ކުޅިވަރު

ސްވިޒަލެންޑް ގެ ކެޕްޓަން ޒަކާ: ވަރުގަދަ ލީޑަރެއް، ފްރާންސް ބަލިކުރުމުގެ ހިތްވަރުގަދަ ފޯމިއުލާ!

އާސެނަލްގެ މިޑްފީލްޑަރު ގްރަނިޓް ޒަކާ ޔޫރޯއަށް ދިޔައީ އެންމެ ފަސޭހަ ސީޒަނަކަށް ފަހުގައެއް ނޫނެވެ. އާސެނަލްއާއެކު ޒަކާ ނިންމާލީ އުނދަގޫ ސީޒަނެކެވެ. ގިނަ މެޗުތަކެއްގައި ކުޅުނު ނަމަވެސް މިހާރު ޒަކާއަަކީ އާސެނަލް ސަޕޯޓަރުންގެ ފެވަރިޓެއް ނޫނެވެ. 2019 ވަނަ އަހަރު ހިނގައި ދިޔަ ކަންތައްތަކެއްގެ ސަބަބުންވެސް މެއެވެ. އެހިސާބުން ޒަކާގެ އާސެނަލް ކުރިމަގަށް ހުރަސްތަކެއް އެޅި މިހާރު އޭނާ ވަނީ ރޯމާއަށް މިސްރާބު ހިފައިފައެވެ.

ކޮންމެއަކަސް ޒަކާގެ ޓްރާންސްފާއަށްވުރެ ބޮޑަށް މިހާރު ދައްކަން އޮތް ވާހަކައަކީ ގައުމީ ޓީމުގައި ޒަކާ އަދާކުރާ ރޯލުގެ ވާހަކައެވެ. ޔޫރޯ 2020 ގައި ފެންނަ އެންމެ ވަރުގަދަ އެއް ލީޑަރު ޒަކާގެ ވާހަކައެވެ.

ސްވިޒަލޭންޑާއެކު ޔޫރޯއަށް ޒަކާ ނުކުތީ ސްވިޒަލޭންޑްގެ ކެޕްޓަން ބޭންޑާ އެކުގައެވެ. މުބާރާތުގެ ކުރިން އޭނާއަށް ބައެއް ފާޑު ކިޔުންތައް އަމާޒު ވިއެވެ. އެއީ މީގެ ދެ އަހަރެއް ކުރިން ދިމާވި ކަމެއްގެ ސަބަބުންނޭ ބުނެވޭނެ ޖާގަ އެބައޮތެވެ. ގައުމީ ޓީމު ދޫކޮށް ކްލަބަށް ޖެހިލަމާ ހިނގާށެވެ. 2019 ވަނަ އަހަރު ސެޕްޓެންބަރު 27 ވަނަ ދުވަހު އާސެނަލްގެ ކޯޗުކަމުގައި އޭރު ހުރި އުނައި އެމެރީ އިއުލާން ކުރީ އާސެނަލްގެ އާ ކެޕްޓަނަކީ ޒަކާ ކަމަށެވެ. ކެޕްޓަން ބޭންޑާއެކު ޒަކާއަކީ އާސެނަލް ލީޑު ކުރާނެ ލީޑަރެއް ކަމަށް އެތައް ސަޕޯޓަރުންނެއް ދުށް ނަމަވެސް، މަހެއްހައި ދުވަހުގެ ތެރޭގައި މުޅި ހާލަތު ބަދަލުވިއެވެ.

ކެޕްޓަން ބޭންޑަށްފަހު ޒަކާއަށް ފާޑު ކިޔުންތައް އަމާޒުވީ މެޗުތަކުގައި ފެނުނު ކުޅުމުގެ ސަބަބުންނެވެ. 27 އޮކްޓޯބަރު 2019 ގައި އާސެނަލްއިން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޒަކާ ދެއްކި ކުޅުމަށްވެސް ސަޕޯޓަރުން މާޔޫސްވެފައިވާއިރު، އެ މެޗުގެ 61 ވަނަ މިނެޓުގައި ޒަކާ ދަނޑުން ބޭލި ވަގުތު ސަޕޯޓަރުންވަނީ "ބޫ" ވެސް ކޮށްފައެވެ. ޒަކާއަށް ސަޕޯޓަރުން ފާޑުކިޔާފައިވުމުން މެޗަށްފަހު ޒަކާ ވަނީ ސަޕޯޓަރުންނަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. އެފަދަ ގޮތަކަށް ޒަކާ ވާހަކަ ދެއްކުމުން ކޯޗު އުނައި އެމެރީ ވަނީ އޭނާގެ ވާހަކަތައް ކުށްވެރިކޮށް، ނޮވެމްބަރު މަހު ޒަކާ އަތުން ކެޕްޓަން ބޭންޑް އަތުލައިފައެވެ.

ޒަކާގެ ލީޑާޝިޕާ މެދު ސުވާލު އުފެދި އޭނާގެ ކިބައިގައި ހުރި ބޯން ލީޑާ ސްޓައިލާ މެދު ސުވާލު އުފެދުނެވެ. އާސެނަލްގެ ހާލަތު ޒަކާ މަޑުމަޑުން ބަދަލުކޮށް، އޭނާއަކީ އިތުބާރު ކެޕްޓަނެއް ކަމަށް ދައްކަން ބުރަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް އާސެނަލްގެ ބޭންޑާ ހަމައަށް އަލުން އޭނާއަކަށް ނުދެވުނެވެ. އިތުބާރު އަނބުރާ ހޯދީ ގައުމީ ޓީމުންނެވެ. ޔޫރޯ 2020 އަށް ސްވިޒަލޭންޑުން ނެރުނު ކެޕްޓަނަކީ ޒަކާއެވެ. އެ ނިންމުމަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް ބޭންޑާއެކު ދަނޑު މައްޗަށް ނުކުމެ، ޒަކާ މަންޒަރު ބަދަލު ކޮށްލައިފިއެވެ.

"ނެޗުރަލް ބޯން ލީޑަރެއް ޒަކާއަކީ. އެއީ އެންމެ ކުރިންސުރެވެސް ޒަކާގެ މިޒާޖު ސިފަކޮށްދޭ ގޮތް،" ޒަކާއާއެކު ބާސަލްގައި ކުޅުނު ބެންޖަމިން ހަގެލްސް، ޒަކާ ސިފަކޮށްފައިވެއެވެ.

ޒަކާގެ ކެރިއަރުގެ ފެށުމަކީ ބާސަލްއެވެ. އޭނާގެ އުމުރުން 17 އަހަރުގައިވެސް ޒަކާ ހުރީ އަޒުމެއްގައެވެ. ޔަގީން ކަމެއް ގައެވެ. ޒަކާއަށްވުރެ އުމުރުން 15 އަހަރު ދޮށީ މިޑްފީލްޑަރު ބެންޖަމިން ކިޔައިދިން ގޮތުގައި ޒަކާ އޭރުވެސް ހުރީ ގައުމީ ޖާޒީ ލައި، ގައުމީ ޓީމު ލީޑުކުރަން ތައްޔާރަށެވެ.

"އޭރުވެސް އަހަރެން އަހަން ސީނިއާ ގައުމީ ޓީމަށް ކުޅެވޭނެތޯ. ޔަގީންކަމާއެކު ބުނާނެ ކުޅޭނަމޭ. ޔަގީންކަމާއެކު އެހެން ބުނުމަކީ ވަރަށް ވަރުގަދަ އަޒުމެއްގައި ހުރިކަން ދައްކުވައިދޭ ކަމެއް،" ބެންޖަމިން ބުނެފައިވެއެވެ.

އެ އަޒުމުގައި ނުކުމެ ޒަކާ ވަނީ ގައުމީ ޓީމަށް 96 މެޗު ކުޅެދީ، އެގައުމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2016 ވަނަ އަހަރުގެ ޔޫރޯ ކުޅެފައެވެ. ފުރަތަމަ ސީނިއާ ޓީމަށް ޒަކާ ދިޔައީވެސް 2009 ވަނަ އަހަރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ގައުމީ ޓީމާއެކު ނަގައިގެންނެވެ.

މިފަހަރުގެ ޔޫރޯގައި ސްވިޒަލޭންޑް ކުޅުނު ގްރޫޕް ސްޓޭޖު މެޗުތަކުން ސަލާމަތްވެ ގަދަ 16 އަށް ދިޔައީ ގްރޫޕް އޭގެ ތިންވަނަ ޓީމުގައެވެ. އެޓީމުން ގަދަ 16 އަށް ދިޔައީ ވޭލްސްއާ އެއްވަރުކޮށް، ތުރުކީ ބަލިކޮށްފައެވެ. އެޓީމު ބަލިވީ އިޓަލީ އަތުން އެކަންޏެވެ. ގަދަ 16 ގައި ކުރިމަތިލާން ޖެހުނީ ގައުމުގެ ތާރީހުގައިވެސް އެންމެ ބޮޑު ފުޓުބޯޅަ ޗެލެންޖާއެވެ. އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން، ފްރާންސާ ދެކޮޅަށް ސްވިޒަލޭންޑް ނުކުތްއިރު، ސްވިޒަލޭންޑަށް މެޗުން މޮޅުވެވޭނެ ފޯމިއުލާއެއް ޖެހި މީހަކު މަދުވާނެއެވެ.

އެހެންނަމަވެސް ސްވިޒަލޭންޑުން ވަރުގަދަ ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރިއެވެ. އެޓީމުގެ ވިނިން ފެކްޓާއަކީ ޒަކާގެ ލީޑާޝިޕެވެ. މެޗުގައި ސްވިޒަލޭންޑް ފުރަތަމަ ލީޑު ނެގި ނަމަވެސް ފަހު ހާފަށް ނުކުމެ ފްރާންސުން ތިން ގޯލް ޖަހައި، 3-1 އަކަށް ނަތީޖާ ބަދަލުކޮށްލި ނަމަވެސް ހިތްވަރާއެކު ސްވިޒަލޭންޑުން ނަތީޖާ އެއްވަރުކުރިއެވެ. ނަތީޖާ އެއްވަރުކޮށް އިތުރު ވަގުތަށް ގޮސް، ޓީމާ ވާހަކަ ދައްކަން ޖެހޭ ކޮންމެ ފަހަރަކު ފެންނަނީ ޒަކާ ޓީމާ މުހާތަބު ކުރަމުން އަންނަ ތަނެވެ. ޕެނެލްޓީގައި ސްވިޒަލޭންޑް ކާމިޔާބު ހޯދިއިރު، މޮޅު ކުޅުންތެރިޔަކީ ޒަކާއެވެ.

"ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭނގެ. ޓީމުގެ ހިތްވަރު.... މިއީ ބަޔާންކޮށްދޭންވެސް ނޭނގޭ ވަގުތުކޮޅެއް. މިއީ ފުރިހަމަ ޓީމެއް. ޓީމާ މެދު ވަރަށް ފަހުރުވެރިވޭ. ވަރަށް ބޮޑު ކާމިޔާބީއެއް މިއީ. މި ޓީމުގެ ހިތްވަރަކީ ގަބޫލުކުރަންވެސް އުނދަގޫ ކަމެއް. ފްރާންސް މެޗުގައި ދެވަނަ ހާފްގައި ޕެނަލްޓީ ނާކާމިޔާބުވުމުން ޓީމަށް މާޔޫސްކަން ކުރިމަތި ވި. އެ އުނދަގޫތަކުން އަރައިގަތް ގޮތް އެއީ ނަމޫނާއެއް،" މެޗަށްފަހު ޒަކާ ބުނެފައިވެއެވެ.

ޒަކާގެ އުފާވެރިކަން ކޮޅުން ލާފައިހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީމަށް ހުރިހާ ތައުރީފެއް ބަންޑުން ކޮށްލައިފައިވާއިރު، އޭނާގެ އުފާވެރިކަން އެރޭގެ މެޗަށްފަހު ދަނޑުމަތިންވެސް ފެނިފައިވެއެވެ. އެންމެ ބާރަށް ދުވެފައި ގޮސް، ޒަކާ ފެނުނީ ކޯޗު ލަޑްމީރު ޕެޓްކޮވިޗް ގައިގައި ބައްދައިގަތް ތަނެވެ. އެއީ ޒަކާއަށް ކޯޗު ކުރި އިތުބާރެއްގެ ސަބަބުންކަން ޔަގީނެވެ. ބަންޑުން ކޮށްލީ އެ އިހުސާސެވެ. ދެން އޮތީ ކުއާޓާ ފައިނަލްގެ ޗެލެންޖެވެ. މިއީ ކުއާޓާގައި ސްވިޒަލޭންޑް ކުޅޭނެ އެންމެ ފުރަތަމަ ފަހަރެވެ. ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. ޓީމުގެ މުގުލުގައި ޒަކާ ހުރުން އެއީ އެންމެ ބޮޑު އިތުބާރެވެ. ޒަކާއަށް ޓީމު ބަރޯސާ ވާން ޖެހުނު ވަގުތު އޭނާ ޖަވާބުދީ ހިތްވަރު ދެއްކިއެވެ. އެކަން ތަކުރާރުވެގެން ސްވިޒަލޭންޑަށް އިތުރު ހަރުފަތަކަށް ދެވިދާނެކަން ޔަގީނެވެ.