ޔޫރޯ 2020 ގެ ގަދަ 16 ގައި ޖަރުމަނުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަކީ ޖަރުމަނުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކޯޗު، ޔޮކިމް ލޯ އެރާގެ ނިމުމެވެ. ލޯގެ ޖަރުމަނު އެރާ ނިމިގެން ދިޔައީ ވެމްބްލީގައި އިންގްލެންޑް އަތުން ބަލިވެގެންނެވެ. ޖަރުމަނުން ކާމިޔާބުކަމާއެކު އެތައް މުބާރާތްތަކެއްގެ ނޮކްއައުޓް ބުރުތަކުގައި އިންގްލެންޑް މައްޗަށް ގަދަވަމުން އައިސް، މިފަހަރުގެ ޔޫރޯއިން ލޯގެ ޖަރުމަނު ދިޔައީ އެ ރެކޯޑަށް ނިމުން ގެނެސްފައެވެ.

1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން މޮޅުވި ފަހުން އިންގްލެންޑް އޮތީ ނޮކްއައުޓް މެޗެއްގައި ޖަރުމަނު އަތުން މޮޅު ނުވެވިއެވެ. އެ އަހަރުގެ ފަހުން ހަތަރު ފަހަރެއްގެ މަތީން ބޮޑު މުބާރާތްތަކުގެ ނޮކައުޓް ބުރުގައި އިންގްލެންޑު ވަނީ ޖަރުމަނު އަތުން ބަލިވެފައެވެ. އިންގްލެންޑަކީ އަމިއްލަ ދަނޑު ވެމްބްލީއަށް ވަރުގަދަވެސް ޓީމެކެވެ. އެހެންނަމަވެސް ޒަމާނުއްސުރެ ޖަރުމަނަކީ އެޓީމަށްވުރެ "ސްޕީރިއާ" ޓީމެކެވެ. އިންގްލެންޑްގެ ދަނޑު ވެމްބްލީގައި މިހާތަނަށް ބޮޑު މުބާރާތެއްގެ މެޗަކުން އެ ޓީމު ބަލިވީ ޖަރުމަނު އަތުން އެކަންޏެވެ. އެއީ 1996 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުންނެވެ. އެ ބަލީގެ ހަނދާންތައް ގުޅިފައި އޮތީވެސް މިހާރު ހުރި ކޯޗު ގަރެތު ސައުތުގޭޓް އަތުން ބޭކާރުވި ޕެނަލްޓީއަކާއެވެ.

މިއަހަރުގެ ޔޫރޯގެ ބައްޔަކީ ލޯގެ ޖަރުމަނު ހަޔާތުގެ އެންމެ ފާހަގަކޮށްލެވޭ އުސް އައްޔަށް ނުވާނެކަން ޔަގީނެވެ. ލޯގެ ކެރިއަރު ފަށަން ޖެހޭ ހިސާބަކީ 2006 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅައަށް ގެނައި އިންގިލާބީ ބަދަލުގެ ވާހަކައިންނެވެ. 2006 ވަނަ އަހަރުން ފެށިގެން އުފެއްދި "ޔޯގީސް ޖަންގްސް" ނޫނީ "ޔޯގީސް ލޭޑްސް" ގެ ގުޅުން ބޮޑު، ވަރުގަދަ ޓީމުގެ ކުޅުންތެރިންނަކީ ޖަރުމަނުގެ ނަން، ޒަމާނީ ފުޓުބޯޅައިގެ ކާމިޔާބެވެ. އެއީ ލޯގެ ރިވޮލިއުޝަންއެވެ. އެއީ ލޯގެ ކެރިއަރު ފަށަން ޖެހޭ ހިސާބެވެ.

2004 ވަނަ އަހަރު ޖަރުމަނުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ލޯ ހަވާލުވީ އޭރުގެ ކޯޗު ޔާގެން ކްލިންސްމަންގެ ދަށުން މަސައްކަތް ކުރުމަށެވެ. އޭރު ޖަރުމަނުގެ ފުޓުބޯޅަ އޮތީ އަޑިގަނޑެއްގެ ތެރޭގައެވެ. 2000 ވަނަ އަހަރުގެ ޔޫރޯއިން ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސް 2004 ވަނަ އަހަރު ޔޫރޯއިންވެސް ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓިއެވެ. ވޯލްޑް ކަޕެއްގެ ފައިނަލެއް ދުވަސްވީ ޓީމަކާއެކު ކުޅުނު ނަމަވެސް ޖަރުމަނަށް މަޖުބޫރުވެފައި އޮތީ ޒުވާން ޖީލެއް ބިނާކުރުމަށެވެ. ގައުމުގެ ފުޓުބޯޅަ ބަދަލު ކުރުމަށެވެ.

