ޚަބަރު

ދިރާގު ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަށް އަގު ހެޔޮކޮށްފި

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮ ކުރަން ނިންމާފައިވާތީ، ދިރާގުން ހޯމް ފައިބަ ބްރޯޑްބޭންޑް ޕްކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮ ކޮށްފިއެވެ.

ދިރާގުން ވަނީ މި ބަދަލުގެ ތެރޭގައި ސަރުކާރުން އިއުލާން ކުރި އިންޓަނެޓުގެ ތިން ޕެކޭޖު އެ ކުންފުނީގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފައެވެ. ނަމަވެސް ދިރާގުން އިއުލާން ކޮށްފައިވާ ޕެކޭޖްތަކުގައި ހިމެނެނީ ސަރުކާރުން އިއުލާނުކޮށްފައިވާ އަގުތަކަށްވުރެ ކުޑަ އަގުތަކެކެވެ.

އެއީ 250 ރުފިޔާއަށް 30 ޖީބީ އާއި 490 ރުފިޔާއަށް 120 ޖީބީ އަދި 690 ރުފިޔާއަށް 200 ޖީބީއެވެ. ސަރުކާރުން އިއުލާންކޮށްފައިވާ އަގުތަކަކީ 250 ރުފިޔާއަށް 30 ޖީބީ އާއި 500 ރުފިޔާއަށް 100 ޖީބީ އަދި 700 ރުފިޔާގެ ޕެކޭޖަށް 200 ޖީބީއެވެ.

މީގެ އިތުރުން އެލަވަންސް ހުސްވީމަ ލިބޭ ސްޕީޑް ނުވަތަ ސްޕީޑް އާފްޓާ އެލަވަންސް 300 ރުފިޔާ އަށް ވުރެ ދަށް ޕެކޭޖުތަކަށް ދެ އެމްބީޕީއެސް އަދި އެހެން ހުރިހާ ޕެކޭޖެއްގައި ފަސް އެމްބީޕީއެސް އަށް ވަނީ އިތުރު ކޮށްފައެވެ. މިއާއެކު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ދިރާގުން ވަނީ ހޯމް އިންޓަނެޓް ޕެކޭޖުތަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލު ގެންނަން ނިންމާފައެވެ.

ދިރާގުން ބުނީ މި ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ޕެކޭޖް ތަކެއް ލިބޭނެ ކަމަށާއި އެހެންކަމުން ޑޭޓާގެ އަގުތައް 50 ޕަސެންޓާ ހަމައަށް ހެޔޮވާނެ ކަމަށްވެސް ބުންޏެވެ.

ހޯމް ފައިބަ އިންޓަނެޓް ޕްކޭޖް ތަކަށް އެއް ވަނަ ދުވަހުން ފެށިގެން ބަދަލު ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށާއި އަދި އެ ކުންފުނީގެ މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަމުން ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ ޕެކޭޖް ޗެކާ އިން ބެލޭނެ ކަމަށްވެސް ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ކުންފުނިން ދަނީ ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ހިދުމަތް ދެމުންނެވެ.