުރަން މިހާރު ޕްލޭން ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިހާރު ކުރަމުންދާ އެންމެ ބުރަ އެއް މަސައްކަތަކީ ގުޅީފަޅު ޕޯޓުގެ މަސައްކަތް. އެ މަސައްކަތަށް އަޅުގަނޑުމެން އެނބުރި ގަންނައިރު ހުރިހާ ފޯކަސް އެއް އެ ދިމާލަށް ލާން އެބަޖެހޭ. މާލޭގެ ކޮމާޝަލް ހާބަރުން ގުޅީފަޅަށް ޓްރާންސިޝަން ވެގެންދާއިރު އަޅުގަނޑުމެން ބަދަލުވެގެން މިދަނީ މުޅިން އެހެން މަސައްކަތުގެ މާހައުލަކަށް. މިހާރު މި މަސައްކަތް ކުރާ ޓެކްނޮލޮޖީތަކަށްވުރެވެސް އަދި އެއަށްވުރެ ޒަމާނީ ޓެކްނޮލޮޖީތަކަށްވެސް ބަދަލުވެގެންދޭ. އަޅުގަނޑުމެން މަސައްކަތް ކުރާ އިކުއިޕްމެންޓްތަކާ މަސައްކަތް ކުރާ ގޮތްވެސް ބަދަލުވެގެންދާނެ. އެހެންވީމަ މި މަސައްކަތްތަކަށް ތައްޔާރުވުމަށް ޓްރާންސިޝަން ޕީރިއަޑުގަ ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ. އެހެންވީމަ އެ މަސައްކަތްތަކަށް އަޅުގަނޑުމެން ފޯކަސް ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެކުންފުނީގެ މެންޑޭޓުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް ފޯކަސް އެނބުރިގެންދާނީ ޓްރާންސްޕޯޓުން އަލްވަދާއު ކިޔައިގެން ކަމަށާއި އެހެން ކަމުން ކުންފުންޏަށް އެކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޕޯޓުތަކުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ގދ. ތިނަދޫގައި ޕޯޓު ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.