އެމްޕީއެލްއިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
ގްރޭޓާ މާލެ ބަސް ޓާމިނަލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުންސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ.
ފަންސާސްއަހަރުގެ މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ވަނީ އެމްޕީއެލް އިން ފޯރުކޮށްދެމުން ދިޔަ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތާ ހަވާލުވެފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށް ކުރެވުނު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނަން ރައީސް ބޭފުންފުޅުވެލައްވާ ފެންވަރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، އެމްޕީއެލުން ދެމުންގެންދިޔަ ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދިއުމަކީ އެމްޓީސީސީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިއަދު ގެނައި ބަދަލާއި އެކު މިހާރު ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ.
މިއަދު ގެނައި ބަދަލާއެކު ދަތުރުފަތުގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުން ގެންދިޔަ އުޅަނދުފަހަރާ މުވައްޒަފުންވެސް އެމްޓީސީސީގެ ދަށަށް އަންނާނެއެވެ. އެގޮތުން، 35 ބަސް ފަސް ސްޕީޑް ބޯޓު އަދި ދެ ދޯނި އެމްޓީސީސީގެ ދަށަށް ބަދަލުކުރެވޭނެއެވެ. އަދި މި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވި 282 މުއައްޒަފުންވެސް އެމްޓީސީސީގެ ދަށަށް ބަދަލުކުރެވޭނެއެވެ.
މިގެނެވުނު ބަދަލާއެކު، ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ ޒޯން 6 (އައްޑޫ، ފުވައްމުލަށް) އަދި އެއްގަމުދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަހުގެ ލިންކް އެމްޓީސީސީން ދެމުން ގެންދާ ހިދުމަތަކަށް ބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީން ވަނީ އެކުންފުންޏާ އަލަށް ގުޅުނު މުވައްޒަފުންނަށް "ވެލްކަމް ޕެކޭޖު"ވެސް ހަވާލުކޮށްފައެވެ.
އެމްޕީއެލް އިން ދެމުން ގެންދިޔަ ދަތުރުފަތުރުކުރުމުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު