Close
ޚަބަރު

ޕީޕީއެމުން ވަނީ ރާއްޖޭގެ ގައުމީ ޖޯޒީ ލައްވައިގެން އިންޑިއާ އެތުލީޓަކު ދުއްވާފައި: އަނދުން ހުސެއިން

އިބްރާހިމް ޒަކީ

1

ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން މަޖިލީހަށް ހުށަހަޅައިގެން މިހާރު ބަހުސް ކުރަމުން ގެންދާ ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ފަރުމާ ކުރެވިފައި ވަނީ ބޭރުގެ ނުފޫޒާއި ސަރަހައްދީ ނުފޫޒު ރާއްޖެއަށް ފޯރާގޮތަށް ކަމަށް ވިދާޅުވެ ޕީޕީއެމުން ވާހަކަދައްކާއިރު، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ރާއްޖޭގެ ގައުމީ ޖޯޒީ ލައްވައިގެން އިންޑިއާގެ އެތުލީޓަކު ލައްވައި މުބާރާތެއްގައި ދުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

މިބިލަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ހުރި ކަންބޮޑުވުމެއް ކަަމަށް ވިދާޅުވެ، ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ވަކި ގައުމަކުން ފިޔަވައި އެހެން ގައުމުތަކަށް ރާއްޖޭގައި މިހާރު އިންވެސްޓް ނުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެއް ގައުމެއްގެ މުށުތެރެއަށް ލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެބިލުން ފޮރިން މިިނިސްޓަރަށް ބޮޑެތި ބާރުތަކެއް ދީފައިވަނީ، ގާނޫނު އަސާސީން ކަނޑައަޅާފައިވާ އުސޫލަތާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ބޭރުގެ ނުފޫޒުތައް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ވަދެގެންދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމުގެ ވާހަކައަށް ރައްދު ދެއްވުމަށް ނިޒާމީ މައްސަލަ ނަންގަވައި ވާހަކަ ދައްކަވަމުން ހުސެއިން ޝަހީމް ވިދާޅުވީ، އެބިލުން ބޭރުގެ ނުފޫޒާއި ސަރަހައްދީ ނުފުޒު ރާއްޖެއަށް ވަންނާނެ ކަމަށް ޝިޔާމު ވިދާޅުވާއިރު އެ ނުފޫޒު ފޯރާފައި އޮތީ ޕީޕީއެމަށް ކަމަށެވެ.

"ޕީޕިއެމްގެ ސެކްރެޓަރީ ޖެނެރަލް އިންޑިއާގައި އޮތް ބައިނަލް އަގުވާމީ ދުވުމުގެ ރޭހެއްގައި އެޓްލެޓިކްސް މުބާރާތެއްގައި އިންޑިއާ ރައްޔިތަކު ދިވެހި ރާއްޖޭގެ ޖާޒީ ލައްވައިގެން ދުއްވާފައިވަނީ، އެކަންތައް ހިންގަވާފަ، މާލެ ވަޑައިގެންނެވީ،" ހުސެއިން ޝަމީމު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސެވެ.

މި ހަފުތާގައި ނިމުނު އިންޑިއާގެ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ދުވި މައްސަލަ ފެންމަތިވެފައިވާއިރު ތޮލާލް ވިދާޅުވެފައި ވަނީ އެގޮތަށް ހަދަން ޖެހުނީ ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު އެތުލީޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