2006 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ ލޯ، މުޅި އެ ގައުމުގެ ފުޓުބޯޅަ ސްޓްރަކްޗާ ބަދަލުކޮށްލިއެވެ. ޔޫތު ސިސްޓަމް ހަރުދަނާ ކުރުމަށް މުޅި ގައުމުގައި، ގައުމީ ފެންވަރު ކޮޗުން ތަމްރީނުކޮށް އެލީޓް ފުޓުބޯޅަ ހަބްތަކެއް ގާއިމްކޮށް، މުޅި ގައުމުގައި ހެޑް ހަންޓިން ރެކްރޫޓިން ސިސްޓަމެއް ގާއިމް ކުރިއެވެ. ޕޮސެޝަން ފުޓުބޯޅައަކަށް ކުޅުން ބަދަލުކޮށް ލޯ އެ ބަދަލުގެ ފައިދާ ޖަރުމަނަށް ހޯދައިވެސް ދިނެވެ.

ޖަރުމަނު ލޯ އާއެކު ދިޔަ ފުރަތަމަ ބޮޑެތި މުބާރާތްތަކުގައި ކެޓީ، ދުނިޔޭގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް ޓީމު ސްޕެއިންގެ ރަން ޖީލު އަތް ދަށުވެގެންނެވެ. އޭރު ސްޕެއިންއާ ވާދަކޮށްލި ހަމައެކަނި ޓީމުތަކުގެ ލިސްޓްގައި ޖަރުމަނު ހިމެނުނެވެ. 2008 ވަނަ އަހަރު ޔޫރޯ ފައިނަލްގައި ސްޕެއިން އަތުން ޖަރުމަނު ބަލިވިއިރު، 2010 ވަނަ އަހަރު ވޯލްޑް ކަޕް ސެމީން ޖަރުމަނު ކެޓީވެސް ސްޕެއިން އަތުން ބަލިވެގެންނެވެ. ސްޕެއިން އަތްދަށުވި އަތް ދަށުވުމަށް ލޯއަށް "ބްލޭމް" ކުރެވޭނެ ޖާގައެއް ނެތެވެ. އޭރު ސްޕެއިންއަކީ އެހެން ޓީމުތަކަށްވުރެ "ސުޕީރިއާ" ޓީމެކޭ ބުނެވިދާނެއެވެ.

2012 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލުން ޖަރުމަނު އިޓަލީ އަތުން ކަޓައިގެން ދިޔުމާއެކު ލޯގެ ސިސްޓަމަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އޭނާގެ ވިސްނުން ދޫކޮށެއް ނުލައެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް މަޑުކުރިއެވެ. ފިލިޕް ލާމް، ބަސްޓިއަން ޝުވޭންސްޓައިގާ، ޖެރޯމް ބޯޓެންގުގެ އިތުރުން ސެމީ ކެދީރާއާއި ތޯމަސް މުލާ އަދި ލޫކަސް ޕޮޑޮލްސްކީއާއި މެސުޓް އޮޒިލް ފަދަ އެތައް ކުޅުންތެރިންނެއް ބިނާކޮށް، ލޯ ވަނީ 2014 ވަނަ އަހަރު އޭނާގެ ރަން ދުވަސްތައް ކުރަހައިފަ އެވެ.

ސްކޮޑު އޮތީ ބްރެޒިލްގެ ވޯލްޑް ކަޕަށް ތައްޔާރު ކޮށެވެ. ލޯގެ ތައްޔާރުވުން 100 އެވެ. ޓެކްޓިކްސްވެސް ދިޔައީ ޔަގީން ކޮށެވެ. މުބާރާތުގެ ތެރެއިން ލާމް ފަދަ މުހިއްމު ކުޅުންތެރިންގެ މަގާމުވެސް ބަދަލުކޮށް ލޯގެ ކުޅަދާނަކަމާއި އަޖައިބު ދައްކާލައި ނަތީޖާ ނެރުނެވެ. ފައިނަލްގައި އާޖެންޓީނާ ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މާރިއޯ ގޮޓްޒާ ޖެހި ގޯލާއެކު ލޯ ޖަރުމަނާއެކު ދުނިޔޭގެ ޗެމްޕިއަންކަން ނެގިއެވެ. ލޯ ރަން މެޑަލް އަޅައިލީ ބްރެޒިލް އަމިއްލަ ގައުމުގައި 7-1 ގެ ނަތީޖާއަކުން ބަލިކޮށް، މުޅި އެގައުމު ރޮއްވާލައި، ފުޓުބޯޅައިގެ އާ ތާރީހެއް ތާރީހު ލިޔެލައިފައެވެ. އެއީ ޖަރުމަނުގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. ލޯގެ ވޯލްޑް ކަޕެވެ.

