ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގައި ޗެކު ރިޕަބްލިކް ބަލިކޮށް، ޑެންމާކުން 29 އަހަރަށްފަހު ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އަޒަރުބައިޖާންގެ ބަކޫގައި މިރޭ ކުޅުނު މެޗު 2-1 އިން ކާމިޔާބުކޮށް ޑެންމާކުން ސެމީ ޔަގީން ކޮށްފައިވާ އިރު، މިއީ 1992 ވަނަ އަހަރަށްފަހު އެޓީމުން ކުއާޓާ ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރު މުބާރާތް ޑެންމާކުން ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ.
ޑެންމާކުން މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފައިވަނީ ގަދަ 16 ގައި ބޮޑު ތަފާތަކުން ވޭލްސް ބަލިކޮށްގެންނެވެ. އެޓީމުން ވަނީ 4-0 އިން ވޭލްސްގެ މައްޗަށް ކާމިޔާބު ހޯދައި ހިތްވަރު ދައްކާލައިފައެވެ. ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް އޭގެ ފަހުން އެޓީމު ފެނުނީ އާ ހިތްވަރަކާއެކު ކުޅެމުން ދިޔަތަނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާ ކޮޅަށް ހަތަރު ގޯލު ޑެންމާކުން ޖެހި އިރު، އެޓީމު މިހާރު ފެންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުންދާތަނެވެ. 1992 ވަނަ އަހަރު ގިނަ ބަޔަކު ހައިރާންކޮށްލައި ޑެންމާކުން މުބާރާތް ނެގި ތާރީހު އަލުން އިޔާދަކުރުމަށް އެޓީމުން އަންނަނީ މޮޅަށް ކުޅެމުންނެވެ.
އަނެއްކޮޅުން މެޗަށް ނުކުތް ޗެކު ރިޕަބްލިކް ވަނީ ގަދަ 16 ގައި ވަރުގަދަ ނެދަލޭންޑްސް ބަލިކޮށްފައެވެ. އެޓީމުގެ ވަރުގަދަކަމާ މެދު އެއްވެސް ޓީމަކުން ޝައްކު ނުކުރާނެކަން ޔަގީނެވެ. ހާއްސަކޮށް ޗެކުގެ ފޯވަޑް ޕެޓްރިކް ޝިކަކީ މިހާތަނަށް މުބާރާތުގައި އެންމެ ނުރައްކާތެރިކޮށް ފެނުނު ފޯވަޑެވެ. މިރޭގެ މެޗަށް އޭނާ ނުކުތީ ހަތަރު ގޯލު ޖަހާފައި އޮވެގެންނެވެ.
މެޗަށް ނުކުމެ ދެޓީމަށް ހަމަޖެހިނުލެވި އުޅެނިކޮށް، ޑެންމާކުން ލީޑު ނެގިއެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސްޓްރައިގާ ލާސަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެލޭނީއެވެ.
ގޯލަށްފަހު ނުރައްކާކޮށް ފެނުނީވެސް ޑެންމާކެވެ. އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށްވެސް ފުލުފުލުގައި ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. މިހާތަނަށް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕިއޭ އެމީލް ހޮއިބިއާ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑެމްސްގާޑް ފޮނުވާލި ބޯޅަ، ގޯލަށް ވަނުމުގެ ކުރިން ޗެކްގެ ޑިފެންޑަރު ވަނީ ހޯދައި ބޭރުކޮށްލައިފައެވެ. އޭގެ އިތުރުން ޑެލޭނީ ފޮނުވާލި ރަނގަޅު ހަމަލާއެއް ބޭރަށް ދިޔަކަން ފާހަގަވެގެން ދިޔައެވެ.
