ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "އާސްކް ސްޕީކާ" ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ "އާސްކް ސްޕީކާ" ޕްރޮގްރާމް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައި ކަމަށެވެ. މި ފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ވާޗުއަލްކޮށް ކަމަށް ބުންޏެވެ.
ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް މިވަގުތު ހުންނެވީ ޖަރުމަނުވިލާތުގައެވެ.
މަޖިލީހުން ބުނީ އެ ބައްދަލުވުމުގައި ކްލަބް ހައުސް މެދުވެރިކޮށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެ ކަމަށެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ނަޝީދު ވަގުތުން ޖަވާބު ދެއްވާނެ ކަމަށް މަޖިލީހުން ބުންޏެވެ.
ރައީސް ނަޝީދާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެގޮތުން ސުވާލުކުރާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންވާ ސުވާލު، އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހޮޓްލައިން ނަންބަރު 7234566 އަށް ސުވާލު ފޮނުވަން ވަނީ އެދިފައެވެ.
މީގެ އިތުރުން ކްލަބްހައުސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި ކްލަބްހައުސް އެކައުންޓުގެ ނަހޮޓްލައިނަށް ފޮނުވަން ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް #AskSpeaker ޖެހުމަށްފަހު ސުވާލު ކުރަމުން ގެންދަން މަޖިލީހުގެ އިދާރާއިން ވަނީ އެދިފައިއެވެ.
މިއީ މިގޮތަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވާ ތިން ވަނަ ޕްރޮގްރާމެވެ. "އާސްކް ސްޕީކާ" ޕްރޮގްރާމް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު