ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސީޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ މަފްތޫހު ސައީދުގެ ބަންދު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ފުލުހުން މަފްތޫހު ހައްޔަރު ކުރިއިރު އޭނާއަށް ކުރި ތުހުމަތަކީ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ތުހުމަތެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހު އައްޑޫން ވަނީ ނުވަ މީހަކު ހައްޔަރުކޮށްފައެވެ.
އެ އޮޕަރޭޝަންގައި ގއ. ކޮލަމާފުށި، ވިކްޓްރީ, މަފްތޫހު ސައީދު ހައްޔަރުކުރީ އައްޑޫ ސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށް ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުން ދީފާނެ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މެއި 30 ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން މަފްތޫހާއެކު އިތުރު ހަތަރު މީހުން ވަނީ ދޫކޮށްލާފަ އެވެ. އެމީހުން ދޫކޮށްލީ އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނުވާތީ ކަމަށް ބުނެއެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އެ ފަސް މީހުން އަލުން ހައްޔަރު ކުރުމަށް އަމުރުކޮށްފައެވެ.
މަފްތޫހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން ވަނީ މަފްތޫހު ބަންދުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ފިޔަވައި މަފްތޫހުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ފުލުހުންނަށް ފެންނަނަމަ، އެ މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށެވެ.
އެގޮތަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މުޖާޒް އަހްމަދާއި އަހްމަދު އަދުހަމާއި ތުހުމީން އަހުމަދާއި އަހްމަދު ފާތިހު އަދި އަލީ ހައިޝަމްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު