މީހަކު ބަލަން މާލޭގެ ގެއަކަށް ގެނައި އިންޑިއާ މީހަކު، އޭނާއާ ބަލަން ހަވާލު ކުރި މީހާއަށް އަނިޔާ ކުރި މައްސަލައިގައި ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަރަސްވަތި ކޮނަޓި މ. ޝާހު/ އާމަދު ރަޝީދާ އަހުމަދު ބެލެހެއްޓުމަށް އެގެއަށް ގެނަސްފައި ވަނިކޮށް، ހުސްވި މެއި މަހުގެ 31 ގައި ހިނގާފައިވާ ހާދިސާ އެކެވެ.
މި މައްސަލައިގައި އިންޑިއާ މީހާ، އޭނާ ބެލެހެއްޓުމަށް ހަވާލު ކުރި ރަޝީދާ އަހުމަދުގެ މޭ މަތީގައި އަތްލައި، ކޮއްޕާލައި ރަޝީދާ އަހުމަދުގެ މޫނުމަތީގައި އޭނާގެ އަތުން ޖަހާފައިވާތީ، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގައިގާ އަތްލުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އިބުތިދާއީ އަޑު އެހުމުގައި ދައުވާ ރައްދުވާ ފަރާތުން ވަނީ ކުށަށް އިއުތިރާފުވެ، މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިފައެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންގޮސް ފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތުން، ދައުވާއަށް އިއުތިރާފް ވެފައިވާތީ، އޭނާ ކޮށްފައިވާ ކުށަށް ކަޑައެޅިފައިވާ އަދަބުގެ އެއް ދަރަޖަ ދަށްވާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
އެގޮތުން ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ މި ކުށަކީ ތިންވަނަ ދަރައިގެ ކުށެއް ކަމުން މި ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި ނަމަވެސް ކުށަށް އިއުތިރާފު ވެފައިވާތީ އަސާސީ މިންގަނޑުގެ އެއް ދަރަޖަ ދަށްވާނެތީ، އަދަބުގެ މިންވަރު މަތިކުރާނެ ހާލަތެއް ނެތް ކަމަށެވެ.
އެހެންކަމުން މި މައްސަލަ ބަލައި ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައި ވަނީ، ސަރަސްވަތި ކޮނަޓި، އޭނާ ކުރި ކަންކަމަށް އިއުތިރާފު ވެފައިވާތީ އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން 27 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އޭނާގެ މައްޗަށް ކަނޑައެޅި ޖަލު އަދަބަށްވުރެން ގިނަ ދުވަހު، އެ މައްސަލައިގެން ބަންދުގައި ހޭދަކުރަންޖެހިފައިވާތީ އޭނާ އިތުރަށް ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
އެ މައްސަލައިގައި ސަރަސްވަތި ކޮނަޓި 30 ދުވަހުގެ މުއްދަތަށް ބަންދުގައި ހުންނަން ޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު