މިއަހަރު ރާއްޖޭގެ އެކި ރަށްރަށުގައި 12 މިސްކިތެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު "ވަން" އަށް މިރޭ ވިދާޅުވީ މިސްކިތް އިމާރާތް ކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި 12 މިސްކިތެއް މިއަހަރު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މިހާރު ފިނޭންސް މިނިސްޓްރީން ބިޑް ކުރުމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ފިނޭންސް އިން ބިޑް ކުރުމުގެ މަރުހަލާގައި އެކަން އޮތީ މިހާރު. ސީދާ އަދަދެއް ދަންނަވަން މިވަގުތު ދަތި. 10 ނުވަތަ 12 މިސްކިތެއް މިއަހަރު އަޅަން ޕްލޭންކޮށްފައި އެބައޮތް އެކި ރަށްރަށުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގެ ޑިޒައިންގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިފަހަރުގެ ޑިޒައިންތައް ވަރަށް ތަފާތުވާނެ ކަމަށާއި ކުރިއަށްވުރެ މިސްކިތްތައް ރީތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހަމައެހެންމެ މިސްކިތަށް ވަންނަ ފަރާތްތަކަށްވެސް އެކަމުގެ ހިތްހަމަ ޖެހުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިން އަޅާ ޑިޒައިނަކަށް ނޫން މިހާރު އަޅަން ނިންމާފަ މިވަނީ. އާ ޑިޒައިންތަކަކަށް. އެއީ 300 ޖާގަ އާއި 500 ޖާގައިގެ އަދި 700 ޖާގައިގެ މިސްކިތް. ކޮންމެ މިސްކިތެއްގެ ޑިޒައިންވެސް ތަފާތުވާނެ. ވަރަށް ރީތިވާނެ. މިސްކިތަށް އަރާ މީހުންނަށް ހިތްގައިމުކަން ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތައް އަޅާއިރު، އެންމެ ބޭނުންވާ ރަށްރަށުގެ ޕްރިއޯރިޓީ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިސްކިތްތައް އަޅަން ނިންމާފައިވަނީ އެ ލިސްޓްގައިވާ ރަށްރަށުގައި ކަމަށްވެސް ވިދާޅުވިއެވެ.

"މިސްކިތްތައް އަޅާއިރު ރަށްރަށުގެ އާބާދީއާ އެރަށެއްގައި މިސްކިތްތައް ހުރި އަދަދާއި މިސްކިތްތައް ބޭނުންވާ ކޮންކޮން ރަށްރަށް ކަމެއް. ލިސްޓެއް އަޅުގަނޑު މެން އެބަ ގެންގުޅެން. ޕްރިއޮރިޓީ ލިސްޓެއް ތައްޔާރުކޮށްފަ އޮންނާނީ އެކަމަށް. އެކި ރަށްރަށަށް އެކި ޑިމާންޑްތައް މި އޮންނަނީ. ވަރަށް ކުޑަ މިސްކިތްތައް ބައެއް ރަށްރަށުގައި އެބަހުރިދެއްތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު 12 މިސްކިތެއް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް މިނިސްޓަރު ހާމައެއް ނުކުރެއެވެ.