ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތް ކޮށްފައިވާ ގޮތުގެ އޮޑިޓް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޓީގެ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް އެކުލަވާލަން ފަށައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިންޓަލިޖެންސް އެޖެންސީތަކުން އިސްލާހު ކުރަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް އެކުލަވާލި ކޮމެޓީގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި އޭގެ ތަފުސީލުތައް ލިބިފައިވާ ކަމަށެވެ.

"ފައިނަލް ރިޕޯޓާ އެކީގައި އިންޓެލިޖެންސް އިދާރާތަކުގެ ކަންއްތައްތައް އިސްލާހުކޮށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީވެސް ނިމުމަކާއި ގާތްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެ ކޮމެޓީގެ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

"މިކަމާ ސީދާ ގުޅުން ހުރި އަށް ފަރާތެއްގެ ތަހުގީގު މިހާރު ބާރަށް ކުރިއަށް އެބަދޭ. އޭގެ ތެރެއިން ހަތަރު ފަރާތެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އެބޭފުޅުން (ފުލުހުން) ވިދާޅުވެފައިވޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި ވަށައިގެން ހުރި އަދި ދުރުމިން ގޮސްފައި ހުރި މިންވަރު ބަލައި ތަހުގީގު މެދުނުކެނޑި އަދިވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަން ދާގޮތް ވަރަށް ގާތުން ބަލަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.