ޔޫރޯ 2020 ގެ ގަދަ 16ގައި ސްޕެއިންއާއި ކްރޮއޭޝިއާ ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕާކަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 5-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަށް ގޯލް ފެނިފައިވާ އިރު، މިއީ ޔޫރޯ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ފެނުނު މެޗެވެ. ޔޫރޯ ތާރީހުގައި އެންމެ ގިނަ ގޯލު ފެނުނު މެޗަކީ 1960 ވަނަ އަހަރު ސެމީ ފައިނަލުގައި ފްރާންސާއި ޔޫގޯސްލާވިއާ ކުޅުނު މެޗުގައެވެ. އެ މެޗުގައި ނުވަ ގޯލު ފެނިފައިވެއެވެ.
ކްރޮއޭޝިއާއަކީ އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ޓީމެވެ. އެޓީމުގެ ރަން ޖީލާއެކު މިފަހަރުގެ ޔޫރޯއަށް ތައްޔާރުވީ ވޯލްޑް ކަޕްގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. ގްރޫޕް ސްޓޭޖުގައި ވާދަކުރީ ގްރޫޕް ޑީގައެވެ. ކްރޮއޭޝިއާއަކީ ގްރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ 16 އަށް ދިޔަ ޓީމެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑް ބަލިކޮށް، ޗެކު ރިޕަބްލިކާ އެއްވަރު ކޮށްފައެވެ. ކްރޮއޭޝިއާ ބަލިވީ އިންގްލެންޑް އަތުން އެކަންޏެވެ.
އަނެއްކޮޅުން ނުކުތް ސްޕެއިންއަކީ ޔޫރޯ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. އެޓީމުން މިހާތަނަށް ތިން ފަހަރު ޔޫރޯ ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2012 ވަނަ އަހަރުއެވެ. ސްޕެއިނަށް ގްރޫޕް ސްޓޭޖުގައި އުނދަގޫތަކެއް ދިމާވެފައިވެއެވެ. އެޓީމުން ތިން މެޗުގެ ތެރެއިން މޮޅުވެވުނީ ފަހު މެޗުގައި އެކަންޏެވެ.
މިރޭގެ މެޗު ފެށިގެން ސްޕެއިންއިން އެޓީމުގެ ރަސްމީ ކުޅުމުގައި ކުޅެން ފެށިއެވެ. މެޗު ކޮންޓްރޯލްކޮށް، ޕާސްތައް ގިނަކޮށް ފެނުނީ ސްޕެއިންއެވެ. ހާއްސަކޮށް އެޓީމުން ވަނީ ކްރޮއޭޝިއާ ކުރިއަށް ޖެހިލަން ޖާގަ ނުދީ ކްރޮއޭޝިއާ އޭރިއާ ތެރެއަށްވެސް ނުރައްކާ ކޮށްފައެވެ. ސްޕެއިނަށް މިހާތަނަށް މުބާރާތުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ޑޮމިނޭޓްކޮށްގެން ކުޅުނު ނަމަވެސް ގޯލު ނުޖެހުމެވެ.
މިރޭގެ މެޗުގެ ކުރީކޮޅުގައިވެސް ސްޕެއިނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީއެވެ. މެދުތެރެއިން ހިތްގައިމު ޕާސްތައް އުފައްދައި ސްޕެއިންއިން ހަމަލާތައް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ޖަހަން އުނދަގޫވިއެވެ. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކޮކޭ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައިވާ އިރު، ފެރާން ޓޮރޭސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ޑިފެންޑަރު ވިޑާ ގައިގައި ޖެހި ދިޔައީ ބޭރަށެވެ.
އެ ހުސް ދެ ފުރުސަތުގައިވެސް ފާހަގަވެފައި ވަނީ ނިންމާލަން ރަނގަޅު ނޫން ކަމެވެ. ކޮކޭގެ ހަމަލާ ގޯލްކީޕަރާ ދިމާއަށް ދިޔަ އިރު، މޮރާޓާ ބޮލުން ޖެހި ބޯޅަވެސް ވިޑާ ގައިގައި ޖެހުނީ މިސްރާބުން ކަސިޔާރުވެގެންނެވެ.
ސްޕެއިންއިން ހަމަލާތައް އުފައްދައި ނުރައްކާ ކުރަމުން ދަނިކޮށް އެޓީމު ޝޮކަކަށް ދިޔައީ ގޯލްކިޕަރު ސިމޮން އަތުން ހެދުނު ބޮޑު ގޯހަކުން ބައިކޮޅަށް ވަން ގޯލާއެކުގައެވެ. މެދު ރޮނގާ ހަމައިން ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ، ކީޕަރު އުނައި ސިމޮން ކޮންޓްރޯލް ކުރަން އުޅެނިކޮށް ބައިކޮޅަށް ގޯލަށް ވަނީ ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުވެގެންނެވެ. އެއީ މިހާތަނަށް މި މުބާރާތުގައި ބައިކޮޅަށް ވަން ނުވަ ވަނަ ގޯލެވެ.
އެ ގޯލާއެކު ސްޕެއިނަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް އެޓީމުން ވަނީ ހާފު ނިމުމުގެ ކުރިން އެ މާޔޫސްކަން ފިލުވާލައިފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަރާބިއާއެވެ. ގަޔާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވަކޮވިޗް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ސަރާބިއާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ގޯލްކީޕަރު ގައިގައި ޖެހިފައެވެ.
މެޗަށް މިރޭ ކްރޮއޭޝިއާއިން ނުކުތީ އެޓީމުގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ އީވާން ޕެރަސިޗާއި ޑީޖޭން ލޮވްރެން ނުލައެވެ. ޕެރަސިޗަށް ކޮވިޑް ޖެހި މިރޭގެ މެޗު ގެއްލިފައިވާ އިރު، އެ ދެކުޅުންތެރިން ނެތްތަންވެސް ފުރަތަމަ ހާފުގައި ކްރޮއޭޝިއާއަށް ދެއްކިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ފެނިގެން ދިޔައީ ސްޕެއިންގެ "ޑޮމިނޭޓިވް" ކުޅުމެވެ. ސްޕެއިންއިން ހަމަޖެހިލައިގެން އެޓީމުގެ ރަސްމީ ކުޅުމާއެކު ކްރޮއޭޝިއާއަށް ނުރައްކާ ކުރަމުން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި ސެޒާ އަޒްޕިލިކުއެޓާ އަރިމަތިން ކުރިއަށް ޖެހި ނުރައްކާ ކުރި އިރު، ސްޕެއިނަށް ފަހަތުން އަރައި ލީޑު ނަގައިދިނީވެސް އޭނާގެ ގޯލުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި އަރިމަތިން ފެރާން ޓޮރެސް ނަގައިދިން ހުރަސް އަޒްޕިލިކުއެޓާ ގޯލަށް ވައްދާލީ ބޮލުންނެވެ. އެއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
އެ ލަނޑަށް ފަހުވެސް މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ ޔަގީންކަމާއެކު ކުޅެމުންދިޔަ ސްޕެއިނެވެ. ކްރޮއޭޝިއާއަށް ވަނީ ހަމަލާތައް އުފައްދަން އުނދަގޫވެފައެވެ. މެޗުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ފަރާތުން ފެނުނު އެންމެ ރަނގަޅު ހަމަލާއަކީ އަރިމަތިން ފަހަތަށް ކުޅޭ ވާޑިއޮޓް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެކެވެ. އެ ހަމަލާ ހުޝިޔާރު ކަމާއެކު މަތަކުރީ ސްޕެއިންގެ ގޯލްކީޕަރު ސިމޮންއެވެ.
ސްޕެއިން ކުއާޓާ ޔަގީންކުރީ ތިންވަނަ ގޯލަކާވެސް އެކުގައެވެ. ހިލޭ ޖެހުމަކުން އަމިއްލަ ހާފުގެ ތެރެއިން ޕައު ޓޮރޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ފެރާން ޓްރޭސް ބޯޅަ ފަސޭހަކަމާއެކު ނިންމާލީ ގޯލުގެ ތިރީ ކަނަށެވެ. އެ ގޯލާއެކު ސްޕެއިންއިން ވަރަށް ބޮޑަށް ހަމަޖެހިލި ނަމަވެސް މެޗު ނިމެން ދަނިކޮށް ކްރޮއޭޝިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ހަނިކޮށްފައެވެ.
ކްރޮއޭޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އޯސިޗެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ފުރަތަމަ ހަމަލާ ގޯލު ލައިން މަތިން އަޒްޕިލިކުއެޓާ ދިފާއުކުރި ނަމަވެސް، ރީބައުންސް ބޯޅައިން އޯސިޗް ވަނީ ގޯލު ޖަހައިފައެވެ. އޯސިޗްގެ ހަމަލާ ކީޕަރު ސިމޮން ދިފާއުކުރި ނަމަވެސް، އެ ބޯޅަ ގޯލު ލައިން ހުރަސް ކުރި ކަމަށް ރެފްރީ ނިންމީ ގޯލު ލައިން ޓެކްނޮލޮޖީގެ އެހީގައެވެ.
އެ ގޯލާއެކު މުޅި މެޗުގެ އޮއިވަރު ބަދަލުވެ، ކްރޮއޭޝިއާއިން އުންމީދު އާކުރިއެވެ. އެޓީމަށް ދިރުން ލިބި ނަތީޖާ ހަމަހަމަ ކުރުމަށް ހިތްވަރާއެކު ކުރިއަށް ޖެހިލިއެވެ. ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ ފަހު ވަގުތު ހަމަހަމަވެސް ކުރިއެވެ. އޯސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ކޮރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޕަސަލިޗެވެ.
އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސް، ބަލާހިތްވާފަދަ ތަފާތު މެޗަކަށް މެޗު ވެގެން ދިޔައެވެ. ފޯރި ގަދަކޮށް އިތުރު ވަގުތުވެސް ފެނިގެން ދިޔައިރު، ދެކޮޅަށްވެސް ހަމަލާތައް ދިޔައީ އުފައްދަމުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި ޕެނަލްޓީ އޭރިއާ ބޭރުން އޯސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ. އާދި އޭގެ އިރުކޮޅެއްފަހުން ކްރަމަރިޗް ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު މަތަކުރީ ސްޕެއިންގެ ގޯލްކީޕަރު ސިމޮންއެވެ.
ކްރޮއޭޝިއާގެ ނުރައްކަލުން ސަލާމަތްވެ އިތުރު ވަގުތުގައި ލީޑު ހޯދީ ސްޕެއިނުންނެވެ. އެޓީމަށް އިތުރު ވަގުތުގެ ފުރަތަމަ ގޯލު ޖަހައިދިނީ މޮރާޓާއެވެ. އެތައް ފާޑު ކިޔުންތަކަކަށް އޭނާ ޖަވާބު ދިނެވެ. ސްޕެއިންއިން ހިތްހަމަ ޖެހުމާއެކު މިނެޓެއް ފަހުން އަނެއްކާވެސް ގޯލެއް ޖަހައި ދެ ގޯލުގެ ލީޑެއް ނެގިއެވެ. އޮލްމޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮޔަރްޒަބަލްއެވެ.
މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށް ސްޕެއިންއިން ހަމަޖެހިލައި އަނެއްކާވެސް މަޑުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެ ނަތީޖާއާއެކު މެޗު ނިންމާލީ ޔަގީންކަމާއެކުގައެވެ. އޭގެ ފަހުންވެސް ސްޕެއިންގެ ގިނަ ހަމަލާތަކެއް ފެނުނު އިރު، އޮލްމޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.
ކުއާޓާ ފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭނީ ފްރާންސް ނޫނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.