ދިވެހި ސަރުކާރުގެ ގެވެށި ގުޅުން ކެމްޕެއިނަށް ޕާކިސްތާނުން 2.9 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ފޮރިން މިނިސްޓްރީގެ ސެކެޓްރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އެވެ. ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މިހްތާރް އެވެ.
މިއަދު ސޮއިކުރި ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާ އެކު ފާކިސްތާނު ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ 2.9 މިލިއަން ރުފިޔާގެ ގެ ރަސްމީ އެހީ ހަމަޖެހިގެން ދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގެވެށި ގުޅުން ކެމްޕެއިނަކީ، ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގައި ޖެންޑާރ މިނިސްޓްރީން އިސްނަގައިގެން ސަރުކާރުން ފެށި ކެމްޕެއިނެކެވެ.
ޕާކިސްތާނުން މިއަދު ދިން އެހީއާ އެކު ކެމްޕެއިން އިތުރަށް ފުޅާކޮށް އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ޖެންޑާރ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ފެށި އެ ކެމްޕެއިންގެ ދަށުން ބައެއް ހަރަކާތްތައް މިދިޔަ އަހަރު ބޭއްވި ނަމަވެސް މި އަހަރު އެއްވެސް ހަރަކާތެއް ހިންގި ކަމެއް އިނގިފައެއް ނެތެވެ. އަދި އެ ކެމްޕެއިންގެ ދަށުން މިހާތަނަށް ހާސިލްވެފައިވަނީ ކޮންކޮން ކަންތައްތަކެއް ކަމެއް ކަން ވެސް ޖެންޑާރ މިނިސްޓްރީން ހާމަކޮށްފަ އެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު