ޚަބަރު

ކާފިއު ގަޑި ރޭގަނޑު 8:00 ގައި ފަށަން ނިންމައިފި

ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަށަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި މި ލުއިތައް ދިނުމަށް ނިންމާފައިވަނީ ސިއްހީ މާހިރުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބޭފުޅުންނާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ލުއިތައް ދޭނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. މިހާރު ކާފިއު ވަގުތަކީ ހަވީރު 6:00 އިން ފަތިހު 4:00 އަށެވެ.

ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި އަދި ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލައި ބޭރުގައި އުޅެވޭ ގޮތަށްވެސް ލުއި ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށާއި ކާފިއު ނޫން ވަގުތުތަކުގައި ކެފޭ ރެސްޓޯރެންޓްތަކުގައި އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސައުތު އޭޝިއާގެ ގައުމުތަކުގައި ރައްޔިތުންނަށް ކަނޑައެޅޭ އުސޫލެއްގެ މަތީން ވޯކް ޕާމިޓްގައި ރާއްޖެ އާދެވޭ ކަމަށާއި ނަމަވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ސައުތު އޭޝިއާގެ ފަތުރުވެރިންނަށް އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް އާދެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރާނީ އޭޝިއާގެ ހާލަތަށް ބަލާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާލެ ސަރަހައްދުގެ ކޮވިޑްގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.