1996 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. ވޯލްޑް ކަޕް 2018ގެ ސެމީ ފައިނަލަށްވެސް ދަތުރު ކުރި އިންގްލެންޑަށް ޒަމާން ގަނޑަކަށްފަހު ބޮޑު ދެ މުބާރާތެއްގެ ފައިނަލް ކުޅެލަން ފުރުސަތު ލިބިއްޖެއެވެ. 1872 ވަނަ އަހަރު އިންގްލެންޑުން ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކީ ބައިނަލްއަގުވާމީ ފުރަތަމަ އެކުވެރިކަމުގެ މެޗަށްވާ އިރު، އިންގްލެންޑަކީ ފުޓުބޯޅައިގެ ހޯމްއެވެ. ޔަގީނުންވެސް އެގައުމުގެ ސަޕޯޓަރުން މާނަކުރަނީ އެހެންނެވެ. މިފަހަކަށް އައިސް ބޮޑެތި މުބާރާތްތަކަށް އެގައުމުން ގެންދާ ސްލޮގަންއަކީވެސް "ފުޓްބޯލް އިސް ކަމިން ހޯމް"ގެ ސްލޮގަންއެވެ. ފުޓުބޯޅައިގެ އެންމެ ޒަމާންވީ އިންގްލެންޑަށް ފުޓުބޯޅަ އަނބުރާ ހޯމްއަށް ގެންދެވިދާނެތޯ މިއީ ކުރެވޭ ސުވާލެވެ.

1996 ވަނަ އަހަރު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ފަހުން ބޮޑު މުބާރާތެއްގެ ތައްޓެއް ނުހޯދި އޮތް އިންގްލެންޑަށް ކޮންމެ ބޮޑު މުބާރާތަކަށް ކުރިމަތިލާއިރުވެސް އޮންނަ ޕްރެޝަރަކީ ތައްޓެއް ނުލިބި ޒަމާންތަކެއް ވެފައި އޮތުމެވެ. ތަރިންގެ ޓީމުތަކާ އެކު ގޮސްގެންވެސް އެކަން ނުވެ އޮތް އޮތުމަކީ މީޑިއާ ޕްރެޝަރު ބޮޑުވާ ސަބަބެކެވެ. މިފަހަރުގެ މުބާރާތްވެސް އިންގްލެންޑުން ފެށީ ޕްރެޝަރާ އެކުއެވެ. ސްކޮޑު ނެގި ހިސާބުން ފެށިގެން ގޮސް، ގުރޫޕް ސްޓޭޖު ނިމެންދެންވެސް އޮތީ އެ ޕްރެޝަރެއްގައެވެ. ވަކި ކުޅުންތެރިޔަކު ނާރުވާތީ، ވަކި ގޮތަކަށް ނުކުޅޭތީ ކޯޗު ސައުތުގޭޓަށް ސުވާލުތަކެއް ކުރިމަތިވިއެވެ.

އިންގްލެންޑުން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 1-0 އިން ކްރޮއޭޝިއާ ބަލިކުރި އިރު، ދެވަނަ މެޗުގައި ސްކޮޓްލޭންޑާ އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ. ތިންވަނަ މެޗުގައި 1-0 އިން ޗެކު ރިޕަބްލިކް ބަލިކޮށްފައިވާ އިރު، ގަދަ 16 އަށް ދިޔައީ ކޮޅަށް ގޯލެއް ނުވައްދައެވެ. ގަދަ 16ގައި ޖަރުމަނު ބަލި ކުރީ 2-0 އިންނެވެ. އަނެއްކާ ރޭ ކުއާޓާގައި ޔޫކްރެއިން ބަލިކޮށްފައި ވަނީ 4-0ގެ ނަތީޖާއަކުންނެވެ. ކޮންމެއަކަސް މިއީ ރަނގަޅު ފޯމެކެވެ. އެޓީމަކީ ޔޫރޯއެއް ފެށިގެން ސެމީއާ ހަމައަށް ދިޔަ އިރު ކޮޅަށް ގޯލެއް ވައްދާނުލާ ދިޔަ ހަމައެކަނި ޓީމެވެ. އަދި މިއީ އިންގްލެންޑުގެ ޒަމާންވީ 149 އަހަރުގެ ފުޓުބޯޅަ ތާރީހުގައި ޖެހިޖެހިގެން ހަތް މެޗުގައި ކްލީންޝީޓް ދެމެހެއްޓި ފުރަތަމަ ފަހަރެވެ.

ފާޑު ކިޔުންތެރިންނަށް ރައްދު ދީފިއެވެ. ދެން އޮތީ ދެ ފިޔަވަޅެކެވެ. ރޭގެ މެޗަށްފަހު ކޯޗު ސައުތުގޭޓް ބުނެފައި ވަނީ އިންގްލެންޑުން އެ ފިޔަވަޅު އަޅަން އެހެން ހުރިހާ ޓީމަކަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށެވެ. އެޓީމަށް އޮތް އެންމެ ބޮޑު ފައިދާއަކީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި، އަމިއްލަ ގައުމުގައި ސެމީވެސް ކުޅެން ޖެހުމެވެ.

"މިއީ އިންގްލެންޑަށް އުފާވެރި ނަތީޖާތަކެއް. އެންމެންނަށްވެސް އުންމީދު އާވާނެ ކުރިއަށްދާން. މެޗުތަކުން މޮޅުވެ ގައުމުގެ އެތައް ބަޔަކަށް މި ގެނެސްދެވުނު އުފާވެރިކަމަށް ހިތްހަމަޖެހޭ. އުފާކުރަންވީ. އުފާފާޅުވެސް ކުރަންވީ. މިއީ އެންމެންނަށްވެސް އުނދަގޫ އަހަރެއް. އެކަމަކު އަހަރެން ގަބޫލުކުރަން ދެން އޮތް ދެ ފިޔަވަޅަށް ތައްޔާރުވާން ޖެހޭ ކަމަށް. އެއީ މުހިންމު ކަމަކީ. މިއީ ތިން އަހަރު ތެރޭގައި ކުޅޭ ދެވަނަ ސެމީ. މި ސެމީން ބަލިވާކަށް ނޭދޭނެ އެއްވެސް ކުޅުންތެރިއެއް. ދެ ފިޔަވަޅު އަދި އެބަ އޮތް. އެ ދެ ފިޔަވަޅު އަޅައި ތަށި ހޯމްއަށް ގެންދެން ތައްޔާރު،" ސައުތުގޭޓް ބުންޏެވެ.

މެޗަށްފަހު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފައި ވަނީ މިހާތަނަށް އެޓީމުން ފުރިހަމަ ޔޫރޯއެއް ކުޅެމުން އައި ނަމަވެސް ޓާގެޓް ހަނދާން ނުނެތޭނެ ކަމަށެވެ. އެޓީމުގެ ގޯލަކީ ބޮޑު މުބާރާތެއް ހޯދުންކަން ހަނދާން ބަހައްޓާނެ ކަމަށާއި އެ ވިސްނުން ގެއްލުވާ ނުލާނެ ކަމަށްވެސް ކޭން ބުނެފައިވެއެވެ.

ފޯމުގައި އިންގްލެންޑުން އޮތް އޮތުމާއެކު "އިޓްސް ކަމިން ހޯމް"އޭ ބުނެވިދާނެއެވެ. އިންތިޒާރު ކުރަމާ ހިނގާށެވެ.

https://www.youtube.com/watch?v=RJqimlFcJsM