ރެއާލް މެޑްރިޑްގެ ކެޕްޓަން ބޭންޑް ގިނަ ދުވަސްތަކެއް ވަންދެން އެކްލަބަށް ކުޅުމަށްފަހު، މިހާރު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ސޮއި ކުރިކަމަށް އިއުލާން ކޮށްފިއެވެ.

މިއަދު ޕީއެސްޖީން ރާމޯސްގެ ޓްރާންސްފާ އިއުލާން ކުރި ނަމަވެސް އެ ކްލަބަށް ނޭނގި ރޭ އިއުލާން ކުރެވުނީ ކުޅޭނީ ހަތަރު ނަންބަރު ޖާޒީގައި ކަމެވެ.

އިއްޔެގެ ވަގުތެއްގައި ޕީއެސްޖީގެ މެޑިކަލް ފުރިހަމަކޮށް، ރާމޯސް ސޮއިކުރިކަން ޕީއެސްޖީން މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. އޭނާ ޕީއެސްޖީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް މިއަދު ވަނީ އިއުލާންކޮށްފައެވެ.

ރަސްމީކޮށް އިއުލާން ނުކުރެވި އުޅެނިކޮށް ޕީއެސްޖީގެ ސައިޓުގައި ޖެހި އާޓިކަލްއެއްގައި އެޓީމަށް ޕަބްލިޝް ކުރެވިފައި ވަނީ ރާމޯސް ކުޅޭނީ ހަތަރު ނަންބަރު ޖާޒީގައި ކަމަށެވެ. އެ އާޓިކަލް ކުޑައިރުކޮޅެއް ތެރޭގައި ޕީއެސްޖީ ސައިޓުން ޑިލީޓް ކޮށްލައިފައިވާ އިރު، މިހާރު ހުރިހާ އެންމެންނަށްވެސް ވަނީ ރާމޯސް ދެން ދާނެ ކްލަބު ޔަގީންވެފައެވެ. އެއީ ޕީއެސްޖީއެވެ.

ރެއާލް މެޑްރިޑްގެ ޖާޒީގައި 16 އަހަރު ކުޅުމަށްފަހު އެ ކްލަބުގެ ކެޕްޓަން، ލެޖެންޑަރީ ޑިފެންޑަރު ރާމޯސް ކްލަބު ދޫކޮށްލަން ނިންމީ ކޮންޓްރެކްޓް ހަމަވުމާއެކުގައެވެ. ރާމޯސްގެ ވަދާއީ ޕްރެސް ކޮންފަރެންސްގައި އޭނާ ފެނުނީ ރޮވިފައި ހުރިތަނެވެ. 2005 ވަނަ އަހަރު ރެއާލްއާ ގުޅި، މިހާތަނަށް 22 ތަށި ކްލަބާއެކު ހޯދާފައިވާ މި ޖީލުގެ އެންމެ މޮޅު އެއް ޑިފެންޑަރު ބުނެފައިވަނީ ކްލަބަށް އަބަދުވެސް ހާއްސަ މަގާމެއް ހިތުގައި ދޭނެ ކަމަށާއި އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނެފައި ވަނީ ބާސެލޯނާ އާއި ސްޕެއިންގެ އެހެން ކްލަބަކުން އޭނާ ނުފެންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރާމޯސް ވަނީ އޭނާ ރެއާލްގައި މަޑުކުރަން ބޭނުންވި ކަމަށްވެސް ބުނެފައެވެ. އެގޮތުން މުސާރަ ކުޑަކޮށްގެންވެސް މަޑުކުރަން ބޭނުންވެ، އެވާހަކަތައް ރެއާލްއާ ދެމެދު ދެކެވިގެން ދިޔަ ކަމަށާއި ނަމަވެސް ގޮތް ނިންމާފައި މަޑުކުރަން އެއްބަސްވާން ބެލި އިރު ރެއާލުން އެގޮތް ބޭނުންނުވި ކަމަށް ރާމޯސް ބުންޏެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ރެއާލްއަށް 469 މެޗު ކުޅެދީފައިވާ އިރު، މިވަގުތު އޭނާއަކީ ސްޕެއިން ގައުމީ ޓީމުގެވެސް ރަސްމީ ކެޕްޓަނެވެ. ގައުމީ ޓީމަށް 180 މެޗު ކުޅެދީފައިވާ ރާމޯސް ވަނީ ގައުމީ ޓީމާއެކު 2010ގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.

ސްޕެއިން އިން ޔޫރޯއަށް ދިޔަ ސްކޮޑުގައި ރާމޯސް ނުހިމެނީ ކޯޗާއެކު އޭނާ ވާހަކަދައްކައި އަނިޔާ އިން ރިކަވާވާން ވަގުތު ހޯދުމަށެވެ.