މީގެ އަހަރުތަކެއް ކުރިން ކެމްޕަސް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެ، މީހެއްގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތާ ގުޅިގެން އަހުމަދު އަފްޒަލް ވަޒީފާއިން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ 27 ފެބުރުއަރީ 2007 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވިސްގައި ޕޮލިސް ކޮންސްޓަބަލްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އދ. މާމިގިލީ ފްރީޕާކު އަހުމަދު އަފްޒަލް ވަޒީފާއިން ވަކި ކުރި މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތް ހައިކޯޓުން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނިީ، ކެމްޕަސް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެ، މީހެއްގެ ގައިގައި ކަޓަރު އަޅައި ޒަހަމްކޮށްލި މައްސަލާގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން، ޕޮލިސް ކޮންސްޓަބަލްގެ މަގާމުގައި އޭރު ވަޒީފާ އަދާކުރަމުންދިޔަ އަހުމަދު އަފްޒަލް 28 ޑިސެމްބަރު 2009 ވަނަ ދުވަހުން ފެށިގެން ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން އަމުރެއް ނެރެފައިވާތީ، އެދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ވަޒީފާއިން ސަސްޕެންޑް ކުރި ކަމަށެވެ.
ނަމަވެސް އެކަން އޭނާއަށް އަންގާފައި ވަނީ 9 މޭ 2010 ގެ ތާރީހުގައި ސޮއިކޮށްފައިވާ، ވަޒީފާއިން ސަސްޕެންޑްކުރިކަން އަންގާ ލިޔުމުންނެވެ. އެކަމާ ގުޅިގެން އަހުމަދު އަފްޒަލްގެ މައްސަލަ 11 ޖެނުއަރީ 2010 ގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް، ހުށަހެޅިއެވެ.
އެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި އިރު، ފުލުހަކަށް ވެ ހުރެ ފޭރުމުގެ މައްސަލައާ ބެހޭ މައުލޫމާތު، އަފްޒަލަށް ކުރިން އެނގިހުރެ އަންގާފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ އިތުރުން އެ ހާދިސާ ހިނގިއިރު ހާދިސާ ހިނގިތަނުން އޭނާގެ ސައިކަލު ފެނިފައިވާ ކަމަށާއި، އޭނާ ފުލުހުންނަށް ދިން މައުލޫމާތަށް ބަލައި ހޯދި ތަންތަނުން ފެންނާނެ ކަމަށް ބުނި ތަކެތި ފެނިފައިވާ ކަމަށާއި، ފަހުން ތަހުގީގުގައި ވާހަކަ އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި 28 ޑިސެންބަރު 2009 އިން 7 މޭ 2010 ގެ ނިޔަލަށް މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމުގައި ވެސް ވަނީ ބަޔާން ކޮށްފައެވެ.
އެ މައްސަލަ ސިޕްލިނަރީ ބޯޑަށް ހުށަހެޅުމާ ގުޅިގެން 11 މޭ 2010 ގައި ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައި ބައިވެރިވުމަށާއި، އޭނާގެ ފަރާތުން ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު އަފްޒަލަށްދިނެވެ.
ނަމަވެސް އޭނާ ބޯޑަށް ހާޒިރުވާން އިއުތިރާޒު ކުރާ ކަމަށާއި، ހާޒިރުވާން ބޭނުން ނުވާކަމަށް ވެސް ވަނީ އަންގައިފައެވެ.
އެކަމާ ގުޅިގެން 12 މޭ 2010 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމައި، 10 ޖޫން 2010 ގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށް، ފުލުހުންގެ ހުރިހާ މުވައްޒަފުންގެ މައުލޫމާތަށްޓަކައި 13 ޖޫން 2010 ވަނަ ދުވަހު އެކަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް މި މައްސަލައިގައި ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން އަފްޒަލްއަށް ހަވާލު ކުރަން ފުލުހުންގެ ހިއުމަން ރިސޯސް ސެކްޝަނުން މަސައްކަތް ކުރިކަމަށް ޝަރީއަތުގައި ދައުލަތުން ބުނި ނަމަވެސް އޭނާއަށް އެ ލިޔުން ލިބިފައި ނުވާ ކަމަށް އަފަޒަލް ވަނީ ބުނެފައެވެ.
ކެމްޕަސްގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައިގައި ކުރެވުނު ތުހުމަތާ ގުޅިގެން އަފްޒަލްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން 30 ސެމްބަރު 2010 ގައި ނިންމުމާ ގުޅިގެން، އެ މައްސަލައިގެ ތހުމަތުގައި އޭނާގެ މައްޗަށް ކުރި ސަސްޕެންޝަން ނިމުމަކަށް ގެނެސްފައި ނުވާތީ، އެކަން ނިމުމަކަށް ގެނެސް އޭނާ އަލުން ވަޒީފާއަށް ނެރުމަށާއި، ސަސްޕެންޝަނުގައި ހޭދަވި މުއްދަތުގައި އޭނާއަށް ލިބެން ވާ ކަމަށް ބުނާ މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތައް ލިބިދިނުމަށާއި، އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމި ހިސާބުން ފެށިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އޭނާގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމާފައި ނުވާތީ އެކަމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި ވަކީލުގެ ފީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދައިދިނުމަށް އެދި ދައުލަތުގެ މައްޗަށް އޭނާގެ މައްޗަށް ދައުވާކޮށް 28 ނޮވެމްބަރު 2013 ގައި ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސަލަ ބަލައި 26 މޭ 2014 ގައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ ފުލުހުންގެ ވަޒީފާއިން އަފްޒަލް ވަކިކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި، ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާއި ބެހޭ ގަވާއިދާ ހިލާފަށް ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.
އެހެންކަމުން އަފްޒަލް އެދިފައިވާ ގޮތަށް އެ ވަޒީފާ އާއި މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުން ލިބިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި ދިވެހި ދައުލަތުގެ މައްޗަށް ޝަރީއަތުގެ ފަރާތުން އަންގާނެ ތަނެއް ނެތް ކަމަށް ހުކުމް ކުރާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމް އަފްޒަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމުން ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލު ކޮށްފައެވެ.
އެއާއެކު ފުލުހުންގެ ވަޒީފާއިން އަފްޒަލް ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެކަމާ ގުޅިގެން އޭނާއަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައި ބުނެފައި ވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު