މިހާތަނަށް ޔޫރޯ 2020 ގައި އިޓަލީއަށް އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ، އެޓީމުގެ ސައިޑް ބެކް ލިއޮނާޑޯ ސްޕިނަޒޯލާގެ ފަޔަށް ލިބުނު ސީރިއަސް އަނިޔާއާއެކު ދެން މި މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ރޭ އިޓަލީން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ކޮޅުގައި އަރިމަތިން ދިޔަ ބޯޅައަކަށް ދުވަން މަސައްކަތް ކުރުމުގެ ތެރޭގައި ސްޕިނަޒޯލާއަށް އަނިޔާވެ އޭނާ ވަނީ އަމިއްލައަށް ބަދަލުކުރަން އެދިފައެވެ. މެޑިކަލް ޓީމުން ދަނޑަށް އަރައި ސްޕިނަޒޯލާ ބާލައިފައި ވަނީ އަށިގަނޑުގައެވެ. އެ މާޔޫސްކަމުގައި ސްޕިނަޒޯލާ ވަރަށް ބޮޑަށް ރުއި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.

ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސްޕިނަޒޯލާ ފައިގެ، "އާޗެލީސް ޓެންޑަން" އެއްކޮށް ބިންދައިގެން ގޮސްފައިވެއެވެ. އޭގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭކަމަށްވެސް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ޔަގީންކަމާއެކު ބުނަން ނޭނގުނު ނަމަވެސް ގާތްގަނޑަކަށް ތިނެއް ނޫނީ ހަތަރު މަސް ދުވަސް ވަންދެން ސްޕިނަޒޯލާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ބެލެވެއެވެ.

ޔުވެންޓަސް އެކެޑަމީން ތަމްރީނުވި ސްޕިނަޒޯލާ ވަނީ އެ ޓީމަށް ކުޅުނު އިރު، ލޯން އެއްބަސްވުމެއްގެ ދަށުން އެކި އަހަރު މަތިން އިޓަލީގެ ހަ ޓީމަކަށް ކުޅެފައެވެ. އޭނާ މިހާރު ކުޅެމުން އަންނަ ރޯމާއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ރޯމާގައި ނިންމާލި ކާމިޔާބު ސީޒަނަށްފަހު ގައުމީ ޓީމާއެކު ޔޫރޯއަށް އައިސް ދައްކަމުންދަނީ ތަފާތު މޮޅު ކުޅުމެކެވެ. އިޓަލީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ސްޕިނަޒޯލާ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.