ޗެކުންވެސް ވަނީ މެޗަށް ހޭނި ހަމަލާތަކަށް ފުރުސަތު ފަހިކޮށްފައެވެ. އެޓީމުގެ ނުރައްކާތެރި ފޯވަޑް ޝިކް ޖެހި ބާރު ބޯޅައެއް ޑެންމާކު ޑިފެންޑަރު ބްލޮކްކުރި އިރު، ޑެންމާކުގެ ކީޕަރު ޝްމައިކަލްއަށް ހެދުނު ގޯހަކުން މަސަޕުސްޓަށް ލިބުނު ބޯޅަ، އޭނާ ޖައްސާލުމުން ޕެނަލްޓީ އޭރިއާ ތެރެއިން ހޯލްސް ފޮނުވާލި ހަމަލާ، ޝްމައިކަލް ވަނީ މަތަކޮށްފައެވެ.
ދާދި ހަމަހަމަކޮށް ކުޅުން ފެނުނު ނަމަވެސް ބޮޑަށް ފެނުނީ ޗެކުގެ ޑިފެންސް ހުޅުވާލައި ޑެންމާކުން ކުރިއަށް ޖެހި ނުރައްކާ ކުރިތަނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުގެ ނުރައްކާތެރި ހަމަލާތަކެއް ފެނުނެވެ. އަދި ހާފު ނިމުމުގެ ކުރިން ލީޑު ފުޅާވެސް ކުރިއެވެ. ޑެންމާކަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މައޭލާ ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޑެންމާކަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޮލްބާގެވެ. މިރޭގެ މެޗަށްވެސް ޑޮލްބާގު ނުކުތީ އަނިޔާގައި ހުރި ޔޫސުފް ޕައުލްސަންގެ ބަދަލުގައެވެ.
ދެވަނަ ހާފަށް ޗެކުން ނުކުތީ ދެ ބަދަލާއެކުގައެވެ. އެޓީމުން މެޗަށް އަނބުރާ ވަނުމަށް އަވަސް ގޯލަކަށް ބޭނުންވެފައި އޮތްއިރު، އެޓީމުން ހާފުގެ ކުރީކޮޅުގައި އުންމީދު އާކުރިއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ކޫފަލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޗެކަށް ގޯލު ޖަހައިދިނީ ވަރުގަދަ ފޯވަޑް ޝިކެވެ. މިއީ މުބާރާތުގައި ޝިކް ޖެހި ފަސްވަނަ ގޯލެވެ. އެ ގޯލާއެކު އެންމެ ގިނަ ގޯލު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލުގެ އަދަދާ ވަނީ އެއްވަރުވެފައެވެ.
ޝިކް ޔޫރޯގައި ފަސް ގޯލު ޖަހާފައިވާ އިރު، އޭނާއަކީ ޗެކު ޖާޒީގައި ޔޫރޯ މުބާރާތެއްގައި ފަސް ގޯލު ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. އޭގެ ކުރިން އެ ޝަރަފު ހޯދާފައި އޮތީ މިލާން ބަރޯސްއެވެ.
އެ ގޯލަށްފަހު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޑެންމާކުގެ ޕައުލްސަން މެޗަށް ނުކުމެ ރަނގަޅު ދެ ފުރުސަތެއް ހޯދިތަން ފެނިގެން ގޮސްފައިވެއެވެ. އޭނާގެ ފުރަތަމަ ހަމަލަ ޗެކްގެ ކެޕްޓަން ސޯޗެކް ބްލޮކްކޮށް ބޭރުކޮށްލައިފައިވާ އިރު، ދެވަނައަށް އޭނާ އުފެއްދި ހަމަލާ އަމާޒުވީ ޗެކުގެ ގޯލްކީޕަރު ވަސްލިކް އަތަށެވެ.
މެޗުގެ ފަހުކޮޅަށް ދިޔައިރުވެސް ނުރައްކާކޮށް ފެނުނީ ޑެންމާކުންނެވެ. ޕައުލްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މައޭލީ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ވަސްލިކް މަތަކޮށް ބޭރުކޮށްލި އިރު، މެޗު ނިންމާލުމަށް އެޓީމުން ވަނީ ރަނގަޅަށް ޑިފެންސް ކޮށްފައެވެ.
ޑެންމާކުން ސެމީގައި ކުޅެން ޖެހޭނީ މިރޭ އިންގްލެންޑާއި ޔޫކްރެއިން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020