ޚަބަރު

ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ހުރި ބިންތައް ވިއްކޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

އިބްރާހިމް ޒަކީ

1

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

މިއީ ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ސްޕޮންސާ ކުރައްވާފައިވާ މި ބިލުން، ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ މިލްކުވެރި ކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ހަމަ އެބިން ލިބޭ ފަރާތުން، އެބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުންނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދު ތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭން ވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ބިލުގައި ވެއެވެ.