ޔޫރޯ 2020

ގަދަފަދަ ބެލްޖިއަމް ބަލިކޮށް، އިޓަލީ ސެމީއަށް

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ވަރުގަދަ ބެލްޖިއަމް ބަލިކޮށް، އިޓަލީން ސެމީ ފައިނަލުގެ ފުރުސަތު ޔަގީން ކޮށްފިއެވެ.

މިރޭގެ މެޗަށް ދެޓީމު ނުކުތީ ޖަރުމަނުގެ އެލިއާންޒް އެރީނާގައެވެ. މެޗު އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޖެހި ތިން ގޯލުވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މިރޭގެ މޮޅާއެކު އިޓަލީން ސެމީ ފައިނަލް ޔަގީން ކޮށްފައިވާ އިރު، މިއީ 2012 ވަނަ އަހަރަށްފަހު އިޓަލީ ސެމީއަށް ދިޔަ ފުރަތަމަ އަހަރެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓަމުން އަންނަ ބެލްޖިއަމް އެންމެފަހުން ކެޓީ ކުއާޓާ ފައިނަލުންނެވެ. 1980 ވަނަ އަހަރަށްފަހު ބެލްޖިއަމަށް އަދި ޔޫރޯގެ ސެމީއަށް ދެވިފައެއް ނުވެއެވެ.

މިރޭގެ މެޗު ފޯރިގަދަ ވެގެންދާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. މިއީ ކުއާޓާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަންވެސް އަމާޒުވެފައި އޮތް މެޗެވެ. އިޓަލީއާއި ބެލްޖިއަމް މިރޭގެ މެޗަށް ނުކުތީ މިހާތަނަށް މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ ދެޓީމުގެ ގޮތުގައެވެ. ދެޓީމުންވެސް މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް އިރު، އިޓަލީން ގަދަ 16 ގައި އޮސްޓްރިއާ ބަލިކުރީ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެންނެވެ. ބެލްޖިއަމްއިން ގަދަ 16 ގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށްފައިވާ އިރު، އެޓީމުން މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ތަރިންގެ ކުރިމަތިލުމަކަށް މެޗު ވެގެން ގޮސްފައިވާ އިރު، ބެލްޖިއަމަށް މާޔޫސް ކަމަކަށްވީ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ކެޕްޓަން އެޑެން ހަޒާޑް މިރޭގެ މެޗަށް ފިޓް ނުވުމެވެ. އެހެންނަމަވެސް ކެވިން ޑިބްރޭނާ ވަނީ ފިޓްވެ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައެވެ. ކުރިން ބެލެވިފައި އޮތީ އޭނާއަށްވެސް މިރޭގެ މެޗު ގެއްލޭނެ ކަމަށެވެ. އަނެއްކޮޅުން އިޓަލީ ނުކުތީ ޓީމު ކެޕްޓަން ޖޯޖިއޯ ކިއެލީނީއާ އެކުގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ކިއެލީނާއަށް ގަދަ 16ގެ މެޗު ގެއްލުނެވެ.

މެޗު އިންތިހާއަށް ފޯރިގަދައެވެ. ދެކޮޅަށްވެސް ހަމަލާތައް ފެނިގެން ދިޔައެވެ. ފުރަތަމަ ހާފުގައިވެސް ތިން ގޯލު ފެނިގެން ދިޔައެވެ. މެޗުގެ ކުރީކޮޅުގައި ބެލްޖިއަމްގެ ނުރައްކާތެރި ފޯވަޑް ރޮމެލޫ ލުކާކޫއާއި ކެވިން ޑިބްރޭނާގެ ނުރައްކާ ފާހަގަ ކޮށްލެވިފައިވެއެވެ. އެ ދެކުޅުންތެރިންގެ ހަމަލާތައްވެސް ފުރަތަމަ ހާފުގައި ފެނިފައިވާ އިރު، އެ ދެ ހަމަލާއަށްވެސް ހުރަސް އެޅީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއެވެ. މެދުތެރެއިން ބާރު ދުވެލީގާއި ގޮސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއާއި ލުކާކޫ ބަލާލައިފައި ކަނަށް ފޮނުވާލި ބޯޅަވެސް މަތަކޮށް ބޭރުކޮށްލީ ޑޮނަރޫމާއެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅަށް ދިޔަ ވަރަކަށް އިޓަލީން މެޗުގެ ކޮންޓްރޯލް ހޯދަމުން ދިޔައެވެ. އެޓީމުން ޕާސްތައް ޖަހައި ކުޅެން ފެށިތާ ގިނައިރެއް ނުވެ ލީޑުވެސް ނެގިއެވެ. ވެރާޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު ނައްޓާލުމަށްފަހު، ބަރެއްލާ ފޮނުވާލި ބާރު ހަމަލާއަކުން އަމާޒުކޮށްލީ ބެލްޖިއަމް ގޯލުގެ ތިރީ ކަނަކަށެވެ. އިޓަލީން އެޓީމުގެ ސްޓައިލްގައި ކުޅެން ފަށައި، ފޯމް ރަނގަޅުވެސް ކުރިއެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ލީޑު ފުޅާވެސް ކުރިއެވެ.

