ޔޫރޯ 2020 ގެ ގަދަ 16 ގައި ސްވިޑެން ބަލިކޮށް، ޔޫކްރެއިންއިން ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗުގެ ނަތީޖާ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު މެޗުގެ ފަހު ވަގުތު ގޯލު ޖަހައި ޔޫކްރެއިންއިން ކުއާޓާއަށް ދިޔައީ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މިރޭގެ މެޗުގައި ވާދަކުރާ ޔޫކްރެއިން ގަދަ 16 އަށް ނުކުތީ ގްރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ނޯތު މެސަޑޯނިއާ ބަލިކޮށްފައެވެ. ނެދަލޭންޑްސް ކައިރިންވެސް ހިތްވަރުކޮށް ބަލިވީ ކުޑަ ތަފާތަކުންނެވެ. އޮސްޓްރިއާ އަތުންވެސް ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

އަނެއްކޮޅުން ނުކުންނަ ސްވިޑެން ގަދަ 16 އަށް ދިޔައީ ސްޕެއިންއާއެކު ގްރޫޕް އީގައި ކުޅެ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ބަލިވެފައެއް ނުވެއެވެ. ސްޕެއިންއާ އެއްވަރުކޮށް، ސްވިޑެންއިން ވަނީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ސްލޮވޭކިއާ ބަލިކޮށްފައެވެ.

މެޗުގެ ކުޅުން ފެނުނީ ހީކުރި ގޮތަށް އޯޕަންކޮށެވެ. ދެޓީމުންވެސް ތާރީހީ ނަތީޖާއަކަށް ފެންބޮވައިގެންފައިވާކަން މެޗުގެ ކުޅުމުން އެނގުނެވެ. އަވަސް އަވަހަށް ފެނުނު ކުޅުމުގައި ގޯލު ޖަހަން ދެޓީމުން ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. މިރޭގެ މެޗަށް ނުކުތް އިރު، ޔޫކްރެއިންގެ ނަމުގައި އެގައުމަށް އަދި މިހާތަނަށް ޔޫރޯގެ ކުއާޓާއަށް ދެވިފައެއް ނުވެއެވެ. އަދި ސްވިޑެންއަށް އެންމެ ފަހުން ގަދަ 16 ފަހަނައަޅައި ދެވިފައި އޮތީ 1992 ވަނަ އަހަރުއެވެ.

ޔޫކްރެއިންގެ ނަމުގައި ފުރަތަމަ ފަހަރަށް އެގައުމުން ޔޫރޯ ކުޅުނީ 2012 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައެވެ. ޔޫކްރެއިން އިން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރަކުއެވެ. ނަމަވެސް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 2006ގައި ވާދަކޮށް އެޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ޔޫކްރޭނުން ވާދަކުރި ހަމައެކަނި ވޯލްޑް ކަޕުގައި ކުއާޓާއާ ހަމައަށް ޓީމު ގެންގޮސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔަކީ މިހާރުގެ ކޯޗު ޝެވްޗެންކޯއެވެ. ވޯލްޑް ކަޕް 2006ގައި ޔޫކްރޭނުގެ ކެޕްޓަން ޝެވްޗެންކޯ ވަނީ އެ މުބާރާތުގައި ދެ ގޯލު ޖަހައިފައެވެ. މިރޭގެ ކާމިޔާބީއަކީ އޭނާއަށް ބޮޑު ހާއްސަކަމެއް ލިބޭނެ ކާމިޔާބީއެކެވެ. ޝެވްޗެންކޯއަކީ 2004 ވަނަ އަހަރުގެ ބެލޮންޑިއޯ ހޯދި މޮޅު ފޯވަޑެކެވެ. އަދި މިފަހަރު ޔޫރޯގެ އެންމެ ހަގު ކޯޗެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ސްވިޑެންއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބުނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެމިލް ފޯސްބާގް ފޮނުވާލި ހަމަލާ ބްލޮކްވެފައިވާ އިރު، ރީބައުންސް ބޯޅައިން ޑީޖާން ކުލުސެވްސްކީ ފޮނުވާލި ހަމަލާވެސް ވަނީ ބްލޮކްވެފައެވެ.

އަނެއްކޮޅުން ޔާމަލެންކޯއާއި ޒިންޗެންކޯގެ ނުރައްކާ ފާހަވެގެން ގޮސްފައިވެއެވެ. އަދި ޔޫކްރެއިން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލަކީވެސް ޔާމަލެންކޯއާއި ސިޓީގެ ޑިފެންޑަރު ޒިންޗެންކޯގެ ނުރައްކަލުން ކާމިޔާބުކުރި ގޯލެކެވެ. ޔާމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ޔޫކްރޭނަށް އެ ގޯލު ހިތްގައިމުކޮށް ކާމިޔާބުކޮށްދިނީ ޒިންޗެންކޯއެވެ.

ޔޫކްރޭނުގެ ގޯލަށް ފަހު، ސްވިޑެނުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހި، ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލާސަން ފޮނުވާލި ހިލޭ ޖެހުން، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން މަތަކުރި އިރު، އެޓީމުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފައެވެ.

ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސްވިޑެނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފޯސްބާގެވެ. އޭނާގެ ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޔޫކްރޭނުގެ ޑިފެންޑަރު ޒަބާނީ ގައިގައި ޖެހިފައެވެ. އެއީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯސްބާގު މިއަހަރުގެ މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ ފޯރިއާއެކު ދެވަނަ ހާފުވެސް ވަކި ދޫ ނުކުރާނެކަން ޔަގީން ކުރެވުނެވެ. ބެލުންތެރިންނަށް ޝައުގުވެރިވާނެ ގިނަ ހަމަލާތަކެއް ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ބޭރުން ލާސަން ފޮނުވާލި ހަމަލާ ދިޔައީ ޔޫކްރޭން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން ފޯސްބާގަށް ބަދުނަސީބު ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. ކައުންޓާ އެޓޭކެއްގައި އިސާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޯސްބާގް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ފޯސްބާގް ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އަނެއްކޮޅުން ޔޫކްރެއިންވެސް ދުލެއް ނުދެއެވެ. ޔާމަލެންކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސީޑޯޗުކް ފޮނުވާލި ހަމަލާ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ޔަރެމްޗުކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔާމަލެންކޯ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޑެން ކީޕަރު އޮލްސެން އަތަށެވެ.

ހަމަލާތަކަށް ފަހުވެސް ގޯލެއް ނުޖެހި މެޗު ދިޔައީ އިތުރު ވަގުތަށެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ސްވިޑެން މާޔޫސްވެސް ކޮށްލިއެވެ. ބެސެޑިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސްވިޑެންގެ ޑެނިއެލްސަނަށް ރަތް ކާޑެއް ދައްކައިފައެވެ.

އެ ރަތްކާޑާއެކު މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. ސްވިޑެންއިން ބޮޑަށް ބެލީ މެޗު ލަސްކޮށް ޕެނަލްޓީއަށް ގެންދެވޭތޯއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޔޫކްރެއިންއިން ހަމަލާތައް ގިނަކޮށްލިއެވެ. ކޯޗު ޝެވްޗެންކޯގެ އަސަރުގަދަ ހާފްޓައިމް ވާހަކަކޮޅަކަށްފަހު އަރާ ޓީމުން ވަނީ ގޯލަކަށް ބުރަކޮށް މަސައްކަތްކޮށްފައެވެ.

މަލިނޯވްސްކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޑޮވްބީކް ފޮނުވާލި ހަމަލާ، ސްވިޑެންގެ ކީޕަރު އޮލްސެން މަތަކޮށް ބޭރުކޮށްލި އިރު، ޒިންޗެންކޯ ފޮނުވާލި ހަމަލާ، ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކުވިއެވެ.

ޔޫކްރެއިންގެ މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ވަގުތުގައެވެ. ޒިންޗެންކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫކްރޭން ލީޑު ނެގީ ޑޮވްބީކްގެ ގޯލުންނެވެ. ގައުމުގެ ހީރޯއެއްގެ ދަރަޖައަށް ވަގުތުން އޭނާ ގޮސް ޔޫކްރެއިން ޓީމު އެއްކޮށް އުފާފާޅުކުރަން ފެށިއެވެ. މެޗުގެ ފަހު ކަށިގަނޑާއެކު ފުރަތަމަ ދުއްވައިގަތީ ކޯޗު ޝެވްޗެންކޯއެވެ. ތާރީހީ ރެއެކެވެ.

ޔޫކްރެއިންއިން ކުއާޓާގައި ކުޅެން ޖެހޭނީ އިންގްލެންޑާ ދެކޮޅަށެވެ.