އަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ދެކޭ ގޮތް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންނި ނިންމުން އަލުން މުރާޖައާ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ރިޔާސަތުން އަންގަން ޖެހޭ އެންގުމެއްގެ ގޮތުގައި، އީވާ ވިދާޅުވީ މިމަހު 23 ގައި ޓުވީޓެއް މެދުވެރިކޮށް އަންހެނުން ހިތާނު ކުރުން ނުވަތަ، ފީމޭލް ޖެނިޓަލް މިއުޓިލޭޝަން އަށް ރައްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް ހިތްވަރު ދެއްވާފައިވާ ކަމަށް ބުނެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާ ތަކުގެ ހިޔާލު ހޯދުމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ކުރަން އޮތް މަސައްކަތަކީ، އަންހެނުން ހިތާނު ކުރުމާ ބެހޭ ގޮތުން ހިޔާލު ހޯދުން ކަމަށް ދެކެވަޑައި ނުގަންނަވާތީ، ކޮމެޓީން ނިންމި ނިންމުން އަލުން މުރާޖައާ ކުރަން ދަންނަވާފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވައި، މަނާކޮށް، އެކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަތީކާ ދައްކާ ގޮތް ބެލުން ކަމަށެވެ. އަދި އެކަމަށްޓަކައި އިތުރަށް ކުރަން އޮތީ ކޮން ކަމެއްތޯ ބަލައި އެކަން ހިނގިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ކޮމިޓީއެއްގެ ނިންމުން ބަދަލު ކުރުމުގެ ބާރު މަޖިލީހުގެ ރިޔާސަތަށް ނޯންނާތީ، އެކަން މުރާޖައާ ކޮށްދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާ މަޝްވަރާ ކުރެއްްވުމަށްފަހުގައި ކަމަށެވެ.
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