2014 ވަނަ އަހަރު ވޯލްޑް ކަޕާއެކު ޖަރުމަނުގެ ސިސްޓަމް ނިދި ކަހަލައެވެ. މަޑުޖެހިލި ކަހަލައެވެ. ލޯ އަށްވެސް އެކަން އިހުސާސްވީ 2018 ވަނަ އަހަރު ވޯލްޑް ކަޕުންނެވެ. ބެންޗު ކައިރީގައި އާދައިގެ ޓީޝާޓެއްގައި އަވި އައިނު އަޅާލާފައި ހުންނަ ލޯގެ ސްޓައިލަށް ބަދަލު ނައި ނަމަވެސް ޖަރުމަނުގެ ކުޅުމަށް ބަދަލު އައިކަން ޔަގީން ވީ ގްރޫޕް ސްޓޭޖުން ކެޓުމުންނެވެ. އެއީ 1978 ވަނަ އަހަރު ވޯލްޑް ކަޕަށްފަހު ޖަރުމަނުން ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

އެއީ ޔަގީނުންވެސް ޖަރުމަނުގެ ފުޓުބޯޅަ ހަޔާތުގައި، އަދި ލޯގެ ކޯޗިން ކެރިއަރުގައިވެސް އެންމެ ކަޅު އެއް ދުވަހެވެ. ކޯޗު ލޯގެ މައްޗަށް ފުޓުބޯޅައިގައި ފެޑަރޭޝަނުން ބަސް ނުކިޔައި ތިބީ އިތުބާރު ކޮށްގެންނެވެ. ފެޑަރޭޝަން ތެރޭގައި މައްސަލަތައް ގޯސް ވެ، މާކެޓިންނަށްވެސް ބުރޫތަކެއް އަރައި އެކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ފެންމަތިވިއެވެ.

ލޯގެ ޖަރުމަނު ކެރިއަރު ނިމުމާ ގާތްވިކަން ޔަގީން ވީ އެހައި ހިސާބުންނެވެ. އެހެންނަމަވެސް ޖަރުމަނުގެ އެފްއޭއިން ލޯއަށް ކުރި އިތުބާރުގެ ބޮޑުކަމުން ކުރިންވެސް ކުޅުނު ފުޓުބޯޅަ، އާ ޖީލެއް ނެތި ތަކުރާރު ކުރެވޭނެ ކަމަށް ގަބޫލު ކުރިއެވެ. އެއީ ހެދުނު ގޯހެއްކަން އެނގުނީ އެހައި ހިސާބުންނެވެ. ޓީމަށް އާ އުފެއްދުމެއް ގެންނަން ޖެހުނުކަން އެނގުނެވެ. ހާއްސަކޮށް 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔައިރު ލޯ، ލެރޮއި ސާނޭ ސްކޮޑަށް ނުނަގައި ދިޔުން ވީ އެ ބަދަލަށް އެންމެ ބޮޑަށް ކްރިޓީކުންގެ ލޯ އަމާޒުކޮށްލި ސަބަބަށެވެ.

ޖަރުމަނުގެ ފުޓުބޯޅަ އަނެއްކާވެސް ހިނގައިގެންފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ޔޫރޯއަށް ދިޔައީ އާ ބައެއް މޫނުތަކާވެސް އެކުގައެވެ. ޒުވާން ސްކޮޑަކާއެކު ލޯ ދިޔައީ އޭނާއަށް ކުރިން ހެދުނު ގޯސްތައް ރަނގަޅު ކުރަންކަންވެސް ސްކޮޑުން އެނގުނެވެ. ޓީމު އާކޮށްލަން ކުރިން ސްކޮޑުން ބޭރު ކޮށްލި މުލާ އާއި މެޓްސް ހުމަލްސް އަލުން ސްކޮޑަށް ނަގައިގެން ލޯ ދިޔައީ ތަޖުރިބާއާވެސް އެކު ސީދާ ތަށްޓަށެވެ.

