ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހިމަނައިގެން ހުށަހެޅި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަަލައިގަނޭތޯ، ވޯޓަށް އެހުމުން ބިލު ބަލައިގެންފައި ވަނީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދައިރާގެ މެމްބަރު ހުސެއިން ޝަމީމެވެ.

އެ ބިލުުގައި ބުނެފައި ވަނީ މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

ބިލުގައި ބުނާ ގޮތުން މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއެކު "ދިވެހި ރާއްޖޭގެ ފޮރިން ސާވިސް''ގެ ނަމުގައި، ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމު ކުރެވުނީއެވެ.

ބިލުގައިވާ ގޮތުން ފޮރިން ސާވިސް އެކުލެވިގެން ވަނީ މިނިސްޓަރާއި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި މި ގާނޫނުގެ ދަށުން އެކުލަވާލައި ފޮރިން ސާވިސްގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބެލުމުގެ އެންމެ މުހިންމު އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަންގާ ގޮތެއްގެ މަތިން، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފޮރިން ސާވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރު ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބިލުގައި ބުނާ ގޮތުން ފޮރިން ސާވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށް ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި، ފޮރިސް ސެކްރެޓަރީ އެެއް ހުންނަންވާނެއެވެ. ފޮރިސް ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.

އެ ފަރާތްތައް މަގާމުތަކަށް އިސްްކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ލިބިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސް އެކުލަވާލަންވާނެ ކަމަށާއި އަދި ފޮރިން ސާވިސް ދާއިިރާގައި މަސައްކަތް ކުރާ ސިިވިލް ސާވިސްގެ މުވައްޒަފުން އެ ގާނޫނުގެ ދަށުން އެކުލަވާލައި މުވައްޒަފުންގެ ގަވާއިދުގައި ބަޔާން ކުރާ ގޮތުގެ މަތިން ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސަންވާނެ ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންގެ ބަދަލުގައި ފޮރިސް ސާވިސް ދާއިރާގައި މުޅިންވެސް މަސައްކަތް ކުރަމުން ގެންދާނީ ފޮރިން ސާވިސްގެ މުވައްޒަފުންނެވެ. އަދި މުވައްޒަފުންގެ ކަންތައްތަކާއި ކަމާބެހޭ އެހެނިހެން ކަންކަން ހަމަޖެއްސުމުގައި ހަރަކާތްތެރިވާނެ، ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް އުފައްދަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނުގައި ބަޔާން ކުރާ މަގުސަދުތައް ހާސިލް ކުރެވޭ ފަދަ ގާބިލު ބަޔަކަށް މުވައްޒަފުން ހެދުމަށްޓަކައި، މި ގާނޫނުގެ ދަށުން ފޮރިން ސާވިސްގެ މަގާމުތަކަށް އައްޔަން ކުރާ އެންމެހައި މުވައްޒަފުންނަށް ތަމްރީނާއި ހުނަރާއި ތަޖުރިބާ ދިނުމަށްޓައި މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ފޮރިން ސާވިސް އިނިސްޓިޓިއުޓެއް އުފައްދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.