އަރިމަތިން ކުރިއަށް ޖެހި، ބެލްޖިއަމްގެ ޔޫރީ ތީލަމަންސް ކައިރިން ހިތްގައިމުކޮށް ނައްޓާލުމަށްފަހު އިންސީނިއާ އޭރިއާ ބޭރުން ބޯޅަ ކާވް ކޮށްލީ ސީދާ ގޯލުގެ ކަނަށެވެ. ވަރަށް ހިތްގައިމު ގޯލެކެވެ. އިޓަލީން ހިތްވަރާއެކު ހާފު ނިންމާލަން ދިޔަ ނަމަވެސް އެޓީމަށް އުންމީދު ކުރި ގޮތަށް ހާފު ނިންމައިނުލެވުނެވެ. ހާފުގެ ފަހު މިނެޓުގައި އިޓަލީ އޭރިއާ ތެރެއިން ބެލްޖިއަމް ޑިފެންޑަރު ޑޮކޫއަށް ޑި ލޮރެންޒޯ ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބެލްޖިއަމަށް އުންމީދު ގެނެސްދިނީ ލުކާކޫއެވެ. އެއީ އޭނާ މި ޔޫރޯގައި ޖެހި ހަތަރުވަނަ ގޯލެވެ.

ދެވަނަ ހާފުގައިވެސް ޝައުގުވެރި ކުރުވަނިވި ފުޓުބޯޅައެއް ދެޓީމުގެ ފަރާތުންވެސް ފެނުނެވެ. ނޭވާ ހިފަހައްޓާލަން ޖެހުނު އެތައް ވަގުތުތަކެއް މެޗުގައި ފެނިގެން ދިޔައެވެ. ހާފުގެ ފުރަތަމަ ކޮޅުގައި ޑިބްރޭނާގެ ޕާހަކުން ލުކާކޫއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާގެ ހަމަލާ އިޓަލީގެ ޑިފެންޑަރު ސްޕިނަޒޯލާ ވަނީ ހުޝިޔާރުކަމާއެކު ބްލޮކް ކޮށްފައެވެ. އިޓަލީއަށް އިންޒާރުގެ ރަނގަބީލެކެވެ.

އަނެއްކޮޅުން އިޓަލީގެ ނުރައްކާވެސް ވަކި ކުޑައެއް ނޫނެވެ. މެޗުގެ 64 ވަނަ މިނެޓުގައި އިންސީނިއާގެ ހިތްގައިމު ޕާހަކުން ސްޕިނަޒޯލާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ގޮސްފައިވާ އިރު، އިމޯބިލޭއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ގެއްލިގެން ގޮސްފައިވެއެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ބެލްޖިއަމްގެ ނުރައްކާ ފެނިގެން ދިޔައެވެ. އަރިމަތިން ޗެޑްލީ ދިން ބޯޅަ، އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ލުކާކޫ އަދި ތޯގަން ހަޒާޑަށް ވެސް ލިބޭ ގޮތެއް ނުވެ ދިޔައީ ކިރިޔާއެވެ.

ހަމަލާއަކަށްފަހު ހަމަލާއެއް، ފުރުސަތަކަށްފަހު ފުރުސަތެއް ލިބެމުން ދިޔަ މެޗުގެ ފޯރި ފަހުކޮޅަށް ގޮސް ދިޔައީ ގަދަވަމުންނެވެ. އިންސީނިއާގެ ބާރު ހަމަލާއެއް ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާ މަތަކޮށް ބޭރުކޮށްލި އިރު، އިޓަލީން ފަހުން ބޮޑަށް ބެލީ ބެލްޖިއަމް ހިފެހެއްޓުމަށެވެ. އެޓީމުން ފަހަތަށް ޖެހި ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. އެޓީމަށް ބެލްޖިއަމްގެ ހަލުވި ޑޯކޫގެ ފަރާތުން އުނދަގޫތައް ކުރިމަތިވިވެސް މެއެވެ. އޭނާގެ ބާރު ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، އޭރިއާ ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ދިޔައީ ނުރައްކާ ކުރަމުންނެވެ.

2018 ވަނަ އަހަރުން ފެށިގެން ބަލިނުވެ އޮތް އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 32 މެޗުންވެސް ބަލިނުވުމުގެ ސިލްސިލާއެއް ދަމަހައްޓައިފައެވެ. އެ ސިލްސިލާއާއެކު އިޓަލީން ދަނީ މިހާރު ޓީމުގެ ރެކޯޑު ފުޅާކުރަމުންނެވެ. ޔޫރޯ ގަދަ 16 ގައި އޮސްޓްރިއާ ބަލިކުރުމާއެކު އެޓީމު ވަނީ 1930 ވަނަ އަހަރު އެގައުމުގެ ގައުމީ ޓީމުން ކޯޗު ވިޓޯރިއޯ ޕޯޒޯއާއެކު ހަދާފައިވާ ރެކޯޑު މުގުރާލައިފައެވެ. ޕޯޒޯގެ ޓީމުން ބަލިނުވެ ހިފެހެއްޓީ 30 މެޗުގެ ސިލްސިލާއެވެ.

އިޓަލީން ސެމީގައި ވާދަކުރަން ޖެހޭނީ ސްޕެއިންއާ ދެކޮޅަށެވެ.