2019 ވަނަ އަހަރު ކުޅުނު ނޭޝަންސް ލީގުގެ ގްރޫޕް ފުލަށް ޖަރުމަނު ދިޔަ ދިޔުން ހަނދާން ނައްތައިލަން ނުކުމެ ޔޫރޯގައި ކުރިއެރުންތަކެއް ދެއްކިވެސް މެއެވެ. ޖަރުމަނުގެ ކުޅުންތެރިން ލޯއަށް ހަދިޔާއެއް ދޭން މަސައްކަތް ކުރިވެސް މެއެވެ. މުބާރާތުގެ ކުރިން ޖަރުމަނުން ވަނީ މިއީ ލޯގެ ފަހު މުބާރާތް ކަމަށް ނިންމައި އިއުލާން ކޮށްފައެވެ. ޔޫރޯއަށް ފަހު ޓީމާ ހަވާލު ވާން އޮތީ ހާންސޭ ފްލެކް އެވެ. އެ ނިންމުން ނިންމާފައި އޮތުމާއެކު ކުޅުންތެރިންވެސް ލޯގެ ޝަރަފަށް ޓަކައި މަސައްކަތް ކުރި އެވެ. އެކަމަކު މަސައްކަތް ނާކާމިޔާބު ވީ ގަދަ 16 އިންނެވެ.

"އިންގްލެންޑް މެޗު ނިންމައި އަހަރެން ފުރަތަމަވެސް ބަލައިލީ ބެންޗަށް. ހަމަ ޔަގީނުންވެސް އަހަރެން ވަރަށް ބޮޑަށް ދެރަވި. ކޯޗު ފެނުމުން ރޮވުނު. ޔޯގީއަކީ ވަރަށް ރަނގަޅު، ވަރަށް މޮޅު ކޯޗެއް. އެރާއެއްގެ ނިމުން މި އައީ. އެއީ ދެރަވި ކަމެއް. ޖަރުމަނަށް ކޯޗު ލޯގެ ދަށުން ކުޅުނު ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އޭނާއަށް ހައްގު ވާ ބޮޑު އެއްޗެއް އޮންނާނެ. އެއީ ކޯޗުގެ އިހުލާސްތެރިކަމަށް،" ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާ، އިންގްލެންޑް މެޗަށްފަހު ބުނެފައިވެއެވެ.

ލޯވެސް އަލްވަދާއުކީ އަސާރާ އެކުގައެވެ. މުޅި ކެރިއަރަށް އަލިއަޅުވާލިއިރު، ބައެއް ހަނދާންތައްވެސް އޭނާ އާކޮށްފައިވެ އެވެ.

"ކޯޗުކަމުގައި އުޅޭތާ 15 އަހަރުވީ. އެހެންވީމާ އަހަރެން ބްރޭކެއް ނަގައިލަން ކަންނޭނގެ ބޮޑަށް ވިސްނާނީ. އަހަރެން ޖަރުމަނާއެކު ހޭދަކުރި ދުވަސްތަކުގައި ދިމާވި އެކިއެކި ކަންކަމުގެ ހަނދާންތައް އެބަހުރި. އެކަމަކު މިވަގުތު މިއިނީ މެޗުން ދެރަވުމުގެ ހިތާމައިގައި. އެއީ މުޅި ޓީމަށްވެސް ވަރަށް ބޮޑު މާޔޫސްކަމެއް. އަހަރެންގެ ދެން އޮތް ކަންކަމާމެދު އަދި ގޮތެއް ނުވިސްނަން. އެއީ އެހާލަތާ ހަމަށް ވިސްނުން ނުގެންގުޅެވޭތީ،" ލޯ މީޑިއާއަށް ބުނެފައިވެއެވެ.

ލޯގެ ކުރިމަގުގެ ވިސްނުން އަދި ހާމައެއް ނުކުރެއެވެ. ކާމިޔާބީތަކާއެކު ނިމިގެން ނުދިޔަ ނަމަވެސް 15 އަހަރު ތެރޭގައި ލޯ ވަނީ ޖަރުމަނަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައެވެ. އޭނާގެ ކޯޗުކަމުގައި ޖަރުމަނުން ކުޅުނު 198 މެޗުގައި ފެނުނު އެކިއެކި ހާލަތްތަކަށް ބަލައި ލޯއަކީ ޖަރުމަނުގެ ތާރީހުގައިވެސް ކާމިޔާބު ކޯޗެކެވެ. އެކަމާ ދެކޮޅެއް ނުހެދޭނެއެވެ. އަލަށް ހަވާލުވި ކޯޗު ފްލެކްއާއެކު ޖަރުމަނުގެ މުސްތަގުބަލު ފެންނާނެ ގޮތެއް ބަލަން ޖެހޭނީ އަދި އިންތިޒާރު ކުރާށެވެ.