މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އެއްޗެއް ގޮއްވާލައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް މިއަދު އެމަނިކުފާނު އިނގިރޭވިލާތަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތީ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. ބާލިންގައި ހުންނަ ބުންޑެސްވެއަރ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އެ ހޮސްޕިޓަލްގެ ޑޮކްޓަރުން އިރުޝާދު ދެއްވީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަރުމަނުގައި ފަރުވާ ދެއްވި ބުންޑެސްވެއަރ ހޮސްޕިޓަލްގެ ޕްރޮފެސަރ ޑރ. ސީ.ވިލީއާ އާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ރައީސް ނަޝީދު ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ޖަރުމަނުގައި ހޭދަކުރެއްވި ދުވަސްތަކުގައި، ރާއްޖޭގެ އޮނަރަރީ ކޮންސަލް އަދި އެ ގައުމުގައި ހުންނަވާ އެމްބެސަޑަރާއި އެމްބަސީގެ މުވައްޒަފުންގެ ފަރާތުން ފަރުވާއަށް ވެދެއްވި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވީ، ހާލުކޮޅު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށާއި އެތެރެ ހަށީގެ ހުރިހާ ގުނަވަނެއް ވެސް ރަނގަޅު ކަމަށެވެ.

ނަމަވެސް ކަނާތުގެ ތިން އިނގިއްޔާއި ވާތު ކަންފަތާއި ފައިގައި ކުޑަ މައްސަލައެއް އެބަ އުޅޭ ކަމަށާއި އެގޮތުން ކަނާތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި އަދި މެދު އިނގިލި އައްސިވެފައި ހުރި އިރު، ޝަހާދަތް އިނގިލި ހުންނަނީ ކުޑަކޮށް ބަޅުވެފައި ކަމަށް ވިދާޅުވިއެވެ.